ޚަބަރު

ހިޔާ މަޝްރޫޢަށް އަންނަނީ ބޮޑު ތަރުޙީބެއް ލިބެމުން : ހައުސިންގ


ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވެހިކަމުގެ ބިޔަ މަޝްރޫޢު "ހިޔާ"ގެ ފްލެޓްތަކަށްއެދި ހުށަހަޅާ ފޯމްތައް ބަލައިގަންނަން ފެށިއިރު އެ ކަމަށް ބޮޑު ތަރުޙީބެއް ލިބެމުން އަންނަ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ.
ފޯމް ހުށަހެޅުމުގެ ކަންކަން ފަސޭހަ ކުރުމުގެ ގޮތުން، ހައުސިންގ މިނިސްޓްރީން ވަނީ ފޯމް ބަލައިގަތުމަށް ދޫކުރާ ކިއު ނަންބަރު ދޫކުރާގޮތަށް ބޮޑު ބަދަލެއް ގެނެސްފައެވެ. އެގޮތުން ފޯމް ބަލައިގަތުމަށް ދޫކުރާ ކިއު ނަންބަރު ދޫކުރަމުންދަނީ "ކިއުބީ" މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށެވެ.
ހިޔާ މަޝްރޫޢުއާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ޙިއްސާކުރައްވަމުން ހައުސިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް އަޙްމަދު ފަޒާލް ވިދާޅުވީ ހިޔާ މަޝްރޫޢުގެ ފޯމްތައް ބަލައިގަތުން ފެށުމާއިއެކު ޢާންމުންގެ ފަރާތުން އެކަމަށް ބޮޑު ތަރުޙީބެއް ލިބެމުން އަންނަ ކަމަށެވެ.

"
"އަޅުގަނޑުމެން ވަރަށް ބޮޑަށް ޝުކުރު އަދާކުރަން އާންމުންނަށް ހައުސިން މިނިސްޓްރީގެ ފަރާތުން ދިން މަޢުލޫމާތުތަކާއި އެއްގޮތަށް ޢާންމުން ކަންތައް ކުރަމުން ގެންދާތީ. ރަމަޟާން މަސް ކަމަށްވީ ނަމަވެސް ހަމަ ޢާންމުންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބޭ. ދެން އަޅުގަނޑުމެން ދަންނަވާލަން ޢާންމުންނަށްވެސް ހުރިހާ ލިޔެކިއުންތައް ހުރިނަމަ އަވަހަށް ވަޑައިގެން ފޯމް ހުށަހަޅާށޭ،"
އަޙްމަދު ފަޒާލް / ހައުސިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް

ދިހައެއްޖެހިއިރު "ކިއުބީ" އެޕްލިކޭޝަން މެދުވެރިކޮށްކިއު ނަންބަރު ދޫކުރަން ފަށާފައިވާއިރު، މި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ކިއު ނަންބަރު ނުނެގޭ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ދަރުބާރުގޭގައި 21 ކައުންޓަރު ބަހައްޓާފައިވާއިރު އެންމެ ބާރުބޮޑު 4 ކެޓަގަރީއަށް ޚާއްސަކޮށްގެން ކޮންމެ ކެޓަގަރީއަކަށް 3 ކައުންޓަރުވެސް ބަހައްޓާފައިވެއެވެ. މިއަދުން ފެށިގެން އަންނަ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވާކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.

ރާއްޖޭގެ ތާރީޚުގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫޢު "ހިޔާ" މަޝްރޫޢުގެ ފްލެޓްތަކަށް ފޯމް ދޫރަން ފަށާފައިވަނީ މެއި މަހުގެ 6 ވަނަ ދުވަހު ދަރުބާރުގޭގައި މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މެއި މަހުގެ ނިޔަލަށް ދަރުބާރުގެއިން 40،000 އަށްވުރެ ގިނަ ފޯމު ދޫކޮށްފައިވާކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން ހައުސިންގ މިނިސްޓްރީގެ ވެބްސައިޓުންވެސް ގިނަ ޢަދަދެއްގެ ފޯމު ޑައުންލޯޑްކޮށްފައިވާކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.

ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓްތަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 12 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. ހިޔާ މަޝްރޫއުގެ ދަށުން 1 ލައްކައަށްވުރެ ގިނަ މީހުންންގެ އާބާދީއަކަށް ގެދޮރުވެރިކަން ޔަޤީންވެގެންދާނެކަމަށް ސަރުކާރުން ބުނެއެވެ.