ޚަބަރު

އެމްޑީޕީގެ އިސްވެރިންނާމެދު ފިޔަވަޅުއަޅަން ފުލުހުންނަށް ހުށަހަޅަނީ


ޤާނޫނާ ޚިލާފަށް އެމްޑީޕީގެ ޕްރައިމަރީ ބާއްވާފައިވާތީ، އެޕާޓީގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނާމެދު ފިޔަވަޅު އެޅުމަށް ފުލުހުންނަށް ހުށައެޅުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިގޮތަށް ނިންމީ މިއަދު ބޭއްވި އެކޮމިޝަންގެ ބައްދަލުވުމެއްގައެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަހްމަދު އަކްރަމް ވިދާޅުވީ، ޤާނޫނާއި ޤަވާއިދުތަކާ ޚީލާފަށް އެމްޑީޕީން އެޕާޓީގެ ޕްރައިމަރީ ބާއްވާފައިވާތީ އެމައްސަލަ ވަރަށް ބޮޑު މައްސަލައެއްގެ ގޮތުގައި ބަލަމުންއަންނަކަމަށެވެ. އެޕާޓީގެ ޕްރައިމަރީ ބޭއްވީ އެއީ ޤާނޫނާ ޚިލާފްކަމެއްކަން އެނގިތިބެ އެމްޑީޕީގެ އިސްސަފުގައި ހަރަކާތްތެރިވާ ބޭފުޅުންކަން ފާހަގކުރައްވާ އަކްރަމް ވިދާޅުވީ، ޤާނޫނާ ޚިލާފަށް ކަންކަންކުރުމުގެ ޘަޤާފަތެއް އަށަގެންނެވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ނުދޭނެކަމަށެވެ.

އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ. އެމާއްދާގައި ބުނެފައިވަނީ "ޕާޓީއަކުން ކޮށްގެން ނުވާނެކަމަށް ކަނޑައަޅާފައިވާކަމެއް ޕާޓީގެ މަޤާމަކަށް އިންތިޚާބުކޮށްފައިވާ ނުވަތަ އައްޔަންކޮށްފައިވާ މީހަކުވިޔަސް، ރާއްޖޭގައި ބާއްވާ އިންތިޚާބަކަށް ޕާޓީގެ ނަމުގައި ކުރިމަތިލާފައިވާ މީހަކުވެސް އަދި ޕާޓިގެ ނަމުގައި އެ އިންތިޚާބެއް ކާމިޔާބުކޮށްފައިވާ މީހަކުވެސް ކޮށްގެންނުވާނެއެވެ." މިހެންނެވެ.

މީގެ އިތުރުން އެމްޑީޕީން ޤާނޫނާ ޚިލާފަށް ޕްރައިމަރީ ބާއްވާފައިވާތީ އެޕާޓީއާމެދު ފިޔަވަޅު އެޅުމަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށްވެސް އަކުރަމް ވިދާޅުވިއެވެ. ޤާނޫނީގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމުން އިލެކްޝަންސް ކޮމިޝަންގެ ދެން އޮންނަ ބައްދަލުވުމަށް އެމްޑީޕީއާމެދު ފިޔަވަޅު އެޅުމަށް ގޮތެއް ނިންމުން ފަސްކޮށްފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީން ރިޔާސީ ޕްރައިމަރީ ބޭއްވީ ޤާނޫނާއި ޚީލާފަށްކަމަށާއި، އެޕާޓީއާމެދު ފިޔަވަޅު އަޅާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ވަނީ ބުނެފައެވެ. އެގޮތުން ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ 30 ވަނަ މާއްދާއާއި 48 ވަނަ މާއްދާއަށް ރިޢާޔަތްކޮށް އެމްޑީޕީ އުވާލުމަށް ހައިކޯޓަށް ހުށައެޅުން ނުވަތަ އެޕާޓީ ޖޫރިމަނާކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް އެކޮމިޝަނުން ބުނެއެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ 30 ވަނަ މާއްދާގައި، ސިޔާސީ ޕާޓީއެއް އުވާލުމަށް ހައިކޯޓަށް ހުށަހެޅޭނެކަންކަމުގެ ތެރޭގައި ޤާނޫނު އަސާސީގެ ބާރު ކަނޑުވާލުމާއި، ޤާނޫނުތަކާ ތަކުރާރުކޮށް ޚިލާފުވުމާއި، ޕާޓީގެ އަސާސީ ޤަވާއިދާ ޚިލާފަށް ޕާޓީ ހިންގުންފަދަ ކަންކަން ހިމެނެއެވެ. އަދި އެ ޤާނޫނުގެ 48 ވަނަ މާއްދާގައި ބުނެފައިވަނީ، ސިޔާސީ ޕާޓީތަކުގެ ޤާނޫނާ ޚިލާފުވާ ފަރާތެއް، ތިރީސްހާސް ރުފިޔާއާއި ހަތްދިހަ ފަސްހާސް ރުފިޔާއާއި ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރެވޭނެ ކަމަށެވެ.