ލައިފް ސްޓައިލް

ކޮލޯން ސެންޓްރަލް މޮސްކް - ޔޫރަޕްގެ އެންމެ ރީތި އެއް މިސްކިތް


ކޮލޯން ސެންޓްރަލް މޮސްކަކީ ޖަރުމަންވިލާތުގެ ހުޅަނގުން އޮންނަ ކޮލޯން ސިޓީގައި ބިނާކޮށްފައިވާ ބޮޑު މިސްކިތެކެވެ. މިމިސްކިތަކީ ޖަރުމަނުގައި ބިނާކޮށްފައިވާ މިސްކިތްތަކުގެ ތެރެއިން އެންމެ ބޮޑު އެއް މިސްކިތެވެ. މީގެ އިތުރުން ޢިމާރާތްކުރުމުގެ ހުނަރާއި ފަރުމާކުރުމުގެ ހުނަރުން ފާހަގަވެފައިވާ މި މިސްކިތަކީ ޔޫރަޕްގައިވެސް ފާހަގަކޮށްލެވޭ މިސްކިތެކެވެ.
ނުވަދިހައިގެ ފަހުގެ އަހަރުތަކުގެ ތެރޭގައި ޖަރުމަންވިލާތުގެ ކޮލޯންގައި މިފަދަ ބޮޑު މިސްކިތެއް ބިނާކުރުމުގެ ވާހަކަތައް ފުރަތަމަ ދެކެވެން ފެށީ ކޮލޯންގައި އުޅޭ މުސްލިމުން ނަމާދުކޮށް، މުސްލިމުންގެ އެކި މުނާސަބަތުތައް ފާހަގަކުރުމަށް ޖަމާވާނެ ޚާއްސަ ތަނެއް ނެތުމުން، އެކަމުގެ ކަންބޮޑުވުންތަކާއެކުއެވެ.
ކޮލޯން ސިޓީގައި އުޅޭ މުސްލިމުން އާއްމުކޮށް ޖަމާޢަތުގައި ނަމާދުކުރަން ޖަމާވަނީ ޖަރުމަންވިލާތުގައި އުޅޭ މުސްލިމުންނަށް އެހީވުމާއި އެކިއެކި ހަރަކާތްތައް ރޭވުމުގައި އިސްކޮށް އުޅޭ ތުރުކީގެ ޖަމާޢަތެއްކަމަށްވާ ޓަރކިޝް އިސްލާމިކް ޔޫނިއަން ފޮރ ރެލިޖަސް އެފެއާޒްގެ އޮފީސް ހިނގަމުންދިޔަ އިމާރާތެއްގެ ތެރޭގައެވެ.

2009 ވަނަ އަހަރު އެޢިމާރާތް ތަޅާލަން ދެން، އެ ވަނަ އަހަރު އެއިމާރާތް ތަޅާލަންދެން އެމީހުން ނަމާދުކުރަމުންދިޔައީ އެތަނުގައެވެ. ނަމަވެސް އެތަނުން މިސްކިތެއް ސިފަ ނުފެންނާތީ މީހުންގެ ކަންބޮޑުވުންތައް އަންނަން ފެށިއެވެ. އަދި ޖާގައިގެ ދަތިކަމާއެކު މިތަނަށް ޖަމާވެ އުޅުމަށްވެސް ދަތިތަކާ ކުރިމަތިވުމުން، އައު ޢިމާރާތެއް ބިނާކުރުމުގެ ޚިލާޔު އުފެދުނެވެ.
1996 ވަނަ އަހަރު ކޮލޯންގެ ސިޓީ ކައުންސިލުން، ކްލޯންގައި އުޅޭ ހުރިހާ މުސްލިމް ޖަމާއަތްތައް ގުޅިގެން މިސްކިތެއް ބިނާކުރުމުގެ ހުއްދަ ދިނެވެ. ނަމަވެސް އެމަސައްކަތް ކުރިއަށްނުދިއުމުން ޓަރކިޝް އިސްލާމިކް ޔޫނިއަން ފޮރ ރެލިޖަސް އެފެއާޒްއިން ނިންމީ، އެޖަމާޢަތުގެ އޮފީސް ހުރި ބިމުގައި މިސްކިތް ބިނާކުރުމުގެ މަސައްކަތް އަމިއްލައަށް ކުރުމަށެވެ. އަދި އެމިސްކިތަކީ ހަމައެކަނި ނަމާދުކުރާ ތަނެއްގެ ބަދަލުގައި، އިޖްތިމާއީ އަދި ސަޤާފީ ކަންކަން ހިންގޭނެ ވަސީލަތްތަކަކާއެކު ބިނާކުރާ މިސްކިތަކަށް ހެދުމަށް ނިންމިއެވެ.
މިސްކިތުގެ ޑިޒައިން ފައިނަލް ކުރަން ޚާއްސަ މުބާރާތެއް ބޭއްވިއިރު، ކޮލޯން ސެންޓްރަލް މޮސްކް ބިނާކުރުމުގެ އަމަލީ މަސައްކަތް ފެށިގެންދިޔައީ، 2009 ވަނަ އަހަރު އެމިސްކިތުގެ ބިންގާ އެޅުނު ހިސާބުންނެވެ. މިސްކިތް ބިނާކޮށްފައިވަނީ އެކަމަށްޓަކައި ޚާއްސަކުރެވުނު 48000 އަކަ ފޫޓުގެ ސަރަޙައްދެއްގައެވެ.
2011 ވަނަ އަހަރު މިސްކިތުގެ ކޮންކްރީޓް މަސައްކަތް ނިންމާލިއިރު، މިސްކިތުގައި އެއްފަހަރާ 1200 އެއްހާ މީހުންނަށް ނަމާދު ކުރެވޭނެވަރުގެ ޖާގައެއް އޮތެވެ. އަދި މިސްކިތުގެ ހުރިހާ މަސައްކަތެއްހެން ނިންމާލުމަށްފަހު ނަމާދުކުރުމަށް މިސްކިތް ހުޅުވާލާފައިވަނީ މިދިޔަ ރޯދަމަހުގެ ތެރޭގައެވެ.

ކޮލޯން ސެންޓްރަލް މޮސްކްގައި ނަމާދުކުރުމަށް ޚާއްސަ ސަރަހައްދެއްގެ އިތުރުން، އޮފީސްތަކާއި ކޮންފަރެންސް ހޯލްއަކާއި އިޖްތިމާއީ ހަރަކާތްތައް ހިންގުމަށްވެސް ޚާއްސަ ސަރަހައްދުތައް މިސްކިތުގެ ތެރޭގައިވެއެވެ. އަދި އެގްޒިބިޝަން ހޯލްއަކާއި ލައިބްރަރީއަކާއި ޓީޥީ ރޭޑީއޯ ސްޓޫޑިއޯތައްވެސް މިސްކިތުގައި ހުރެއެވެ. މީގެ އިތުރުން ވިޔަފާރުކުރާ ތަންތަނާއި 150 ކާރަށް ޕާކް ކުރެވޭވަރުގެ ޕާކިން ސަރަހައްދެއްވެސްވެއެވެ.
މިސްކިތުގެ ޢިމާރާތްކޮށްފައިވާ ގޮތަށް ބަލާއިރު، މިސްކިތް ބިނާކުރުމުގައި މައިގަނޑު ގޮތެއްގައި ބޭނުންކޮށްފައިވަނީ ކޮންކްރީޓާއި ބިއްލޫރިއާއި ލަކުޑިއެވެ. މިސްކިތް ޑިޒައިންކޮށްފައިވަނީ އާއްމުކޮށް ނުފެންނަ ފަދަ ޒަމާނީ ޑިޒައިނަކަށެވެ.
ޢިމާރާތް ޑިޒައިންކޮށްފައިވަނީ ވަށްކޮށް، ޢިމާރާތުގެ މެދެއްވާ ގޮތަށް ގުއްބެއްގެ ބައްޓަން އަންނަ ގޮތަށެވެ. އަދި ގުއްބުގެ އެއްބައި ކޮންކްރީޓުން ހަދާފައިވާ އަނެއް ބައިގައި ޖަހާފައިވަނީ ބިއްލޫރިއެވެ. ބިއްލޫރީގެ ސަބަބުން ގުއްބުގެ ތެރެއިން މިސްކިތުގެ ތެރެއަށް އަލި ހުންނަނީ އެޅިފައެވެ.
މިސްކިތުގެ ދެފަރާތަށްވާ ގޮތަށް ދެ މުންނާރު ހުންނައިރު. މީގެއިން ކޮންމެ މުންނާރެއްގައި 5 މީޓަރު ހުރެއެވެ. މިސްކިތުގެ ބޭރަށްވާ ގޮތަށް ހުންނަ ފާރުތައް ފަރުމާކޮށްފައިވަނީ ކޮންކްރީޓާއި ބިއްލޫރި ފާރުތަކަކުންނެވެ. ބިއްލޫރި ފާރުތަކުގެ ސަބަބުން މިސްކިތުގެ ތެރޭގައި ތިބޭ މީހުންނަށް މިސްކިތުގެ ގޯތިތެރެއާއި ބޭރު ވަރަށް ރީތިކޮށް ފެންނާނެއެވެ.

މިސްކިތުގެ އެތެރެއަށް ބަލާލާއިރު އިސްލާމީ ބިނާތަކުން ފެންނަ ފަދަ ފަރުމާތަކާއި މާތް ﷲގެ އިސްމަފުޅާއި ރަސޫލުންގެ ނަންފުޅުތަކާއި ޤުރުއާނުގެ އާޔާތްތައް ރަން އަކުރުން މިސްކިތުގެ އެތެރޭގެ ފާރުތަކުގައި ލިޔެފައިވެއެވެ.
މިސްކިތުގައި އަންހެނުން ނަމާދުކުރުމަށް ޚާއްސަ ތަނެއް ވަނީ ކަނޑައަޅާފައެވެ. އެހެން މިސްކިތްތަކާއި ޚިލާފަށް މިމިސްކިތުގައި އަންހެނުން ނަމާދުކުރުމަށް ޚާއްސަކޮށްފައިވާ ތަނަކީ، ފިރިހެނުން ނަމާދުކުރާ ތަނަށްވުރެ އުސްކޮށް ހަދާފައި ހުންނަ ތަނަކަށްވުމުން، ނަމާދު ކުރާ މީހުންނަށް ޢިމާމުވެ ނަމާދުކުރާ މީހާ ހުންނަނީ ފެންނާށެވެ.
މިސްކިތް ބިނާކުރުމަށް ގާތްގަނޑަކަށް 30 މިލިއަން ޔޫރޯ ޚަރަދުވިއެވެ. މިސްކިތް ބިނާކުރުމަށް ޚަރަދުވި ފައިސާގެ ބޮޑު ބައެއް ދީފައިވަނީ ތުރުކީގެ ދީނީ ކަންކަމާއި ބެހޭ މުއައްސަސާގެ ދަށުން ހިންގާ ޓަރކިޝް އިސްލާމިކް ޔޫނިއަން ފޮރ ރެލިޖަސް އެފެއާޒްއިންނެވެ. މީގެ އިތުރުން ސަތޭކައަށްވުރެ ގިނަ ޖަމްއިއްޔާ ޖަމާއަތްތަކުން ވަނީ މިސްކިތް ބިނާކުރުމަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ކޮލޯން ސެންޓްރަލް މޮސްކް މިދިޔަ ރޯދަމަހު ހުޅުވިގެން ދިއުމުން، ޖަރުމަންވިލާތުގެ ކްލޯންގައި ދިރިއުޅޭ މުސްލިމުންނަށް ނަމާދުކޮށް، ދީނީ މުނާސަބާތައް ފާހަގަކުރުމަށް އޮތް ދަތިކަމަށް ވަނީ ހައްލެއް ދާއިމީ ލިބިފައެވެ. މިމިސްކިތުގައި މިހާރު ޤަވާއިދުން ނަމާދުކުރާއިރު، އިސްލާމީ އެކި އެކި މުނާސަބާ ފާހަގަކުރުމަށް ގިނަ އަދަދެއްގެ މުސްލިމުން ކްލޯން ސެންޓްރަލް މޮސްކަށް ދަނީ ޒިޔާރަތްކުރަމުންނެވެ.