ޓުއަރިޒަމް

އިޓާލިއާ ޓްރެވަލް އެވޯޑުގެ "ބެސްޓް ސީ ޑެސްޓިނޭޝަން" ރާއްޖެއަށް!


އިޓާލިއާ ޓްރެވަލް އެވޯޑުގެ "ބެސްޓް ސީ ޑެސްޓިނޭޝަން" އެވޯޑު ރާއްޖެއިން އަނެއްކާވެސް ކާމިޔާބުކޮށްފިއެވެ.

މިއީ ރާއްޖެއިން މިއެވޯޑު ކާމިޔާބުކުރި ދެވަނަ އަހަރެވެ. ރާއްޖެއިން މިފަހަރު މިއެވޯޑު ކާމިޔާބުކުރީ ފްރެންޗް ޕޮލިނީޒިޔާ އާއި ސީޝެލްސްއާ ވާދަކޮށްގެންނެވެ. އިޓާލިއާ ޓްރެވަލް އެވޯޑު 2018 ކުރިޔަށް ގެންގޮސްފައިވަނީ އިޓަލީވިލާތުގެ ރޯމްގައެވެ. މިއެވޯޑަކީ އިޓަލީވިލާތުގެ ކަމާބެހޭ ފަރާތްތަކުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ އެވޯޑެކެވެ. މިއީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދައިރާގައި މަސައްކަތްކުރާ ފާހަކަކޮށްލެވޭ ފަރަތްތަކުގެ އަގުވަޒަންކުރުމަށްދެވޭ އެވޯޑެކެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގެ ޚިދުމަތްތުގެ ފެންވަރު މަތިކޮށް، ޕްރޮފެޝަނަލްކަން ދެމެހެއްޓުމަށް ބާރުއެޅުމަށް ރިސޯޓު، ހޮޓާ އަދި ވަކިވަކި މަންޒިލަތަކަށްދޭ މި އެވޯޑު ދެއެވެ.

އިޓަލީއަކީ ރާއްޖެއަށް 4 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމެވެ. މިގޮތުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޖުމްލަ 6.4 އިންސަތައަކީ އިޓަލީވިލާތުގެ ފަތުރުވެރިންނެވެ. 2017ވަނަ އަހަރު އިޓަލީވިލާތުން ރާއްޖެއަށް އައްޑިހަ އައްހާހަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާކަމަށް ތަފާސްހިސާބުތަކުން ދަށްކައެވެ. އެއީ 2016ވަނަ އަހަރާ އަޅާ ބަލާއިރު 24.8 އިންސައްތައިގެ ކުރިއެރުމެކެވެ.