ލައިފް ސްޓައިލް

ކޮރެޔާ - މުސްލިމުންނަށް އަމާން ތަނެއް


ތާރީޙު ދިރާސާކުރައްވާ ފަރާތްތަކުން ބުނާގޮތުން ކޮރެޔާގައި އިސްލާމްދީން އެންމެ ބޮޑަށް ފެތުރިގެންދިޔައީ 1950ގެ އަހަރުތަކުގެ ތެރޭގައި ކޮރެޔާ ހަނގުރާމަ ނިމުނުފަހުންނެވެ. އެގޮތުން އެދުވަސްވަރު ކޮރެޔާގައި ތިބި ތުރުކީ ސިފައިންގެ ފަރާތުން ކޮރެޔާއަށް އިސްލާމްދީން ވަރަށް ބޮޑަށް ފެތުރުނުކަމަށްވެއެވެ. އަދި އެއަށްފަހު 1970ގެ އަހަރުތަކުގެ ތެރޭގައި ކޮރެޔާގެ ކުންފުނިތަކުން މެދުއިރުމަތީގައި އޮޕަރޭޓްކުރަން ފެށުމާއެކު، ޢަރަބި ޤައުމުތަކަށް ދިޔަ ކޮރެޔާ ރައްޔިތުންނަށް އިސްލާމްދީން ތަޢާރަފްވެގެންދިޔައެވެ. އަދި ކޮރެޔާގައި މަސައްކަތްކުރަމުންދިޔަ ޢަރަބި ޤައުމުތަކުގެ ރައްޔިތުންގެ ފަރާތުންވެސް ކޮރެޔާ ރައްޔިތުންނަށް ދިޔައީ އިސްލާމްދީނާ ބެހޭ މަޢުލޫމާތު ލިބެމުންނެވެ.
މިއަދު 48.6 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ކޮރެޔާގައި އެހެން ޤައުމުތަކުގެ މުސްލިމުންނާއެކު އުޅެނީ ގާތްގަނޑަކަށް ސަތޭކަ ތިރީސް ފަސް ހާސް މުސްލިމުން. މީގެ ތެރެއިން ކޮރެޔާ ރައްޔިތުންގެ އަދަދަކީ ތިރީސް ފަސް ހާހެވެ. މިއީ ކްރިސްޓިއަނުންނާއި ބުޑިސްޓުންގެ ނިސްބަތާ އަޅާ ބަލާއިރު ކުޑައަދަދެކެވެ.

ކޮރެޔާގައި ޖުމްލަ 11 މިސްކިތެއް ހުންނައިރު، މީގެ ތެރެއިން ސޯލް ސެންޓްރަލް މޮސްކަކީ އެންމެ ގިނަ ބަޔަކު ނަމާދު ކުރުމަށް ޖަމާވާ މިސްކިތެވެ. 1976 ވަނަ އަހަރު ބިނާކޮށްފައިވާ މިސްކިތަށް ކޮންމެ ދުވަހަކު ފަސް ސަތޭކައެއްހާ މީހުން ނަމާދުކުރުމަށް އަންނައިރު، ރޯދަމަހު ޒިޔާރަތްކުރާނެ މީހުން ވަރަށް ބޮޑަށް އިތުރުވެގެންދާނެކަމަށް މިސްކިތް ބަލަހައްޓާ ފަރާތްތަކުން އަނދާޒާކުރެއެވެ. އަދި މިއަހަރު ރޯދަމަސް ޗުއްޓީދުވަސްވަރާ ދިމާވާތީ މިއަދަދު ދެގުނައަށް އިތުރުވެގެންދާނެކަމަށްވެސް ލަފާކުރެވެއެވެ.
ކޮރެޔާގެ މުސްލިމުން ބުނަނީ ޢައިރު ދީންތަކުގެ މީހުންގެ ބޮޑު އާބާދީއެއް އޮންނަ މުޖްތަމަޢުއެއްގައި އުޅޭއިރު ގޮންޖެހުންތަކެއް ކުރިމަތިވާނޭކަމަށެވެ. އެގޮތުން އެންމެ ބޮޑަށް އުނދަގޫވަނީ އިސްލާމްދީން ޤަބޫލުކުރުމަށްފަހު، އެކަން ޢާއިލާއާއި ރަށްޓެހިންނަށް ވިސްނައިދިނުމަށްކަމަށެވެ. އަދި އިސްލާމަކަށްވުމުން ބައެއް ރަށްޓެހިން ދުރަށްދާކަން އެމީހުން ފާހަގަކުރިއެވެ. އަދި އިސްލާމްދީނާ ޚިލާފު ބައެއް ސަޤާފީ ހަރަކާތްތަކުގައި އާއިލާގެ މެމްބަރުންނާއެކު ބައިވެރިނުވެވޭތީ އާއިލާގެ މެމްބަރުން އެކަންކަން މައްސަލައަކަށް ހަދާކަން އެމީހުން ފާހަގަކުރި. ނަމަވެސް އެހެން ޤައުމުތަކުން ފެންނަފަދަ ދިމާކުރުމާއި ތަފާތުކުރުމުގެ މައްސަލަތައް ކޮރެޔާގައި އުޅޭ މުސްލިމުންނަށް ކުރިމަތިނުވާކަން އެމީހުން ފާހަގަކުރެއެވެ.

ކޮރެޔާގައި އުޅޭ އެހެން ޤައުމުތަކުގެ މުސްލިމުންވެސް ފާހަގަކުރާ ގޮތުގައި ކޮރެޔާއަކީ މުސްލިމުން އުޅެން އުނދަގޫ ތަނެއް ނޫނެވެ. ފުރައްސާރަކުރުމާއި ޖެއްސުންކުރުމުގެ އަމަލުތައް ކޮރެޔާއިން ނުފެންނައިރު، މިއީ ޢައިރު ދީންތަކުގެ އާބާދީ ބޮޑު ޤައުމުތަކުގެ ތެރެއިން މުސްލިމުން އުޅެން އެންމެ ފަޞޭހަ ޤައުމުކަމަށް އެމީހުން ބުނެއެވެ.
ރޯދަމަހާ ގުޅިގެން ކޮރެޔާގައި އުޅޭ މުސްލިމުންނަށް އެހީތެރިވުމުގެ ގޮތުން ކޮރެޔާގެ ވިޔަފާރިވެރިންވެސް ތަފާތު ކަންކަން އިންތިޒާމްކުރެއެވެ. މިގޮތުން ރޯދަ ވީއްލާ ގަޑިއަށް މުސްލިމުންނަށް ކެވޭނެ ފަދަ ހަލާލު ކާނާ ލިބޭނެ އިންތިޒާމް ގިނަ ރެސްޓޯރަންޓްތަކުގައި ހަމަޖައްސައެވެ. އަދި ގިނަ މީހުންނަށް އެއް ތަނަކަށް ޖަމާވެވޭނެ ފަދަ ގޮތަކަށް ކެފޭތަކުގެ ބޭރުގައި އިންތިޒާމްތައްވެސް ހަމަޖައްސާކަން ފާހަގަކޮށްލެވެއެވެ. އަދި ރޯދަ ވީއްލާގައި މިތަންތަނަށް ޢާއިލާތައް އެކުގައި ޖަމާވެ، އެއްބައިވަންތަކަމާއެކު ރޯދަވީއްލުމުގެ ކަންކަން ކުރިއަށްގެންދެއެވެ.