ޚަބަރު

ގަޑިޔަކު 50 މޭލަށް ވައިޖެހޭނެކަމަށް ލަފާކޮށް، ޔެލޯ އެލަރޓް ނެރެފި


ގަޑިޔަކު 50 މޭލަށް ވައިޖެހޭނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާރޓް ނެރެފިއެވެ.
ޔެލޯ އެލާރޓް ނެރެފައިވަނީ ހއ.އާއި ގދ.އަތޮޅާ ދެމެދުގެ ރަށްތަކަށް މިއަދު ހަވީރު 16:45 އިން ރޭގަނޑު 20:45 އަށެވެ. އަދި މިރަށްތަކަށް ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށްވެސް މޫސުމާބެހޭ ޤައުމީ ޢިދާރާއިން ބުނެއެވެ.

ވައިޖެހޭނެކަމަށް ލަފާކޮށްފައިވަނީ، 25 މޭލާއި 32 މޭލާ ދެމެދުގެ ބާރުމިނުގައި. މީގެ އިތުރުން ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
ކުރިއަށް އޮތް 18 ގަޑިއިރަށް ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރިގޮތަށް ބަލާއިރު، އުތުރާއި މެދުތެރޭގެ ކަނޑުތައް ގަދަވާނެކަމަށާ އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށްވެސް މޫސުމާ ބެހޭ ޤައުމީއިދާރާއިން ލަފާކުރެއެވެ.

ޚާއްސަކޮށް އުތުރާއި މެދުތެރޭގައި ގަދަވާނެކަމަށް ލަފާކުރެވޭތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށްވެސް އެ އިދާރާއިން އިލްތިމާސްކުރެއެވެ. އެ އިދާރާއިން ބުނީ ދިޔަވަރު އެންމެ ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމަކީ ވެސް އެކަށީގެންވާކަމެއް ކަމަށެވެ.