ސަރުކާރުގެ ސޯޝަލް ހައުސިންގ ސްކީމްގެ ދަށުން 6 ރަށެއްގައި 500 ހައުސިންގ ޔުނިޓް ތަރައްޤީކުރާނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިޢުލާންކޮށްފިއެވެ.
ޑިޒައިން، ބިލްޑް އަދި ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ތަރައްޤީކުރާ މި ހައުސިންގ ޔުނިޓްތައް ޢިމާރާތްކުރުމަށް ޝަޢުގުވެރިވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުޞަތު ރާއްޖެއާއި ރާއްޖޭން ބޭރުގެ ފަރާތްތަކަށް އެ މިނިސްޓްރީން މިހާރު ވަނީ ހުޅުވާލާފައެވެ.
މި 500 ހައުސިންގ ޔުނިޓް ޢިމާރާތްކުރުމަށް ކަނޑައަޅާފައިވާ 6 ރަށަކީ، ށ.ކޮމަންޑޫ، ރ.މަޑުއްވަރި، ބ.އޭދަފުށި، ދ.ކުޑަހުވަދޫ، އަދި އެއަތޮޅު މީދޫގެ އިތުރުން ލ.ގަމުގައެވެެ. މީގެ ތެރެއިން 200 ހައުސިންގ ޔުނިޓް ޢިމާރާތްކުރުމަށް ނިންމާފައިވަނީ ލ.ގަމުގައެވެ. އަދި އޭދަށުށީގައި 100 ހައުސިންގ ޔުނިޓް އެޅުމަށް ނިންމާފައިވާއިރު، ބާކީ 4 ރަށުގައި އެޅުމަށް ހަމަޖެހިފައިވަނީ ކޮންމެ ރަށެއްގައި 50 ހައުސިންގ ޔުނިޓެވެ.
މި ހައުސިންގ ޔުނިޓްތައް ތަރައްޤީކުރުމަށް ބީލަން ހުށަހަޅާއިރު، ވަކި ވަކި ރަށްތަކަށް ނުވަތަ ހުރިހާ ރަށްތަކަށްވެސް އަގު ހުށައެޅިދާނެކަމަށާއި، ބީލަމުގައި ބައިވެރިވުމަށް 1500 ރުފިޔާގެ ނޮން-ރީފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. އަދި މިމަހުގެ 30 ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހަކު ފިނޭންސް މިނިސްޓްރީއަށް ފައިސާ ބަލައިގަންނާނެކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
މި 500 ހައުސިންގ ޔުނިޓް ތަރައްޤީކުރުމަށް ބީލަން ހުށައަޅާ ފަރާތްތަކުގެ ބީލަން ހުޅުވުން އޮންނާނީ 31 މޭ ވާ ބުރާސްފަތި ދުވަހެވެ.