ޚަބަރު

ﷲގެ މަގުގައި އެހެން މީހުންނަށް އެހީވެވޭނެ ގޮތްތަކާއިމެދު ވިސްނާ - މުފްތީ މެންކު


"މުސްލިމް ޒުވާނުންނަށް މެސެޖެއް" މިނަމުގައި މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް އައްޑޫ ސިޓީ ހިތަދޫގައި ދަރުހެއް ދެއްވައިފިއެވެ.

މިރޭ ތަރާވީހު ނަމާދަށް ފަހު، ނޫރާނީ ސްކޫލުގައި ބޭއްވި މިދަރުހަށް އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުން ގިނަ އަދަދެއްގެ މީހުންޖަމާވިއެވެ. މީގެތެރޭގައި އައްޑޫ ސިޓީގެ ގިނަ އަދަދެއްގެ ޒުވާނުން ހިމެނެއެވެ.

މުފްތީ މެންކު ދެއްވި ދަރުހުގައި ދުނިޔޭގައި އިންސާނާ އުޅެނީ ކުޑަ ވަގުތުކޮޅަކަން ފާހަގަކުރައްވާ، އާޙިރަތަށް ތައްޔާރު ވުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މީގެ އިތުރުން ޝެއިޙް ވަނީ ޒުވާނުންނަށް، އެބައިމީހުންނާއި ﷲ ތަޢާލާއާއި ދެމެދު އޮތް ގުޅުން ވަރުގަދަ ކުރުމަށް ގޮވާލާފައެވެ. އަދި އެހެންމީހުންނާއެކު އޮންނަ ގުޅުން ރަނގަޅުކޮށް ﷲގެ މަގުގައި އެހެންމީހުންނަށް އެހީވެވޭނެ ގޮތްތަކާއި މެދު ވިސްނުމަށް އޭނާ ނަސޭޙަތްތެރިވިއެވެ.

"މުސްލިމް ޒުވާނުންނަށް މެސެޖެއް" މިނަމުގައި އައްޑޫ ސިޓީގައި ބޭއްވި ދަރުހަކީ އިސްލާމިކް މިނިސްޓްރީއިން އިންތިޒާމު ކޮށްގެން އައްޑޫސިޓީގައި ހަރަކާތްތެރިވާ ބައެއް ޖަމިއްޔާތަކާއި ގުޅިގެން ބޭއްވި ދަރުހެކެވެ. މުފްތީ މެންކް ރާއްޖެ ވަޑައިގަތީ ސަރުކާރުގެ ދައުވަތަކަށް ރަމަޟާން މަހުގެ ދުވަސްތައް އިހްޔާކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމުގެ ފުރަތަމަ ޕްރޮގްރާމުގައި ތަޤްރީރު ކުރެއްވުމަށެވެ. ރަމަޟާން މަހު ދީނީ ދަރުސްދެއްވުމަށް 6 ޤައުމަކަށް މުފްތީ މެންކު ވަޑައިގަންނަވާނެއެވެ.