ޚަބަރު

15 ވަނަ އޭޝިއާ މީޑިއާ ސަމިޓް ކާމިޔާބުކަމާއެކު ނިންމާލައިފި


15 ވަނަ އޭޝިޔާ މީޑިއާ ސަމިޓް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

އޭޝިއާ ޕެސިފިކް އިންސްޓިއުޓް ފޮރ ބްރޯޑްކާސްޓް ޑިވެލޮޕްމެންޓް (އޭ.އައި.ބީ.ޑީ) އާއި މެމްބަރު ޤައުމުތަކާއި ބައިނަލްއަގުވާމީ ޕާޓްނަރުން ގުޅިގެން އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބޭއްވި މިސަމިޓުގައި 30އަށް ވުރެ ގިނަ ގައުމުން 300 އަށް ވުރެ ގިނަ މީހުން ބައިވެރިވިއެވެ. މީގެތެރޭގައި އިންޑިއާގެ މީޑިއާގައި މަސައްކަތް ކުރާ އިސްވެރިންނާއި ވަޒިރުންނާއި މެމްބަރު ޤައުމުތަކުގެ އިސްވެރިން ހިމެނެއެވެ.

ސަމިޓު ނިންމާލުމަށް ބޭއްވި ރަސްމިއްޔާތުގައި ވަނީ މިއަހަރު ވޯލްޑް ޓެލިވިޒަން އެވޯޑް ހާސިލްކުރި ފަރާތްތަަކަށް އެވޯޑް ދީފައެވެ. އެގޮތުން ހިއުމެނިޓީ ފޯރ ދަ ބެސްޓް ޑޮކިއުމެންޓްރީ އޮން "އިމިގްރޭޝަން އޯރ މައިގްރޭޝަން"ގެ އެވޯޑް ލިބުނީ "ހޯމްވާރޑް" ކިޔާ ޑޮކިއުމެންޓްރީއަށެވެ. އަދި ސައިންސް އެންޑް އެންވަޔަރޮންމަންޓްގެ އެވޯޑު ހާސިލްކުރީ "ކްލީން ވޯޓަރ ފޯރ ލައިފް"ގެ ނައުމުގައި ހަދާފައިވާ ޓީވީ ޕްރޮގްރާމަކަށެވެ.

ދެ ދުވަހުގެ މުއްދަތަށް ބޭއްވި މިސަމިޓުގައި މީޑިއާގެ ޤަވާއިދުތަކާއި އުސޫލްތަކާއި މީޑިއާގެ ކަންތައްތައް ބަދަލުވަމުން އައި ގޮތާއިބެހޭ ގޮތުންވަނީ މަޝްވަރާކޮށްފައެވެ. މީގެ އިތުރުން މިހާރު ބަދަލުވަމުން އަންނަ މަލްޓީ މީޑިއާގެ މާހައުލުގައި އޭޝިޔާ ސަރަޙައްދުގައި ބްރޮޑްކާސްޓަރުން އޭޝިއާގެ އާދަކާދަތަކަށް ސަމާލުކަންދޭ މިންވަރާ ބޭހޭ ގޮތުން މަޝްވަރާކުރިއެވެ.

އޭޝިއާ މީޑިއާ ސަމިޓަކީ، މި ސަރަހައްދުގެ ބްރޯޑްކާސްޓަރުންގެ މެދުގައި ގުޅުން ބަދަހިކުރުމަށާއި، ތަޖުރިބާ ބަދަލުކުރުމަށް ފުރުޞަތު ލިބިގެންދާ ބްރޯޑްކާސްޓަރުންގެ ބޮޑު މަހާސިންތާއެކެވެ. ބްރޯޑްކާސްޓިންގ ދާއިރާގެ އިސްބޭފުޅުންނާއި މީޑިއާގެ ދާއިރާގެ ތަޖްރިބާކާރުންނާއި ޚަބަރާއި ޕްރޮގްރާމިންގގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކުން މިސަމިޓްގައި ބައިވެރިވިއެވެ. އޭގެ ތެރޭގައި އޭޝިއާ ޕެސިފިކް ސަރަހައްދުގެ އިތުރުން އެފްރިކާއާއި ޔޫރަޕާއި މެދުއިރުމަތި އަދި އުތުރު އެމެރިކާ ސަރަޙައްދުގެ ޤައުމުތަކުން މަންދޫބުން ހިމެނެއެވެ.