ޚަބަރު

ނަޝީދުގެ އަމާޒަކީ ރާއްޖެ ބައިބައި ކުރުން - ޕީޕީއެމް


އައްޑޫގައި ވަކި ދައުލަތެއް ޤާއިމްކުރުމަށް ކުރާ މަސައްކަތަކީ ރާއްޖެ ބައިބައި ކުރުމަށް ކުރީގެ ރައީސް ނަޝީދު ކުރާ މަސައްކަތުގެ ދަށުން ހިންގާ އަމަލެއްކަމަށް ވެރިކަންކުރާ ޕީޕީއެމުން ބުނެފިއެވެ.

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމްގެ ނާއިބު ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، ނަޝީދުގެ ބޭނުމަކީ ކޮންމެ ގޮތަކަށްވެސް ވެރިކަން ކުރެއްވުންކަމަށެވެ. އަދި ރާއްޖޭގެ ވެރިކަމަށް ނާދެވޭނެކަން ޔަޤީންވުމުން، މިހާރު ނަޝީދު މަސައްކަތްކުރަނީ ރާއްޖެ ބައިބައިކޮށްގެންނަމަވެސް ވެރިކަން ކުރެއްވޭތޯކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

"ކޮންމެ ގޮތަކުންވެސް އޭނަ ބޭނުންވެގެން އުޅެނީ ވެރިކަމެއް ކުރަން.. ރަށެއްގެ އަވަށަކުންވެސް ވެރިކަމެއް ލިބޭތޯ ނަމަވެސް ކުރި މަސައްކަތަކަށް ވެދާނެ" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ޕީޕީއެމްގެ ޗީފް ސްޕޯކްސްޕާސަން، ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވީ، ނަޝީދަކީ އަބަދުވެސް ރާއްޖޭގެ ރައްޔިތުންގެ މެދުގައި އޮންނަ އެއްބައިވަންތަކަން ނަގާލަން މަސައްކަތްކުރައްވާ ބޭފުޅެއްކަމަށެވެ. އެގޮތުން ކޮންމެ ފަދަ ވާހަކައެއް ދައްކައިގެން ވިޔަސް، ރާއްޖޭގެ މިނިވަންކަން ނަގާލާ، އިސްލާމްދީން ނޫން ދީންތަށް ގެނައުމަށް ނަޝީދު އަބަދުވެސް މަސައްކަތްކުރާކަމަށް އާރިފް ތުހުމަތުކުރެއްވިއެވެ.

"އަބަދުވެސް އެމަނިކުފާނު އުޅުއްވާނީ ރާއްޖެ ބައިބައިކުރަން. ރާއްޖޭގައި އެއްބައިވަންތަކަން އޮންނާތީ އެކަމާ ކަންބޮޑުވުންތަކެއް ނަޝީދުގެ ހުރޭ. މިނިވަންކަން އޮތީމާ އެކަންވެސް ކަމަކުނުދޭ. އިސްލާމްދީން އޮތީމަ އެކަންވެސް ކަމަކުނުދޭ. މިހުރިހާ ކަމެއް އެބޭފުޅާގެ ކުރު ވެރިކަމުންވެސް ވަނީ ފެނިފައި. އޭގެ ކުރިންވެސް އޭގެ ފަހުންވެސް ފެނުނީ މިކަހަލަ މަންޒަރުތަކެއް. އަނދިރި އަނދިރިންގެ އަމަލުތައް ހުރި ގޮތަށް ނަޝީދުގެ އަމަލުތައްވެސް ހުރީ." އަލީ އާރިފް ވިދާޅުވިއެވެ.

އައްޑޫގައި ވަކި ދައުލަތެއް ޤާއިމްކުރުމުގެ މަޝްވަރާތައް ނަޝީދު ބާއްވާފައިވާއިރު، އެކަމާ ގުޅިގެން އިދިކޮޅު އެމްޑީޕީއާއި އިދިކޮޅުގައި ހަރަކާތްތެރިވާ އެއްވެސް ފަރާތަކުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. އަދި އެކަން ކުށްވެރިކޮށްފައެއްވެސް ނުވެއެވެ.