ޚަބަރު

ވެމްކޯގެ މުވައްޒަފުންނަށް އިހްތިރާމާއެކު އެއްބާރުލުން ދިނުމަށް އެންވަޔަރަންމަންޓް މިނިސްޓަރ ގޮވާލައްވައިފި.


ވެމްކޯގެ މުވައްޒަފުންކީ މުޖުތަމަޢަށް ވަރަށް މުހިއްމު ޚިދުމަތެއްދެއްވާ ބައެއް ކަަމަށާއި، އެ މުވައްޒަފުންނަށް އިހްތިރާމާއެކު އެއްބާރުލުން ދިނުމަށް އެންވަޔަރަންމަންޓް މިނިސްޓަރ ތާރިޤު އިބްރާހިމު ގޮވާލައްވައިފިއެވެ.
މަސައްކަތްތެރިގެ ދުވަސް ފާހަޤަކުރުމަށް ވެމްކޯގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން ބޭއްވި ހެނދުނުގެ ނާސްތާގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުން އެންވަޔަރަންމަންޓް މިނިސްޓަރ ތާރިޤު ވިދާޅުވީ، ކޮންމެ ބާވަތެއްގެ މަސައްކަތެއް ކުރި ނަމަވެސް މަސައްކަތްތެރިންނަށް ހުރިހާ ފަރާތްތަކުންވެސް އިޙްތިރާމް ކުރަން ޖެހޭކަމަށެވެ. ވެމްކޯއިން ދޭ ޚިދުމަތްތަކުގައި ވެށިފާރަވެރިންނާއި، މަގުތަށް ރީތިކޮށް ބޭއްވުމަށް މަސައްކަތްކުރައްވާ މުވައްޒަފުންނަކީ ވަރަށް މުހިއްމު މަސައްކަތްތަކެއް ކުރާ ބައެއްކަން ފާހަގަކުރައްވަމުން ވެމްކޯގެ ޚިދުމަތް ލިބިގަންނަ އާންމުންނާއި، ވެމްކޯގެ މުވައްޒަފުންވެސް ޚިދުމަތް ދިނުމާއި ލިބިގަތުމުގައި އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމުކުރުމަށް މިނިސްޓަތ ތާރިޤު ގޮވާލެއްވިއެވެ.

"ޚާއްސަކޮށް މާލެއާ ވެމްކޯގެ މަސައްކަތްތައް ކުރިއަށްދާ ރަށްރަށުގެ ރައްޔިތުންނަށް އަޅުގަނޑު ގޮވާލަން ބޭނުންވަނީ، ވެމްކޯއަކީ ވަރަށް މުހިއްމު މަސައްކަތެއް ކުރައްވާ ބައެކޭ. މުޅި މާލެތެރެ ސާފުކޮށް، ގޭގޭގައި އުފެދޭ ކުނިތަށް ގެއިން ނެރެ ހަދާ ބައެކޭ. އެބޭފުޅުން ގޭގެއަށް ވަޑައިގެން ކުރައްވާ މަސައްކަތްކުރައްވާއިރު، އެބޭފުޅުންނަށް ދޭންޖެހޭ އިހުތިރާމް އަދާކުރައްވާށޭ، އެބޭފުޅުންނާއި ދޭތެރޭގައި ރަނގަޅަށް ކަންތައް ކުރައްވާށޭ. އެގޮތަށް ކަންތައްކޮށްފިނަމަ ލިބޭ ޚިދުމަތްވެސް ރަނގަޅަށް ލިބިގެންދާނެ." މިނިސްޓަރ ތާރިޤު ވިދާޅުވިއެވެ.

ވެމްކޯގެ މުވައްޒަފުންގެ ހައްޤުތަކާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެކުންފުނިން މަސައްކަތްކުރަމުން އަންނައިރު، ކުނި އުކާލުމާއި ކުނި ނެގުމުގެ މަސައްކަތަކީ މިއަދު ރީތި މަސައްކަތަކަށް ވެފައި މިވަނީ ވެމްކޯގެ މުވައްޒަފުން ދައްކައިދޭ ހިތްވަރުގަަދަ ނަމޫނާގެ ސަބަބުންކަންވެސް އެންވަޔަރަންމަންޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި އެފަރާތްތަކުން ކުރާ މަސައްކަތްތަކުގައި އާއިލާތަކުންވެސް އެހީތެރިކަމާއި އެއްބާރުލުންދިނުމަށްވެސް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.

" އަޅުގަނޑު ރޭގައިވެސް ދުށިން ރޭގަނޑު މަގުމަތި ސާފުކުރާ ބައެއް ބެފުޅުން އެކަން ކުރަމުން ދިޔައިރު، އާއިލާ ނިކުމުގެން މަންމަ އެމަސައްކަތްކުރާތީ މަންމައަށް އެހީތެރިވެދިނުމުގެ ގޮތުން، ސައިކަލްތައް ދުރައް ޖައްސައިދީ، ފަސޭހަކޮށްދޭތަން. މިއީ ނޫންތޯ ކޮމިއުނިޓީ ސްޕްރިޓްގައި މިކަންކަން ކުރެވޭނެ ގޮތަކީ" މިނިސްޓަރ ވިދާޅުވިއެވެ.

ވެމްކޯއަކީ ހަރުދަނާ ނިޒާމެއްގެ ދަށުން މުވައްޒަފުންގެ ކަންކަން ބަލަހައްޓާ ކުންފުންޏަކަށް ހެދުމަށް ސަރުކާރުން ދޭންޖެހޭ ހުރިހާ އެއްބާރުލުން ދެމުން ގެންދަވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ވެމްކޯގެ ތަފާތު އެކި މަސައްކަތްތަކުގައި މާލެއާއި އަތޮޅުތަކުގައި މުވައްޒަފުން ހަރަކާތްތެރިވަމުން އަންނައިރު، ކުންފުނީގައި މަސައްކަތް ކުރާ މީހުންގެ ހަތްދިހަ އިންސައްތައަށް ވުރެ ގިނަ މީހުންނަކީ ދިވެހިންނެވެ.