ޚަބަރު

އަމިއްލަ ފައިދާއަށް ޤައުމު ވިއްކާލާ މީހުންގެ ފިކުރަށް ސިފައިން ދީލައެއް ނުލާނެ


އަމިއްލަ މަސްލަހަތައް ޤައުމު ވިއްކާލަންއުޅޭ ފަރާތްތަކުގެ ފިކުރަށް ސިފައިން ދީލައި ނުލާނެކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ސިފައިންގެ 126 ވަނަ އަހަރީދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް ވިދާޅުވީ، ސިފައިން އަބަދުވެސް މަސައްކަތް ކުރާނީ ޤައުމުގެ ހެވާއި ލާބަޔަށް ކަމަށެވެ.

1988 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހު ޤައުމުގެ ދިފާއުގައި، ޢަދުއްވުންނާ ދެކޮޅަށް ސިފައިންކުރި ހަނގުރާމައާއި، ކުރި ޖިޙާދުގެ ހަނދާން އާކުރައްވައި ވާހަކަދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ، މިއަދު ޤައުމަށް ދިމާވާ ކަންކަން ކުރިއާ ތަފާތު ކަމަށާއި، އަމިއްލަ ފައިދާއާއި، އަމިއްލަ މަސްލަހަތަށްޓަކައި ޤައުމު ވިއްކާލާ މީހުންގެ ފިކުރަށް ސިފައިން ދީލައިނުލާނެކަމަށް ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ. މި ކަންކަމުގެ ތެރޭގައިވެސް ދިވެހި ސިފައިން ޤައުމީ ވިސްނުމުގައި، ނޮވެމްބަރ 3 ގެ ހަނގުރާމައިގައި ދައްކުވައިދިން ރީތި ނަމޫނާގެ މަތީގައި ދެމި ތިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.

"
"އަޅުގަނޑުމެންނަށް މިއަދު މިވަނީ އަޅުގަނޑުމެންގެ ތެރޭގައި ބަސް އަހަންވީ، ބަސް ޤަބޫލު ކުރަންވީ ކާކުގެކަން ނޭންގޭ ހިސާބަށް ގޮސްފަ. އަމިއްލަ އެދުމާ، އަމިއްލަ ފައިދާއާ، މި ހުރިހާ ކަމަކަށްޓަކައި ޤައުމުގައިވެސް ޕްރައިޒް ޓެގެއް ޖަހާފަ ދޫކޮށްލަން ތައްޔާރަށް ތިބޭ މީހުން އަޅުގަނޑުމެންގެ ތެރޭގައި، ބޮޑުތަކުރުފާނާ، އަލިރަސްގެފާނުގެ ޒަމާނެކޭ ހަމަ އެއްގޮތަށް، މިހާރުވެސް އެބަތިބި."
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެ

މިޖަލްސާގައި ވާހަކަދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްވަނީ، ރައީސުލްޖުމްހޫރިއްޔާ، އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަހަތުގައި ދިވެހި ސިފައިން ސާބިތުކަމާއެކު ތިބޭނެކަމުގެ ޔަޤީންކަން އަރުވާފައެވެ.

126 ވަނަ ސިފައިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ސިފައިން ޤައުމީ ޚިދުމަތް ދިނުމަށް ކުރާ މަސައްކަތުގައި ސިފައިންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ޢާންމު ފަރާތްތަކުގެ ޚިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދޭ ޝަރަފްގެ އައްޑަނަ ދީފައިވެއެވެ. ޝަރަފްގެ މި އައްޑަނަ ޕަބްލިކް ސަރވިސް މީޑިއާ ޕީ.އެސް.އެމަށްވެސް ލިބިފައިވެއެވެ. ޕީ.އެސް.އެމްގެ ފަރާތުން މިއައްޑަނައާ ޙަވާލުވެވަޑައިގަތީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލެވެ.