ޚަބަރު

މާ ސާފު މާލެ ސާފުކުރުމުގެ ޙަރަކާތް ފަށައިފި


މާލެއާއި ވިލިމާލޭގެ މަގުތަކާއި އިޖްތިމާޢީ ސަރަޙައްދުތައް ސާފުކޮށް ބެލެހެއްޓުމުގެ ޢަމަލީ މަސައްކަތް ވެމްކޯއިން ފެށުމުގެ ކުރިން "މާ ސާފު މާލެ"ގެ ނަމުގައި މާލެއާއި ވިލިމާލޭ ސާފުކުރުމުގެ ޚާއްޞަ ހަރަކާތެއް ފަށައިފިއެވެ.

މި ހަރަކާތަކީ އެންވަޔަރޮންމަންޓް މިނިސްޓްރީއާއި ވެސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯއާއި ވުޒާރާތަކާއި ކުންފުނިތައް ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. މި ހަރަކާތުގައި މާލެއާއި ވިލިމާލޭގެ މަގުތައް ދިހަ ޒޯނަކަށް ބަހާލައިގެން ދަނީ ސާފުކުރަމުންނެވެ. މިއަދު ހެނދުނު މި ހަރަކާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންވަޔަރޮންމަންޓް މިނިސްޓަރ ޠާރިޤް އިބްރާޙިމް ވިދާޅުވީ މާލެތެރެ ދެމެހެއްޓެނިވި ގޮތުގައި ސާފުކޮށް ބޭއްވުމަކީ މުހިއްމު ކަމެއްކަމަށާއި މާދާމާއިން ފެށިގެން މާލެތެރެ ކޮންމެ ދުވަހަކު ސާފުކުރަމުން ގެންދާނެކަމަށެވެ. އަދި މާލެތެރެ ހަޑިކުރުމުގެ ފުރުޞަތު ދެން އެއްވެސް ބަޔަކަށް ނުދޭނެ ކަމަށާއި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށެވެ.

"މޭލެތެރެ ކުރިއަށް އޮތްތަނުގައި ސާފުތަނެއްގެ ގޮތުގައި ބަލަހައްޓާނަން. މާލެތެރެ ހަޑި ކުރާ މަދު ފަރާތްތަކާމެދު ސަރުކާރުން އަޅަންޖެހޭ ހަރުކަށި ފިޔަވަޅު އަޅާނަން" މިނިސްޓަރ ޠާރިޤް ވިދާޅުވިއެވެ.

މިއަދު ކުރިއަށް ގެންދާ "މާ ސާފު މާލެ" މި ޙަރަކާތުގެ ސަބަބުން، މާލެއާއި ވިލިމާލެ ސަފުކުރުމުގެ ޢަމަލީ މަސައްކަތް ވެމްކޯއިން މާދަމާ ފަށާއިރު އެ މަސައްކަތް ކުރިއަށްގެންދަން ފަސޭހަވާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ. ސާފުކުރުމުގެ ހަރަކާތް ފެށުމުގެ ކުރިން ވާހަކަދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މާލެތެރެ ސާފުކޮށް ބޭއްވުމަކީ ހަމައެކަނި ސަރުކާރުގެ ޒިންމާއެއް ނޫންކަމަށާއި މިކަމުގައި ފަރުދުންގެ ޒިންމާވެސް ބޮޑުކަން ފާހަގަކުރައްވާފައެވެ.

"މިމަސައްކަތަކީ އޭގެ ފުރިހަމަ މާނައެއް އެކުލެވޭ ދާއިމީ ކަމަކަށް ވާންޖެހޭ. މާލޭގެ ސާފުކަމަކީ ހަމައެކަނި ސަރުކާރުގެ ޒިންމާއެއް ނޫން. ސަރުކާރާއެކު ފަރުދީ ޒިންމާވެސް މިކަމުގައި ވަރަށް ބޮޑު. ކުނިއަޅާ ފަރާތްތައް ފެންނަ މީހުން އެކަން ކަމާބެހޭ ފަރާތްތަކަށް ހުށައަޅަންވާނެ" ހައުސިންގ މިނިސްޓަރ ޑރ. މުޢިއްޒު ވިދާޅުވިއެވެ.

މާލޭގެ ކުނި ގޮޑު ނަގާ އެތަން ސާފުކުރުމުގެ ސަބަބުން މާލޭގައި ދިރިއުޅޭ މީހުންގެ ސިއްޙަތަށް ބޮޑު ބަދަލެއް އައިކަން ފާހަގަ ކުރައްވަމުން ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ވެމްކޯއިން މާލެއާއި ވިލިމާލޭގެ މަގުތަކާއި އިޖްތިމާޢީ ސަރަހައްދު ސާފުކުރަން ފެށުމުން މާލޭގައި ދިރިއުޅޭ މީހުންގެ ސިއްޚީ ހާލަތު އެތައްގުނައަކަށް ރަނަގޅުވެގެންދާނެ ކަމަށެވެ.

"މާލޭ މިއަދަށް ވުރެ ސާފުކޮށް ބޭއްވިއްޖެނަމަ ހެލްތްގެ ކަންކަން އެތައްގުނައަކަށް ރަނަގަޅު ވެގެންދާނެ. ބައެއް ބަލިތަކަކީ އަޅުގަނޑުމެންގެ ސާފުތާހިރުކަމާ ގުޅިފައިވާ ބަލިތައް. މެހީގެ ޒަރިއްޔާއިން ޖެހޭބަލި މަދިރީގެ ޒަރިއްޔާއިން ޖެހޭބަލި، މިފަދަ ބަލިތައް ވަރަށް ބޮޑަށް ގުޅިފައިވަނީ މުޖުތަމަޢުގެ ސާފުތާހިރުކަމާ" ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް ވިދާޅުވިއެވެ.

މާލެ ސާފުކުރުމުގެ މިހަރަކާތުގައި ހުރިހާ މިނިސްޓްރީތަކާއި ސަރުކާރާއި އަމިއްލަ ކުންފުނިތަކާއި މިނިވަން މުއައްސަސާތަކުން މީހުން ބައިވެރިވެއެވެ. އަދި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމްޢިއްޔާ ޖަމާޢަތްތަކާއި ކޮލެޖުތަކާއި ސްކޫލްތަކާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން ޢާއްމުން ހިމެނޭހެން 4000 ވުރެ ގިނަ މީހުން ބައިވެރިވެދަނީ މަލެއާއި ވިލިމާލެ ސާފުކުރުމުގެ މަސައްކަތް ކުރަމުންނެވެ.