ޚަބަރު

މާލެއާއި ވިލިމާލޭގެ މަގުތަކާއި އިޖްތިމާޢީ ސަރަޙައްދުތައް ސާފުކުރުން ވެމްކޯއާ ހަވާލުކޮށްފި


މާލެއާއި ވިލިމާލޭގެ މަގުތަކާއި އިޖްތިމާޢީ ސަރަޙައްދުތައް ސާފުކުރުން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ،ވެމްކޯއާ ހަވާލުކޮށްފިއެވެ. މާލޭގެ މަގުތަކާއި އާންމުން އެއްވެ އުޅޭ ސަރަހައްދުތަކުގެ ކުނި ނެގުމުގެ މަސައްކަތް މީގެ ކުރިން ކުރަމުންގޮސްފައިވަނީ ހައުސިން މިނިސްޓްރީގެ ބެލުމުގެދަށުންނެވެ.

މާލެއާއި ވިލިމާލޭގެ މަގުތަކާއި، ޕާކުތަކާއި އިޖްތިމާޢީ ސަރަޙައްދުތައް ކުނި ކަހައި ސާފުކޮށް ބެލެހެއްޓުން ވެމްކޯއާ ޙަވާލުކުރުމާގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ ވެމްކޯގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރ އޮފް ހައުސިން އެންޑް އިންފްރާސްޓަރަކްޗަރ ޑރ. މުޙައްމަދު މުއިއްޒު އާއި މިނިސްޓަރ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާޙިމްއެވެ. ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝިފާއުއެވެެ.

މި މަސައްކަތް ކުރުމަށް ވެމްކޯއާ ހަވާލުކޮށްފައިވަނީ ތިން އަހަރުދުވަހުގެ މުއްދަތަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހައުސިން މިނިސްޓަރ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވީ މާލެއާއި ވިލިމާލޭގެ މަގުތަކާއި އިޖްތިމާޢި ސަރަޙައްދުތައް ސާފުކުރުން ވެމްކޯގެ ބެލުމުގެ ދަށުން ކުރަންފެށުމުން ރައްޔިތުންނަށް މިކަމުގެ ސަބަބުން ފައިދާތަކެއް ލިބިގެންދާނެކަމަށެވެ. އަދި މާލޭގެ ކުނީގެ މައްސަލަ ހައްލުކުރުމަށް ވެމްކޯއިން ކުރާ މަސައްކަތަށް އެއްބާރުލުންދީ އެހީތެރިވެ ދިނުމަށްވެސް މިނިސްޓަރ ވަނީ މާލޭގެ ރައްޔިތުންނަށް ގޮވާލައްވާފައެވެ. މިނިސްޓަރ ވިދާޅުވީ ކުނީގެ މައްސަލަފަދަ ކަންކަމަކީ ސަރުކާރުގެ ސިޔާސަތުތަކުން އެކަނި ހައްލުކުރެވޭނެ ކަންތައްތަކެއް ނޫންކަމަށާއި މިކަމުގައި ފަރުދީ ޒިންމާވެސް ބޮޑުކަމަށެވެ.

"ކުނީގެ މައްސަލަ މިހާ ބޮޑުވެގެންދާ ދިޔުމުގައި އެންމެން އެބަޖެހޭ އެއްބާރުލުން ދޭން. ކުނީގެ މައްސަލަ ހައްލުކުރުމަކީ ކޮންމެ ފަރުދެއްގެވެސް ޒިންމާއެއް. ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވަނީ ދުވަހަކުވެސް ރާއްޖޭގައި ކުނީގެ މައްސަލަ ހައްލުކުރުމަށް އެއްވެސް ސަރުކާރަކުން ޚަރަދުކޮށްފައިނުވާވަރަށް ޚަރަދުކޮށް މިކަންތައްތައް ރަނަގަޅުކުރެއްވުމަށް މަސައްކަތްތަކެއް ކުރައްވާފަ. އެހެންނަމަވެސް މީގެ ފުރިހަމަ ނަތީޖާލިބޭނީ އެންމެންގެ އެއްބާރުލުން ލިބިގެން"ޑރ.މުއިއްޒު ވިދާޅުވިއެވެ.


މާލެތެރެ ސާފުކޮށް ބޭއްވުމުގެ ހުރިހާ މަސައްކަތެއް ރަސްމީކޮށް ވެމްކޯގެ ދަށަށް ބަދަލުވެގެން ދިއުމާ ގުޅިގެން ކުރިއަށް އޮތް ދުވަސްތަކުގައި މާލޭގެ ވެއްޓަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ޠާރިޤް އިބްރާހީމް ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ މާލެތެރެ ހަޑިކުރުމުގެ ފުރުޞަތު ދެން އެއްވެސް ބަޔަކަށް ނުދޭނެ ކަމަށާއި އެފަދަ އަމަލުތައް ކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށެވެ.

" "ކަންކަން މަތީގަ ޤަވާއިދުން ކުނި ބަހައްޓާ ސަރަހައްދުތަކެއް އެބަހުރި. އަޅުގަނޑުމެންގެ ލޯ އެންފޯސްމަންޓުން ވެސް މީގެ ފަހުން ވަރަށް ހަރުދަނާ ގޮތެއްގަ މަސައްކަތް ކުރާނަން. ތަންތަނަށް ކުނި އަޅައި ޤަވާއިދާ ހިލާފުވާ ފަރާތްތަކަށް ޕޮލިސް މެދުވެރިކޮށް ހަރުކަށި ފިޔަވަޅު އަޅާނަން. މަދު ބަޔަކު އެކަން އެގޮތަށް ކުރާތީ މާލޭގެ ރީތިކަން ގެއްލި ހަޑިތަނަކަށް މާލެ ބަދަލުވެގެން ދިޔަ ނުދޭނަން" މިނިސްޓަރ ޠާރިޤްވިދާޅުވިއެވެ.

މާލެއާއި ވިލިމާލޭގެ މަގުތަކާއި، ޕާކުތަކާއި އާންމު ތަންތަން ކުނި ކަހައި ސާފުކޮށް ކުނި ނެގުމާއި މެނޭޖުކުރުމުގެ ޚިދުމަތް ވެމްކޯއާ ޙަވާލުކޮށްފައިވާއިރު ވެމްކޯއިން ޚިދުމަތް ދެމުންދާނީ ހައުސިންގ މިނިސްޓްރީން މަގުމަތި ބޭނުންކުރުމާ ގުޅޭގޮތުން އެކުލަވާލަފައިވާ ޤަވާއިދުތަކާއި ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ. އަދި މި މަސައްކަތް ވެމްކޯއިން ކުރަމުންދާނީ ކުނި މެނޭޖް ކުރުމާ ގުޅޭގޮތުން އެކުލަވާލާފައިވާ ޤަވާއިދުތަކާއި އުޞޫލުތަކާ އެއްގޮތަށް ކަމަށްވެސް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެއެވެ. މި މަސައްކަތް ކުރުމަށްޓަކައި އިތުރު މުވައްޒަފުން ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށް ވެމްކޯއިން ބުނެއެވެ.