ޚަބަރު

ރާއްޖެއަކީ މުއްސަނދި ތާރީޚަކާއި ސަޤާފަތެއް އޮތް ޤައުމެއް


ދިވެހި ރާއްޖެއަކީ މުއްސަނދި ތާރީޚަކާއި ސަޤާފަތެއް އޮތް ޤައުމެކެވެ. މަސައްކަތްތެރި ފަންނުވެރި ހުނަރުވެރިންގެ ކުޅަދާނަކަން ފެންނަން ހުރި ޤައުމެކެވެ.

ކާބައިފައިންގެ މިފަދަ މަސައްކަތްތައް ރާއްޖޭގެ އެކި ކަންކޮޅުން މިއަދުވެސް ފެންނަ އެބަހުއްޓެވެ. އެތައް ސަތޭކަ އަހަރެއް ވެގެންދިޔަ ނަމަވެސް އޭގެ އަސްލަށް ބަދަލެއް ނާންނަ އެތަށް އަސާރީ ބިނާ ތަކެއް އެބަހުއްޓެވެ. ކާބަފައިންގެ ފަންނުވެރިކަމާއި ހުނަރު ފެންނަން ހުރި ދިވެހިންގެ ތަރިކަ ޙިމާޔަތްކޮށް ރަައްކާތެރިކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ މކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

ދިވެހިންގެ އަގުބޮޑު ތަރިކަތައް ހިމާޔަތްކޮށް ރައްކާތެރިކޮށް ބެލެހެއްޓުމަކީ ސަރުކާރުން ވަރަށްބޮޑު އިސްކަމެއްދޭ ކަމެކެވެ. މިގޮތުން ތަރިކަ މަޝްރޫޢުގެ ނަމުގައި ބޮޑު މަޝްރޫޢެއް މިދިޔަ އަހަރުގެ މޭ މަހުގެ ހަވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ފައްޓަފައިދެއްވާފައެވެ. އިސްލާމީ ވަޙުދަތާއި އިސްލާމީ ޙަޟާރަތާއި ދީނީ އަދި ޤައުމީ ރޫޙު އާލާކުރުމުގެ ޤައުމީ މަޝްރޫޢެއް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން ސަރުކާރުން ފެއްޓެވީ ރާއްޖޭގެ އިޖުތިމާޢީ ފޭރާން ރަނގަޅުކޮށް ދިވެހި މުޖުތަމަޢަކީ އިސްލާމީ ރީތިސިފަތަކާއި ޤައުމިއްޔަތުގެ ރޫޙު ހުރި މުޖުތަމަޢަކަށް ހެއްދެވުމުގެ މަޤުސަދުގައެވެ. މީގެއިތުރުން މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ 15 ވަނަ ދުވަހުން ފެށިގެން ސަރުކާރުގެ ރަސްމީ ލިޔުންތަކާއި ސިޓީތަކުގައި ތަރިކަ މަޝްރޫއުގެ ލޯގޯ ވެސް ގެންދަނީ ބޭނުންކުރަމުންނެވެ.

ރާއްޖޭގައި ހުރި ބައެއް ބިނާތައް ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި މިހާރުވެސް ހިމަނާފައިވާއިރު މި ލިސްޓުގައި ހިމެނޭ ބައެއް މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިގޮތުން ރާއްޖޭގައި ހިރިގަލުން ހަދާފައި ހުރި މިސްކިތްތަކުގެ ތެރެއިން ހަ މިސްކިތެއް، ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމުގެ ދިރާސާތައް ވަނީ ފަށާފައެވެ. އެ ދިރާސާތައް ކުރަނީ ދުނިޔޭގެ ތަރިކަތަކާބެހޭ އެންމެ އިސް ޖަމާއަތްކަމަށްވާ އދ ގެ ޔުނެސްކޯގެ އިތުރުން ވޯލްޑް މޮނިއުމަންޓްސް ފަންޑުގެ ތަޖުރިބާކާރުންނާއި ދިވެހި ތަޖުރިބާކާރުން ހިމެނޭ ޓީމަކުންނެވެ. މި ޓީމުގެ މެންބަރުން ރާއްޖެއަށް ޒިޔާރަތްކޮށް މި މިސްކިތްތަކާއި ރާއްޖޭގައި ހުރި ތާރީޚީ ބިނާތައް ބައްލަވާފައިވެއެވެ.

މީގެއިތުރުން ރާއްޖޭގައި ހުރި މުހިންމު ތަރިކަތައް ހިމާޔަތްކުރުމާއި ގުދުރަތީ ގޮތުން ގެއްލުން ލިބިދާނެކަމަށް ބެލެވޭ ތަރިކަތަކާއި ގުޅޭ މައުލޫމާތު ތަރުތީބުކޮށް ހަރުދަނާ ނިޒާމެއްގެ ދަށުން ރައްކާތެރި ކުރުމަށް އޮކްސްޕޯޑު ސެންޓަރ ފޯ އިސްލާމިކް ސްޓަޑީޒްއާއިއެކު މިމަހުގެ ދިހަ ވަނަ ދުވަހު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން "މޯލްޑިވްސް ހެރިޓޭޖް ސާވޭ" ގެ ނަމުގައި ސާވޭއެއް ކުރެވޭނެއެވެ. މި ސާވޭގައި އިންސާނުންގެ އަމަލުތަކުގެ ސަބަބުންނާއި ގުދުރަތީ ގޮތުން ގެއްލުން ލިބިދާނެކަމަށް ބެލެވޭ ތަރިކަތަކާއި ގުޅޭ މައުލޫމާތު ތަރުތީބުކޮށް ހަރުދަނާ ނިޒާމެއްގެ ދަށުން ރައްކާކުރެވޭނެއެވެ

ރާއްޖޭގައި ހިރިގަލުން ހަދާފައި ހުރި 21 މިސްކިތް އެބަހުއްޓެވެ. މީގެތެރެއިން ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނޭ 6 މިސްކިތަކީ މާލޭ ހުކުރު މިސްކިތާއި އީދު މިސްކިތާއި ހއ. އިހަވަންދޫ އާސާރީ މިސްކިތާއި ރ. މީދޫ ބާ މިސްކިތާއި އދ. ފެންފުށީ އާސަރީ މިސްކިތް އަދި ލ. އިސްދޫ އާސާރީ މިސްކިތެވެ. މި މިސްކިތްތައް މިހާރު ހިމެނެނީ ވަގުތީ ލިސްޓުގަ އެވެ. މީގެއިތުރުން ޤައުމީ ފެންފަރުގައި ހިމާޔަތްކޮށްފައިވާ އާސާރީ ތަންނަތް ރާއްޖޭގެ ގިނަ ރަށްރަށުގައި އެބަހުއްޓެވެ. މީގެތެރޭގައި މިސްކިތްތަކަކާއި، މަހާނަތަކުގެ އިތުރުން އުސް ފަސްގަނޑުތަކާއި، ވެވުތައް ފަދަ ތަންތަން ހިމެނެއެވެ.