ފުޓްބޯޅައިގެ ދުނިޔޭގައި މިވަގުތު އެންމެ ބޮޑުވެފައިވާ މައްސަލައަކީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ މައްސަލަ އެވެ. ފީފާގެ ތެރެއިން ވިޔަފާރި ކުންފުންޏެއް އުފައްދައި ވިޔަވާރިވެރިންނަށް ވިއްކާލަން އުޅުނު މައްސަލާގައި އޭނާ މިހާރު އެ ހުރީ ކަރުތާ ފެނުގަ އެވެ. ފީފާގެ މެމްބަރު ހަ ފެޑަރޭޝަނުގެ ތެރެއިން ތިން ފެޑަރޭޝަނަކުން ވަނީ އޭނާއާ ފެއަށް ޖެހިފަ އެވެ. ޔޫރަޕާއި ކޮންކާކަފާއި އޭޝިޔާ އެވެ. މި ތިން ބައްރު އެކުވުމުން ފީފާގެ މެމްބަރު 211 ގައުމުގެ ތެރެއިން 143 ގައުމު އެކައްޗެއް ކިޔަނީ ކަމަށް ބެލެވޭނެ އެވެ.
ޔޫރަޕާއި ކޮންކާކަފުން މިހާރު ބޭނުންވަނީ އިންފަންޓީނޯ އިސްތިއުފާ ދެއްވުމަށެވެ. ނުވަތަ ތައްޔާރުވާނީ އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާށެވެ. އެއީ ކުރެވިދާނެ ކަމެއް ހެއްޔެވެ؟
އެންމެ ފުރަތަމަ މި މައްސަލަ ގެންދަން ޖެހޭނީ ފީފާގެ ކައުންސިލަށެވެ. އެ ކައުންސިލްގެ 37 ވޯޓުގެ ތެރެއިން 19 މީހަކު ވޯޓުދީފިނަމަ މައްސަލަ އެޖެންޑާ ކުރެވިދާނެ އެވެ. ކައުންސިލް އެކުލެވިގެންވަނީ ރައީސާއި ނާއިބް ރައީސުންގެ އަށް ބޭފުޅުންނާއި 28 ކައުންސިލް މެމްބަރުންގެ މައްޗަށެވެ. އަށް ނާއިބް ރައީސުންގެ ގޮތުގައި ތިބެނީ ޔޫރަޕުގެ ތިން މީހަކާއި އޭޝިޔާ އާއި އޯޝޭނިއާ އާއި އެފްރިކާ އާއި ކޮންކާކަފް އަދި ދެކުނު އެމެރިކާ ކުރެ ކޮންމެ ބައްރަކުން އެއް މެންބަރެވެ. މި ފަރާތްތަކަކީ މައިގަނޑު ގޮތެއްގައި ކޮންމެ ބައްރެއްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސުންނެވެ.
ފީފާގެ ކައުންސިލްގެ 28 ޖާގައިގެ ތެރެއިން އޭޝިޔާ އަށް ލިބިފައިވަނީ ހަ ޖާގަ އެވެ. ޔޫރަޕަށް ހަތް ޖާގަ އެވެ. އެފްރިކާ އަށް ހަ ޖާގަ އަދި ކޮންކާކަފާއި ދެކުނު އެމެރިކާ އަށް ހަތަރު ޖާގަ އަދި އޯޝޭނިއާ އަށް ދެ ޖާގަ އެވެ.
އިންފަންޓީނޯގެ އިތުބާރު ނެތްކަމުގެ މައްސަލަ ފީފާގެ މެމްބަރު ގައުމުތަކުގެ ކުރި މައްޗަށް ނުވަތަ ކޮންގްރެސް އަށް ދާނީ މި ކައުންސިލުން ފާސްކޮށްގެންނެވެ.
ފީފާގެ ކޮންގްރެސްގައި ތިބޭނީ 211 މެމްބަރުންނެވެ. އިންފަންޓީނޯ މަގާމުން ދުރުކުރަން ބޭނުންވާނީ 106 ވޯޓެވެ. އޭޝިޔާ އާއި ޔޫރަޕާއި ކޮންކާކަފް އެކުވުމުން މިހާރު ވެސް 143 ވޯޓު އިދިކޮޅަށް އޮތުމަކީ އިންފަންޓީނޯގެ އެންމެ ބޮޑު ނުތަނަވަސްކަމެވެ. އެކަމަކު ހާއްސަކޮށް އޭޝިޔާގެ ގިނަ ގައުމުތައް އޭނާއާ ދެކޮޅަށް ވޯޓު ނުދޭނެ ކަމަށް ބެލެވެ އެވެ. ސަބަބަކީ ގަތަރާއި ސައޫދީ އަރަބިއާ އާއި އޭޝިޔާގެ ކުދި ގައުމުތަކާއެކު އިންފަންޓީނޯ ވަރަށް ގާތް ގުޅުމެއް ބާއްވާއި އޮތުމެވެ. އެ ގުޅުން ކަނޑައިލެވޭނީ ވަރަށް ވަރުގަދަ މެޗެއް ކުޅެގެންނެވެ.
އިތުބާރު ނެތްކަމުގެ ވޯޓެއް ނުނެގޭނަމަ އިންފަންޓީނޯ މަގާމުން ދުރު ކުރެވޭނެ ހަމައެކަނި ގޮތަކީ އިންތިހާބުގައި ބާއްވައި ވޯޓުން އޭނާ ބަލި ކޮށްގެންނެވެ. ފީފާގެ ރައީސަކު ހޮވަން ދެން އެންމެ އަވަހަށް އިންތިހާބު އޮންނާނީ އަންނަ އަހަރު މޮރޮކޯގަ އެވެ. މިހާތަނަށް ފީފާގެ ރައީސް ކަމުގައި ހުންނެވި ފަރާތެއް ބަލި ކުރެވިފައިވަނީ އެންމެ ފަހަރަކު އެވެ. އެއީ 1974 ވަނަ އަހަރު އެކަންޏެވެ.