ޚަބަރު

ވޮޝިންގޓަން އޯޕަންގެ ޗެމްޕިއަނުންނަށް، އެއާލާ އާއި ފްރިޓްޒް


  • މިއީ އެއާލާ ކާމިޔާބު ކުރެވުނު ފުރަތަމަ މުބާރާތް

އެމެރިކާގެ ވެރިރަށް ވޮޝިންގޓަން ޑީސީގައި ކުރިއަށްދިޔަ ވޮޝިންގޓަން އޯޕަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން އެލެގްޒެންޑަރ އެއާލާ އާއި ޓޭލަރ ފްރިޓްޒް ކާމިޔާބު ކޮށްފިއެވެ.

މިމުބާރާތުގެ އަންހެން ސިންގަލްސް އިވެންޓް ފިލިޕީންސަށް ނިސްބަތްވާ އެއާލާ ކާމިޔާބު ކޮށްފައިވަނީ އެއްވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ ޖެސިކާ ޕެގޫލާ އާއި ފައިނަލްގައި ބައްދަލުކޮށް 2 ސެޓު އެއް ސެޓުން ކުރި ހޯދައިގެންނެވެ. އާދިއްތަ ދުވަހުގެ ރޭ ފެށި ފައިނަލް މެޗު މޫސުން ގޯސްވުމުގެ ސަބަބުން ނިންމާލީ ރޭގެ ވަގުތެއްގައެވެ. އާދިއްތަ ދުވަހު ފެށި ފައިނަލް މެޗުގެ ފުރަތަމަ ސެޓު ހަތަރެއް ހަޔަކުން ކާމިޔާބު ކޮށްފައިވަނީ ޕެގޫލާއެވެ. ނަމަވެސް ދެވަނަ ސެޓުގައި އެއާލާ 2 ގޭމު އެއް ގޭމުން ކުރީގައި އޮއްވައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މެޗު ކުރިއަށްގެންދެވޭގޮތް ނުވުމުން އާދިއްތަ ދުވަހުގެ ރެއަށް މެޗު ފަސްކުރިއެވެ.

މެޗު ހުއްޓާލިހިސާބުން މެޗު އަލުން ފެށިއިރު އެއާލާވަނީ އޭނާގެ މޮޅުކުޅުން ތަކުރާރުކޮށް މިމެޗު ފަސޭހަ ކަމާއެކު ކާމިޔާބު ކޮށްފައެވެ. މިގޮތުން ދެވަނަ ސެޓު އެއާލާ ކާމިޔާބު ކޮށްފައިވަނީ ހައެއް ހަތަރަކުންނެވެ. އަދި ފަހު ސެޓު އޭނާ ކާމިޔާބު ކުރީ ހައެއް ސުމަކުންނެވެ. ފުރަތަމަ ދުވަހާއި ޚިލާފަށް ދެވަަނަ ދުވަހު ޕެގޫލާއަށް ކާމިޔާބު ކުރެވިފައިވަނީ އެންމެ ތިން ގޭމެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން އެއާލާ ބުނީ މިމުބާރާތް ތެރޭގައި އޭނާއަށް ސަޕޯޓަރުންގެ ފަރާތުން ވަރަށް ލޯބި ލިބުނު ކަމަށާއި އަދި މެޗަށް ނިކުތުމުގެ ކުރިންވެސް މުބާރާތުގެ ފައިނަލާހަމައަށް ދެވުން ވެސް އެއީ އޭނާއަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ. މިކާމިޔާބީއާއެކު އެއާލާ ވެފައިވަނީ ޑަބްލިޔުޓީއޭ ސިންގަލްސް އިވެންޓެއް ކާމިޔާބު ކުރި ފިލިޕީންސްގެ ފުރަތަމަ ކުޅުންތެރިޔާއަށެވެ.

2019 އަދި 2021 ވަނަ އަހަރު މިމުބާރާތް ކާމިޔާބު ކޮށްފައިވާ ޕެގޫލާ މެޗަށްފަހު ވާހަކަ ދައްކަމުން ބުނީ ވޭތުވެދިޔަ ދެތިން އަހަރުގެ ތެރޭގައި އެއާލާ ހޯދަމުން އަންނަ ކާމިޔާބީ އާއި އޭނާއަށް ލިބޭ ސަޕޯޓުގެ ސަބަބުން އޭނާ އާއި ދެކޮޅަށް ކުޅުން އެއީ އެހާ ޝައުގުވެރިވާކަމެއް ނޫންކަމަށެވެ. ނަމަވެސް އެއާލާ ހޯދަމުންދާ ކާމިޔާބީއާމެދު އުފާކުރާކަން އޭނާ ބުންޏެވެ.

މިކާމިޔާބީއާއެކު އެއާލާގެ ރޭންކިންގ 28 އިން 20 އަށް ކުރިއަށް ޖެހޭނެއެވެ.

މިމުބާރާތުގެ ފިރިހެން ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އެމެރިކާގެ ފްރިޓްޒްއެވެ. އޭނާ މިމުބާރާތް ކާމިޔާބު ކޮށްފައިވަނީ ފައިނަލްގައި ސްޕެއިންގެ ރަފައެލް ހޯޑަރ އާއި ވާދަކޮށް ސީދާ ދެސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ. މިމެޗުގެ ފުރަތަމަ ސެޓު ދިޔައީ ވަރަށް ވާދަވެރިކޮށެެވެ. މިގޮތުން ހައެއް ހަޔަކުން ދެކުޅުންތެރިން އެއްވަރުވެ ޓައިބްރޭކަކަށް ގޮސް ފްރިޓްޒް ކުރި ހޯދީ ހަތެއް ދެއަކުންނެވެ. މިމެޗުގެ ދެވަނަ ސެޓު ފްރިޓްޒް ކާމިޔާބު ކޮށްފައިވަނީ ހައެއް ހަތަރަކުންނެވެ.
މިއީ ފްރީޓްޒް މިހާތަނަށް ކާމިޔާބު ކުރި އޭޓީޕީގެ 11 ވަނަ މުބާރާތެވެ.