ކުޅިވަރު

އެހީ އަށް އެދުމުން އިންފަންޓީނޯގެ ފޯނަށް ޓްރަމްޕް ޖަވާބު ނުދެއްވި!


ފީފާއިން އުފައްދަން އުޅުނު ވިޔަފާރި ކުންފުނީގެ މައްސަލާގައި ގައުމުތަކުގެ ނުރުހުން އަމާޒުވުމުން ރައީސް ޖިއާނީ އިންފަންޓީނޯ އެހީ އެދި ކުރެއްވި ފޯނު ކޯލަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފުރަގަސް ދެއްވައިފި އެވެ.

އެމެރިކާގެ ވައިޓް ހައުސްއާ ގާތް ގުޅުން އޮންނަ ބައެއް މީޑިޔާތަކުން ބުނާ ގޮތުގައި އިންފަންޓީނޯ ތަކުރާރުކޮށް ފޯނު ކުރެއްވުމުން ވެސް ޓްރަމްޕް ވަނީ ފޯނަށް ޖަވާބު ނުދެއްވާފަ އެވެ. އަދި ޓްރަމްޕާ ފޯނުން މަޝްވަރާ ކުރެއްވުމަށް ނުވަތަ ވައިޓް ހައުސްގައި ބައްދަލު ކުރެއްވުމަށް އިންފަންޓީނޯ ކުރެއްވި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން އިންފަންޓީނޯއާ ބައްދަލު ކުރައްވަން ހަމަޖެހުނީ އެމެރިކާގެ ހާރިޖީ ވަޒީރު މާކޯ ރޫބިއޯ އެވެ. ނަމަވެސް ހޯމަ ދުވަހު ހެނދުނު ނުވައެއް ޖަހާއިރު ބާއްވަން ހަމަޖެހުނު ކަމަށް ބުނާ އެ ބައްދަލުވުން ޝެޑިއުލް ކޮށްފައިނުވާ ކަމަށް ވައިޓް ހައުސްއިން ވަނީ މި ހަބަރު އާއްމުވުމާއެކު އެކްސް މެދުވެރިކޮށް ބުނެފަ އެވެ. މިހެންވެ އިންފަންޓީނޯ އާއި ޓްރަމްޕްގެ ގާތްގުޅުން މިހާރު ދެރަވަރުވެފައިވާ ކަމަށް އެމެރިކާގެ މީޑިޔާތަކުން ތުހުމަތު ކުރެ އެވެ.

އެމެރިކާގެ ރައީސް އާއި އިންފަންޓީނޯ ގާތް ރަހުމަތެރިންނަށް ބަދަލުވީ އެމެރިކާގައި މި އަހަރު ބޭއްވި ވޯލްޑް ކަޕާއި ހުސްވި އަހަރު ބޭއްވި ކުލަބު ވޯލްޑް ކަޕުގެ އިންތިޒާމްތަކުގެ ތެރެއިންނެވެ. މި ގޮތުން ވަރަށް ގިނަގިނައިން ވައިޓް ހައުސްގައި މި ދެ ބޭފުޅުން ބައްދަލު ކުރައްވައި ހައްދަވައި ފީފާގެ އޮފީހެއް ޓްރަމްޕް ޓަވަރުގައި ވެސް ހުޅުވި އެވެ.

މިގުޅުމުގެ ތެރެއިން އުފަންވި އެންމެ ނުރައްކާތެރި ކަމަކަށްވީ ފީފާގެ މުބާރާތްތައް ހިންގާނެ ކުންފުންޏެއް އުފައްދައި އޭގެ 20 ޕަސެންޓް ހިއްސާ ޓްރަމްޕްގެ ގާތް ފަރާތްތަކަށް ވިއްކާލުމެވެ. ބަދަލުގައި ފީފާ އަށް ލިބެނީ ފައިސާ އެވެ. މި ޕްލޭން އަތަށް ގޮވީ މިކަމަށް ތާއީދު ކުރާ ކޮންމެ ގައުމަކަށް 40 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް އިންފަންޓީނޯ ހުށަހެޅުއްވައި އެކަން އަންނަ ސެޕްޓެމްބަރު މަހުގެ 19ގެ ކުރިން އަންގަން ސިޓީ ފޮނުވުމުންނެވެ.

ޔޫރަޕުން މިކަމާ ދެކޮޅަށް ތެދުވިއިރު ކޮންކާކަފާއި އޭޝިޔާ ވެސް ވަނީ އިންފަންޓީނޯއާ ދެކޮޅުވެފަ އެވެ. މިއީ ފީފާގެ މެމްބަރު 211 ގައުމުގެ ތެރެއިން 143 ގައުމެވެ. މިއާއެކު މިހާރު އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުން އެދަނީ އިންފަންޓީނޯގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށެވެ. ޓްރަމްޕްގެ އެހީ އަށް އޭނާ އެދިވަޑައިގަތީ މިހާބޮޑަށް މި މައްސަލަ ގޯސްވުމުންނެވެ.