ދުނިޔެ

އެމެރިކާގެ ސީ.އައި.އޭ.ގެ އިސް ވެރިޔާ މައިކް ޕޮމްޕެއޯ ކިމް ޖޮންގް އުންއާ ބައްދަލުކުރައްވައިފި


އެމެރިކާގެ ޖާސޫސީ އިދާރާ ސީ.އައި.އޭ.ގެ އިސް ވެރިޔާ މައިކް ޕޮމްޕެއޯ ދާދި ފަހުން އުތުރު ކޮރެއާއަށް ޒިޔާރަތެއް ކުރައްވައި އެ ޤައުމުގެ ޒަޢީމު ކިމް ޖޮންގް އުންއާ ބައްދަލުކުރެއްވިކަމަށް އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ. ޕޮމްޕެއޯއަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އެ ޤައުމުގެ ޚާރިޖީ ވަޒީރުކަމަށްވެސް އެންމެ ފަހުން އައްޔަނުކުރައްވާފައިވާ ބޭފުޅާއެވެ. މިއާއެކު ޕޮމްޕެއޯ ވެގެން ގޮސްފައި މި ވަނީ، އުތުރު ކޮރެއާގެ ޒަޢީމާ ބައްދަލުކުރެއްވި އެމެރިކާގެ އެންމެ އިސް އޮފިޝަލަށެވެ.

ނަން ހާމަކުރެއްވުމަށް ދެކޮޅު ހެއްދެވި އެމެރިކާގެ އޮފިޝަލަކު ވިދާޅުވީ، ޕޮމްޕެއޯގެ މި ދަތުރުގެ ފަހުން އުތުރު ކޮރެއާއާއެކު މަޝްވަރާކޮށްގެން ކާމިޔާބު ޙާޞިލުކުރުމަށް ޓްރަމްޕް ކުރައްވަމުން ގެންދަވާ އުއްމީދުތަކަށް އިތުރު ހިތްވަރު ލިބިފައިވާ ކަމަށެވެ. އެހެންނަމަވެސް އަންނަ މޭ މަހު ޓްރަމްޕާއި އުތުރު ކޮރެއާގެ ޒަޢީމާ ދެމެދު އޮންނާނެކަމަށް ބެލެވޭ މި ބައްދަލުކުރެއްވުމާ ބެހޭ އެހެން އެއްވެސް ތަފްޞީލެއް އަދި ނުނިންމާކަމަށް އެމެރިކާގެ އޮފިޝަލު ވިދާޅުވިއެވެ.

މިގޮތުން މި ބައްދަލުކުރެއްވުން ބާއްވާނެ ތަނެއް އަދި ތާރީޚެއްވެސް އަދި ކަނޑަނާޅާކަމަށް އެމެރިކާގެ އޮފިޝަލު ވިދާޅުވިއެވެ. މި ހަފުތާގެ އަންގާރަ ދުވަހު އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ، ދެ ޤައުމުގެ އިސް އޮފިޝަލުންގެ ފެންވަރުގެ ސީދާ މަޝްވަރާތައް ކުރައްވަމުން ގެންދަވާ ކަމަށާއި، އެ މަޝްވަރާތަކުގެ ބޭނުމަކީ، ދެ ޤައުމުގެ ދެމެދު އޮންނަ ސަމިޓް ކާމިޔާބު ކަމާއެކު ކުރިއަށްގެންދިއުމަށް މަގުފަހިކުރުންކަމުގައި ވިދާޅުވެފައެވެ.