ޚަބަރު

ލައިސަންސް ނެތި ބޭރުފައިސާގެ މުއާމަލާތުނުކުރަން އިލްތިމާސްކޮށްފި


  • ލައިސަންސް ދޫކޮށްފައިވަނީ 59 ފަރާތަކަށް

  • ޚިދުމަތް ހޯދުމުގެ ކުރިން އެއީ ލައިސަންސް އޮތް ފަރާތެއްކަން ކަށަވަރުކުރުމަށް ވަނީ އެދިފައި

ލައިސެންސް ނެތި ބޭރުފައިސާ މާރުކުރުމުގެ ވިޔަފާރި ކުރުމަކީ ކުށެއް ކަމަށާއި ލައިސަންސް ނެތް ފަރާތްތަކާއެކު މިފަދަ މުޢާމަލާތް ނުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމްއެމްއޭއިން އިލްތިމާސްކޮށްފިއެވެ.

އެމްއެމްއޭއިން ނެރެފައިވާ ބަޔާނެއްގައި ވިދާޅުވީ ދިވެހިރާއްޖޭގައި ބޭރުފައިސާ މާރުކުރުމުގެ ވިޔަފާރި ކުރަންވާނީ އެ އޮތޯރިޓީން ދޫކުރާ ލައިސަންސެއް އޮވެގެންކަން ބޭރު ފައިސާއާބެހޭ ޤާނޫނު އަދި މަނީ ޗޭޖިންގ ވިޔަފާރިއާބެހޭ ގަވާއިދުގައި ސާފުކޮށް ބަޔާންކޮށްފައިވާކަމަށެވެ. ނަމަވެސް ބައެއް ފަރާތްތަކުން ލައިސަންސް ނެތި ބޭރުފައިސާ މާރުކުރުމުގެ މުޢާމަލާތްތައް ކުރަމުންދާކަން އެ އޮތޯރިޓީއަށް ފާހަގަކުރެވިފައިވާކަމަށެވެ.

މިކަމަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ ދަށުން ކުށެއް ކަމަށްވާތީ، އެއްވެސް ފަރާތަކުން އެ އޮތޯރިޓީގެ ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރިކުރާ ފަރާތްތަކާއެކު މިފަދަ މުޢާމަލާތް ނުކުރުމަށް އެމްއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ދިވެހިރާއްޖޭގައި ބޭރުފައިސާ މާރުކުރުމުގެ ވިޔަފާރި ކުރުމުގެ ލައިސަންސް 09 ސެޕްޓެންބަރު ގެ ނިޔަލަށް ދޫކުރެވިފައިވަނީ 59 ފަރާތަކަށްކަމަށް އެމްއެމްއޭއިން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން، އެއްވެސް ފަރާތަކުން ބޭރުފައިސާ މާރުކުރުމުގެ މުޢާމަލާތެއް ބޭންކެއް ފިޔަވާ އެހެން ފަރާތަކާއެކު ކުރާނަމަ، އެމުޢާމަލާތްކުރެވެނީ ބޭރުފައިސާ މާރުކުރުމުގެ ވިޔަފާރި ކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތަކާއެކު ކަން ކަށަވަރުކޮށް، ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އެކަންކަން ކުރުމަށްވެސް އެމްއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއެމްއޭއިން އަލަށް އަމަލުކުރަން ފެށި ބޭރުފައިސާ ގަނެ ވިއްކުމުގެ ވިޔަފާރިއާ ބެހޭ ޤަވާއިދަކީ 1987 އިން ފެށިގެން އަމަލުކުރަމުން އައި ޤަވާއިދުގެ ބަދަލުގައި ޢަމަލުކުރަން ފެށި އައު ޤަވާއިދެކެވެ. މި ޤަވާއިދުގެ އެންމެ ބޮޑު ބޭނުމަކީ ބޭރުފައިސާ ގަނެވިއްކުމުގެ ވިޔަފާރި ބެލެހެއްޓުން މިހާރަށްވުރެ ހަރުދަނާކޮށް އެ ވިޔަފާރި ހިންގުމުގައި ޒަމާނީ އުސޫލުތަކެއް ކަނޑައެޅުމެވެ.