ފަގީރު ހާލަތުގައި އެކަނި ދަރިން ބަލާ މީހުންނަށް މިދިޔަ މަހު 17.7 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް ނޭޝަނަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެންސްޕާއިން އާންމު ކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު އެކަނިވެރި މައިންނާއި ބަފައިންގެ އެލަވަންސަށް އެދި އަލަށް 87 މީހުން ރަޖިސްޓްރީކޮށްފައިވެއެވެ. އަދި 179 ކުޑަކުދިންނަށް އެހީ ހޯދުމަށް އެދި އަލަށް ރަޖިސްޓްރީކޮށްފައިވެއެވެ.
އަދި މިދިޔަ މަހު ފަޤީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންގެ ތެރޭގައި ހިމެނޭ 3،357 މީހަކަށާއި، 5،206 ކުޑަކުދިންނަށް އެހީ ދީފައިވެއެވެ. އެއީ، ޖުމްލަ 17،469،000 ރުފިޔާއެވެ.
މީގެއިތުރުން ފަޤީރު ހާލަތުގައި ދިރިއުޅޭ، މައިންބަފައިންގެ އެހީތެރިކަމެއްނެތި އެހެން މީހަކު ބަލަހައްޓާ 137 ކުދިންނަށާއި، 101 ބެލެނިވެރިންނަށް މާލީ އެހީގެ ގޮތުގައި މިދިޔަ މަހު 187،500 ރުފިޔާ ދީފައިވެއެވެ. އަދި މި އެހީއަށް މިދިޔަ މަހު އަލަށް 4 ބެލެނިވެރިޔަކު އެދިފައިވާކަމަށް އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ފަޤީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީ pic.twitter.com/y4V1AfsCQt
— NSPA (@NSPAmaldives) September 9, 2026
އެންސްޕާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ފަޤީރު ހާލަތުގައި ދިރިއުޅޭ 655 ފަރާތަކަށް ކާބޯތަކެތި ގަތުމަށް މާލީ އެހީގެ ގޮތުގައި 26،200 ރުފިޔާ ދީފައިވެއެވެ.
އަދި މިދިޔަ މަހު ތެލެސީމިއާ އެލަވަންސްގެ ގޮތުގައި 535 ފަރާތަކަށް 1،070،000 ރުފިޔާ ދީފައިވާއިރު، 4 ފަރާތަކަށް ތެލެސީމިއާ އެލަވަންސް ހަމަޖައްސާދީފައިވެއެވެ.
އެންސްޕާއިން އަންނަނީ، އެކި ކަންކަމުގައި މާލީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީދިނުމުގެ ގޮތުން ތަފާތު އެކި ޕްރޮގްރާމްތައް ހިންގަމުންނެވެ.