ލައިފް ސްޓައިލް

ދުނިޔޭގައި ތިބި އެންމެ މުއްސަނދި މީހުން!


އެމެރިކާގެ މަޝްހޫރު ފޯބްސް މަޖައްލާއިން ހޮވާ ބިލިއަނަރުންގެ ލިސްޓު ނުވަތަ ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ލިސްޓަކީ އެންމެންވެސް ޝައުޤުވެރިވާ ލިސްޓެކެވެ. ދުނިޔޭގެ ބޮޑެތި ވިޔަފާރިތައް ހިންގާ މަހުޖަނުން މިލިސްޓުން ޖާގަ ހޯދުމަށް އަބަދުވެސް މަސައްކަތްކުރެއެވެ. އެގޮތުން ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ބޮޑެތި ކުންފުނިތަކުގެ ވެރިންނަކީ މިލިސްޓުގެ އެންމެ ކުރީގައި ހުރުމަށް ވާދަކުރަމުންދާ ބައެކެވެ.
ފޯބްސް މަޖައްލާއިން ޢާއްމުކުރި މިއަހަރުގެ އެންމެ މުއްސަނދި މީހުންގެ ލިސްޓަށް ބަލާލާއިރު ގަދަ 3 ގައި އުޅެނީ އެމެރިކާ މީހުންނެވެ. ލިސްޓުގެ 1 ވަނައާއެކު އެންމެ މުއްސަނދި މީހާގެ ޝަރަފު ލިބެނީ، ދުނިޔޭގައި އެންމެ ފުޅާދާއިރާއެއްގައި އޮންލައިން ވިޔަފާރިކުރާ އެމޭޒޮންގެ ވެރިޔާ ޖެފް ބެޒޯސްއަށެވެ.

އުމުރުން 54 އަހަރުގެ ޖެފްގެ މިލްކިއްޔާތުގެ އަގު 112 ބިލިއަން ޑޮލަރަށް އަރާއިރު، މިއީ ބިލިއަނަރުންގެ ލިސްޓުގައި ހިމެނޭ މީހެއްގެ މިލްކިއްޔާތު 100 ބިލިއަން ޑޮލަރަށްވުރެ އިތުރުވި ފުރަތަމަ ފަހަރެވެ. 1994 ވަނަ އަހަރު އޮންލައިންކޮށް ފޮތް ވިއްކުމުގެ ވިޔަފާރި އޭނާ ފެށީ އާދައިގެ ގަރާޖެއްގެ ތެރޭގައެވެ. ކާމިޔާބުކަމައެކީ ތަފާތު ވިޔަފާރިތައް ޖެފް މިއަދު ހިންގަމުންދާއިރު އޭނާގެ މިލްކިއްޔާތަށް މިދިޔަ އަހަރެއްހާ ދުވަސްތެރޭގައި ވަނީ 39 ބިލިއަން ޑޮލަރު އިތުރުވެފައެވެ.
ބިލިއަނަރުންގެ ލިސްޓުގެ 2 ވަނަ ލިބެނީ މިދިޔަ އަހަރުތަކުގައި މިލިސްޓުގެ 1 ވަނަ ހޯދަމުންދިޔަ މަޝްހޫރު މައިކްރޯސޮފްޓްގެ ބާނީ ބިލް ގޭޓްސްއަށެވެ. މާބޮޑު ތަޢާރަފެއް ބޭނުންނުވާ ބިލް ގޭޓްސްގެ މިލްކިއްޔާތުގެ އަގަކީ 90 ބިލިއަން ޑޮލަރެވެ. ބިލް ގޭޓްސްއަށްވުރެ ޖެފް ބެޒޯސް 22 ބިލިއަން ޑޮލަރު ކުރީގައި އުޅޭއިރު މިއީ 2001 ވަނަ އަހަރުގެ ފަހުން މިލިސްޓުގެ 1 ވަނައާއި 2 ވަނައިގެ ފަރަޤު މިހާ ބޮޑުވި ފުރަތަމަ ފަހަރެވެ.

ބިލިއަނަރުންގެ ލިސްޓުގެ 3 ވަނަ ލިބެނީ އެމެރިކާގެ ކާމިޔާބު ވިޔަފާރިވެރިޔާ ވޮރެން ބަފެޓަށެވެ. އުމުރުން 87 އަހަރުގެ ބަފެޓްގެ މިލްކިއްޔާތުގެ އަގު 84 ބިލިއަން ޑޮލަރަށް އަރައެވެ. އުމުރުން 11 އަހަރުގައި ހިއްސާ ގަނެ ވިއްކުމުގެ ވިޔަފާރިއަށް ވަދެފައިވާއިރު، އޭނާގެ 60 އަށްވުރެ ގިނަ ކުންފުނި މިއަދު އޮވެއެވެ. ދީލަތި ބޭފުޅެއްގެ ގޮތުގައި ފާހަގަވާ ބަފެޓް މިހާތަނަށް 32 ބިލިއަން ޑޮލަރުވަނީ އެހީގެ ގޮތުގައި އެކި ފަރާތްތަކަށް ހަދިޔާކޮށްފައެވެ.
ބިލިއަނަރުންގެ ލިސްޓުގެ 4 ވަނަ ލިބެނީ ޔޫރަޕްގެ އެންމެ މުއްސަނދި މީހާއަށެވެ. ފްރާންސްގެ ރައްޔިތެއްކަމަށްވާ ބަރނާޑް އާރނޯލްޓް އަކީ ލަގްޒަރީ ތަކެތި އުފައްދާ އެންމެ ބޮޑު ކުންފުނި، ލުއިވިޓާން ކުންފުނީގެ ޗެއަރމަންއެވެ. އުމުރުން 69 އަހަރުގެ އާރނޯލްޓްގެ މިލްކިއްޔާތުގެ އަގު 72 ބިލިއަން ޑޮލަރަށް އަރައެވެ.

ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ލިސްޓުގެ 5 ވަނަ ލިބެނީ މަޝްހޫރު ފޭސްބުކްގެ ބާނީ މާކް ޒަކަބާގްއަށެވެ. ހަވާޑް ޔުނިވަރސިޓީގައި ކިޔަވަން އުޅުނު ދުވަސްވަރު ޒަކަބާގް ފޭސްބުކް ހެދީ އުމުރުން 19 އަހަރުގައި، 2004 ވަނަ އަހަރުއެވެ. އިތުރު މީހެއްގެ އަތުން ފައިސާ ނުހޯދައި އަމިއްލައަށް މަސައްކަތްކޮށްގެން ކުރިއެރި 33 އަހަރުގެ ޒުވާނާގެ މިލްކިއްޔާތުގެ އަގު 71 ބިލިއަން ޑޮލަރަށް އަރައެވެ.
ފޯބްސް މަޖައްލާއިން ޢާއްމުކުރި ބިލިއަނަރުންގެ ލިސްޓުން މިއަހަރު 2208 މީހަކު ޖާގަ ހޯދިއެވެ. އެއީ 72 ޤައުމަކުންނެވެ. މި 2208 ބިލިއަނަރުންގެ މިލްކިއްޔާތުގެ ޖުމްލަ 9.1 ޓްރިލިއަން ޑޮލަރަށް އަރައެވެ (1000 މިލިއަންއަކީ 1 ބިލިއަން، 1000 ބިލިއަން އަކީ 1 ޓްރިލިއަން).

މިއަހަރުގެ ލިސްޓުގައިވެސް އެންމެ ގިނައީ އެމެރިކާ މީހުންނެވެ. މިގޮތުން އެމެރިކާގެ 585 ބިލިއަނަރުން އެބަތިއްބެވެ. 2 ވަނަ އަށް އެންމެ ގިނަ ބިލިއަނަރުން ތިބީ ޗައިނާގައެވެ. އެއީ 373 ބިލިއަނަރުންނެވެ. 256 އަންހެނުން ބިލިއަނަރުންގެ ލިސްޓުގައި ހިމެނޭއިރު، މިއަހަރު ލިސްޓަށް އަލަށް 259 ބިލިއަނަރުން ވަނީ އިތުރުވެފައެވެ. އަނެއްކޮޅުން މާލީ ގޮތުން ދިމާވި އެކި ކަންކަމުގެ ސަބަބުން ނުވަތަ މަޢުލޫމާތު ނުލިބުމުގެ ސަބަބުން 121 މީހަކު ވަނީ ބިލިއަނަރުންގެ ލިސްޓުން ބޭރުވެފައެވެ. އޭގެ ތެރޭގައި މުޅިންވެސް ސަޢުދީ ރައްޔިތުން ހިމެނޭއިރު، ސަޢުދީ ޕްރިންސް އަލްވަލީދު ބިލް ތަލާލްވެސް ހިމެނެއެވެ.
ކޮންމެ އަހަރަކު ފޯބްސް މަޖައްލާއިން ނެރޭ ބިލިއަނަރުންގެ ލިސްޓަކީ ފެބްރުއަރީމަހުގެ މާލީ ހިސާބުތަކަށް ބަލާފައި ނެރޭ ލިސްޓެކެވެ. އެހެންކަމުން ލިސްޓު ޢާއްމުކުރާ ފަހުން ބައެއް މީހުންގެ މުއްސަނދިކަން އިތުރުވެ، ދަށަށް ދިއުންވެސް އެކަށީގެންވެއެވެ.