ލައިފް ސްޓައިލް

ޤައުމުތަކުގެ ލީޑަރުންގެ މުސާރައަށް ނަޒަރެއް!


ދުނިޔޭގެ ބޮޑެތި ޤައުމުތަކުގެ މަޝްހޫރު ލީޑަރުންނަށް މުސާރައިގެ ގޮތުގައި ލިބެނީ ކިހާވަރެއްތޯ ބަލާލަން ހިތަށް އަރާ މީހުން މަދެއް ނުވާނެއެވެ. ލީޑަރުންނާބެހޭ ތަފާތު މަޢުލޫމާތުތައް ކޮންމެ ދުވަހަކުހެން އިވެމުންދިޔަސް، ޤައުމުތަކުގެ ލީޑަރުންނަށް މުސާރައިގެ ގޮތުގައި ލިބެނީ ކިހާ ވަރެއްކަން ގިނަ ބަޔަކަށް ނޭނގެއެވެ.
ޤައުމުތަކުގެ ލީޑަރުންގެ މުސާރައަށް ނަޒަރު ހިންގާލާއިރު، ހީނުކުރާ ފަދަ މަންޒަރުވެސް ފެނެއެވެ. ތަރައްޤީވެފައިވާ ބައެއް ބޮޑެތި ޤައުމުތަކުގެ ލީޑަރުންގެ މުސާރަ ހީނުކުރާހާ ކުޑައިރު، ބައެއް ކުދި ޤައުމުތަކުގެ ލީޑަރުންގެ މުސާރަ އުޅެނީ މާބޮޑަށްވެސް މަތީގައެވެ. ގިނަ ޤައުމުތަކުގައި ލީޑަރުންގެ މުސާރައަކީ ކޮންމެ އަހަރަކުވެސް ވަކި އަދަދެއް ކަނޑައަޅާފައި، ބަޖެޓްގައި ހިމަނާ ފައިސާއެކެވެ. ނަމަވެސް ބައެއް ލީޑަރުން މުސާރަ އަމިއްލައަށް ކުޑަކޮށްފައިވެސް އެބަހުއްޓެވެ. ބައެއް ލީޑަރުން ވެރިކަމަށް ވަޑައިގެން މުސާރަ ބޮޑުކޮށްފައިވެސް އެބަހުއްޓެވެ.

ދުނިޔޭގެ ޤައުމުތަކުގެ ލީޑަރުންގެ މުސާރައަށް ބަލާލާއިރު، އެންމެ ބޮޑު މުސާރައެއް ލިބިވަޑައިގަންނަވާ ލީޑަރަކީ ސިންގަޕޫރުގެ ބޮޑުވަޒީރު ލީ ސިއެންގ ލޫންގއެވެ. އޭނާއަށް މުސާރައިގެ ގޮތުގައި މަހަކު 147000 ޑޮލަރު ލިބިވަޑައިގަންނަވާއިރު މިއީ އަހަރަކަށް 2.2 މިލިއަން ޑޮލަރެވެ.
ސިންގަޕޫރުގެ ބޮޑުވަޒީރަށްފަހު އެންމެ ބޮޑު މުސާރައެއް ލިބޭ އެއް ލީޑަރަކީ ހޮންގކޮންގގެ ޗީފް އެގްޒެކްޓިވް ކެރީ ލާމްއެވެ. އޭނާއަށް މަހަކު 53166 ޑޮލަރު މުސާރައިގެ ގޮތުގައި ލިބިވަޑައިގަންނަވާއިރު، މިއީ އަހަރަކަށް 638000 ޑޮލަރެވެ.
މިލިސްޓުގެ 3 ވަނަ ލިބެނީ ސުވިޓްޒަލެންޑުގެ ރައީސްއަށެވެ. ސުވިޓްޒަލެންޑުގެ ރައީސްގެ ދައުރަކީ އެއް އަހަރެވެ. މުސާރައިގެ ގޮތުގައި މަހަކު 40000 ޑޮލަރު ލިބޭއިރު، މިއީ އަހަރެއްގެ މައްޗަށް 480000 ޑޮލަރެވެ.
4 ވަނައަށް އެންމެ ބޮޑު މުސާރައެއް ލިބޭ ލީޑަރަކީ އޮސްޓްރޭލިއާގެ ބޮޑުވަޒީރެވެ. އޮސްޓްރޭލިއާގެ ބޮޑުވަޒީރަށް މުސާރައިގެ ގޮތުގައި މަހަކު 34583 ޑޮލަރު ލިބިވަޑައިގަންނަވާއިރު، މިއީ އަހަރެއްގެ މައްޗަށް 415000 ޑޮލަރެވެ.

ދުނިޔޭގެ އެންމެ ބޮޑު މުސާރަ ލިބޭ ލީޑަރުންގެ ލިސްޓުގެ 5 ވަނަ ލިބެނީ އެމެރިކާގެ ރައީސްއަށެވެ. އެމެރިކާގެ ރައީސްގެ މުސާރައަކީ މަހަކު 33333.33 ޑޮލަރެވެ. މިއީ އަހަރަކަށް 400000 ޑޮލަރެވެ. ނަމަވެސް އެމެރިކާގެ ރައީސްގެ މަޤާމުގައި ހުންނެވި ޑޮނާލްޑް ޓްރަމްޕް ވަނީ މުސާރަ ނުނެންގެވުމަށް ނިންމަވާފައެވެ. 3 ބިލިއަން ޑޮލަރުގެ މިލްކިއްޔާތެއް އޮތް ޓްރަމްޕު މުސާރައިގެ ގޮތުގައި ނަންގަވަނީ އަހަރަކު އެންމެ ޑޮލަރެކެވެ.
އެމެރިކާގެ ރައީސްއަށްފަހު ދެން އެންމެ ބޮޑު މުސާރައެއް ލިބެނީ ކެނެޑާގެ ބޮޑުވަޒީރަށެވެ. ކެނެޑާގެ ބޮޑުވަޒީރަށް މަހަކު 28750 ޑޮލަރު ލިބިވަޑައިގަންނަވާއިރު، މިއީ އަހަރަކަށް 345000 ޑޮލަރެވެ.
އެންމެ ބޮޑު މުސާރަ ލިބޭ ލީޑަރުންނަށްފަހު، ދުނިޔޭގެ ނުފޫޒުގަދަ ޤައުމުތަކުގެ ލީޑަރުންގެ މުސާރައަށް ބަލާލާނަމެވެ. މިލިސްޓަށް ބަލާލުމުން ވަރަށް ހައިރާންކުރަނިވި މަންޒަރެއް ފެނެއެވެ. ދުނިޔޭގެ ބާރުތަކުގެ ގޮތުގައި ބެލެވޭ ބައެއް ޤައުމުތަކުގެ ލީޑަރުންގެ މުސާރަ ކުޑަކަމެވެ.

އޭޝިޔާގެ ޤައުމުތަކަށް ބަލާލާއިރު އިޤްތިޞާދީ ގޮތުންނާއި އަސްކަރީ ގޮތުން ދުނިޔޭގެ ބޮޑު ބާރަކަށް އަމާޒު ހިފާފައިވާ ޗައިނާގެ ރައީސަށް މަހަކު ލިބިވަޑައިގަންނަވަނީ 1833.33 ޑޮލަރެވެ. ޗައިނާއާ ވާދަވެރި އިންޑިއާގެ ބޮޑުވަޒީރަށް މަހަކު ލިބިވަޑައިގަންނަވަނީ 2525 ޑޮލަރެވެ. ޖަޕާނުގެ ބޮޑުވަޒީރަށް 16891.6 ޑޮލަރު ލިބިވަޑައިގަންނަވައެވެ.
ޔޫރަޕްގެ ބޮޑެތި ބާރުތަކަށް ބަލާއިރު، ރަޝިޔާގެ ރައީސްގެ މުސާރައަކީ މަހަކު 13617 ޑޮލަރެވެ. ފްރާންސްގެ ރައީސްގެ މުސާރައަކީ 18467 ޑޮލަރެވެ. އިނގިރޭސި ބޮޑުވަޒީރުގެ މުސާރައަކީ މަހަކު 17916 ޑޮލަރެވެ. ޖަރުމަންވިލާތުގެ ޗާންސެލާގެ މުސާރައަކީ މަހަކު 19500 ޑޮލަރެވެ.

އެފްރިކާގެ ޤައުމުތަކަށް ބަލާލާއިރު އެންމެ ބޮޑު މުސާރައެއް ލިބިވަޑައިގަންނަވަނީ ކެމަރޫންގެ ރައީސްއަށެވެ. އެގޮތުން މަހަކު 50833.3 ޑޮލަރު ކެމަރޫންގެ ރައީސްއަށް ލިބިވަޑައިގަންނަވައެވެ. ދެކުނު އެފްރިކާގެ ރައީސްގެ މުސާރައަކީ މަހަކު 22666.6 ޑޮލަރެވެ. ޒިންބާބުވޭގެ ރައީސްއަށް މަހަކު 18666 ޑޮލަރު ލިބިވަޑައިގަންނަވާއިރު ކެންޔާގެ ރައީސްގެ މުސާރައަކީ މަހަކު 13031 ޑޮލަރެވެ.

ބަސްފޮތް.

ލިސްޓު ދިމައެއް ނުވޭ ބޮޑު މުސާރަ ތަރުތީބު ކުރި އިރު. ކެމަރޫން ރައީސަށް މަހަކު 50833.3 ޑޮލަރު ލިބޭކަމަށް އޮތް އިރު އެންމެ މުސާރަ ބޮޑު މީހުންގެ ލިސްޓުގަ އޭނާ ނެތް.އެއަށްވުރެއް ދަށުން ލިބޭ މީހުން އެބަތިބި

އަލީހަމީދު

ކަލޯ ކާކު މި އާރޓިކަލް ލިޔުނީ. ހުސް ލިޔުމުގެ ކުށް. ރަނގަޅުކޮށްފަ އަޕްލޯޑް ކުރެއްވުން އެދެން