ޚަބަރު

ސާފުރާއްޖެ ޙަރަކާތުގައި ވެމްކޯ އާއި އެންވަޔަރަމެންޓް މިނިސްޓްރީއާއެކު ޕީއެސްއެމްއިން ސޮއިކޮށްފި


ކުނި މެނޭޖް ކުރުމާއި ނައްތާލުމަށް ހޭލުންތެރިކުރުމާގުޅޭ ޕްރޮގްރާމްތަކެއް އުފެއްދުމާގުޅޭ އެއްބަސްވުމެއްގައި ޕީއެސްއެމުން ސޮއިކޮށްފިއެވެ.

މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ ވެމްކޯގެ އޮފީހުގައި ބޭއްވި ޙަފްލާއެއްގައި މި އެއްބަސްވުމުގައި އެންވަޔަރަންމެންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޠާރިޤު އިބްރާހީމެވެ. އަދި ޕީއެސްއެމްގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލް ސޮއިކުރެއްވި އިރު، ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝިފާއުއެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އެންވަޔަރަމެންޓް މިނިސްޓަރު ޠާރިޤު އިބްރާހީމް ވިދާޅުވީ، ރާއްޖެއިން ރައްކާތެރި ގޮތުގައި ކުނި ނައްތާލެވޭނެ އެއްވެސް އިންތިޒާމެއް މީގެ ކުރީގެ އެއްވެސް ވެރިކަމެއްގެ ދައުރެއްގައި ކުރެވިފައިނުވާ ކަމަށާ ނަމަވެސް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މި ހަތަރު ދައުރުގެ ތެރޭގައި ވަރަށް ރަނގަޅަށް ޕްލޭން ކުރެވިގެން ކުންފުންޏެއް މެދުވެރިކޮށް ރައްކާތެރިކަމާއެކު އެ މަސައްކަތް ކުރެވެމުން އަންނަ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަކީ ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާއެއް ކަމަށާއި އެކަމަކީ އެކަމަށް ކަނޑައެޅިފައިވާ އިދާރާތަކުގެ ހަމައެކަނި ޒިންމާއެއްގެ ގޮތުގައި ދެކިގެންނުވާނެ ކަމަށެވެ.

"މިއަދު ޕީއެސްއާއެކު ސޮއިކުރި އެއްބަސްވުމުގެ މައިގަނޑު އަމާޒަކީ ވެމްކޯއިން މާލެއާއި ރާއްޖެތެރޭގެ އެކި އެކި ސަރަހައްދުތަކުގައި ރައްކާތެރިކަމާއެކު ކުނި މެނޭޖުކުރަމުންދާ ގޮތް ރައްޔިތުންނަށް ފޯރުކޮށްދިނުން. ރައްޔިތުންގެ ހޭލުންތެރިކަން އިތުރު ކުރުން. މީގެ ކުރިން ރާއްޖޭގައި ނެތް އެއްވެސް ވަރަކަށް ރައްކާތެރިކަމާއި އެކު ކުނި މެނޭޖުކުރެވިފައެއް. ނަމަވެސް ރައީސް ޔާމީންގެ ޒައާމަތުގެ 4 އަހަރުގެ ތެރޭގައި ކުންފުންޏެއް މެދުވެރިކޮށް ޕްލޭން ކުރެވިގެން ރާއްޖޭގައި ރައްކާތެރިކަމާއި އެކު ކުނި މެނޭޖުރެވެން މިވަނީ ފެށިފައި" މިނިސްޓަރު ޠާރިޤު އިބްރާހީމް ވިދާޅުވިއެވެ.

މި ޙަފްލާގައި ވާހަކަފުަޅު ދައްކަވަމުން ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ޢިބްރާހީމް ޚަލީލް ވިދާޅުވީ، ވެމްކޯއާއި އެންވަޔަރަމެންޓް މިނިސްޓްރީއާއެކު ސޮއިކުރި އެއްބަސްވުމުގައިވާ ގޮތަށް އެއްއަހަރު ދުވަހުގެ ތެރޭގައި ރައްޔިތުންނާ ހަމައަށް ކުންޏާ ބެހޭގޮތުން ތަފާތު މަަޢުލޫމާތު ގެނެސްދެވޭނެ ކަމަށެވެ.

ޚަލީލް ވިދާޅުވީ ކުންޏަކީ މިއަދު ހަމައެކަނި ކުނީގެ ގޮތުގައި މާނަ ކުރެވޭނެ އެއްޗެއް ނޫންކަމަށާ، ކުންޏަކީ ރައްޔިތުންނަަށް އެތަކެއް ލާބައާއި މަންފާއެއް ހޯދޭ އެއްޗަކަށް ވެފައިވާ ކަމަށެވެ. އަދި ކުނި ނައްތާލުމުގެ އިންތިޒާމްތައްވެސް މިހާރު ކުރިއަށްދަނީ މީގެ ކުރިން ބަޔަކު ހިތަށްވެސް ނާރުވާފަދަ ޒަމާނީ ފެންވަރެއްގައި ކަމަށް ޚަލީލް ވިދާޅުވިއެވެ.

"މިއަދު ތިމާވެއްޓާބެހޭ މިނިސްޓްރީއާ ވެމްކޯ ގުޅިގެން ޕީއެސްއެމްއާއެކު ސޮއިކުރި އެގްރިމެންޓް ތެރެއިން ރައްޔިތުންނަށް މިކަމާބެހޭ މައުލޫމާތު ދިނުމަށް ވަރަށްގިނަ ކަންތައްތައް ކުރެވޭނެ. މިހާރު އަޅުގަނޑުމެންނަށް ޤަބޫލުކުރެވޭނެ މީގެ ކުރިންވެސް އަޑުއަހަން ކުނި ރީ-ސައިކަލް ކުރާ ވާހަކަ. އެހެން ނަމަވެސް މިހާރު އާމްދަނީއަށް ކުރެވޭ މާބޮޑު މަސައްކަތެއްގެ ގޮތުގައި މިކަންކުރެވޭނެ މަގު އެންވަޔަރަމެންޓް މިނިސްޓްރީން މިއޮތީ ފަހިކޮށްދީފައި. މިއީ ދިވެހި ސަރުކާރުން މިއަދުގެ ސިޔާސަތު ބައްޓަން ކުރުމުގައި ކުރެއްވި މުހިންމުކަމެއް." އިބްރާހީމް ޚަލީލް ވިދާޅުވިއެވެ.

ސާފުރާއްޖެ ޕްރޮގްރާމުގައި ޕީއެސްއެމްއިން ވަނީ މީގެ ދެއަހަރު ކުރިން އެންވަޔަރަމެންޓް މިނިސްޓްރީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި އެއްބަސްވުމުގެ ދަށުން ޕީއެސްއެމް އިން އަންނަނީ ރާއްޖެއަކީ ސާފު ތަނެއްގެ ގޮތުގައި ހެދުމަށް ރައްޔިތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކާއި ޑޮކިއުމެންޓްރީތައް އުފައްދައި ރައްޔިތުންނާ ހަމައަށް ގެނެސްދެމުންނެވެ.