ޓުއަރިޒަމް

ރާއްޖޭގެ 9 ކުންފުންޏަކުން ކޮޓުމް ފެއަރގައި ބައިވެރިވެއްޖެ


"ޗައިނާ އައުޓްބައުންޑް ޓްރެވަލް އެންޑް ޓޫރިޒަމް މަރކެޓް" ކޮޓުމް ފެއަރގައި އެމްއެމްޕީއާރުސީއާއި އެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ނުވަ ކުންފުންޏަކުން ސޯޅަ ބައިވެރިން ބައިވެރިވެއްޖެއެވެ.

ތިން ދުވަހުގެ މުއްދަތަކަށް ޗައިނާގެ ވެރިރަށް ބެއިޖިންގައި ކުރިއަށްދާ މި ފެއަރގައި ބައިވެރިވާ ރާއްޖޭގެ ވަފްދުގައި އެންމެ އިސްކޮށް ހުންނެވީ ޗައިނާގައި ހުންނަވާ ދިވެހި ސަފީރު މުޙައްމަދު ފައިސަލެވެ.

ޗައިނާގައި ބާއްވާ އެންމެ ބޮޑު ފަތުރުވެރިކަމުގެ ފެއަރތަކުގެ ތެރޭގައި ހިމެނޭ ކުޓުމް ފެއަރގައި ޚާއްސަ ޙަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން އެމްއެމްޕީއާރުސީން ވަނީ ނިންމާފައެވެ. އެގޮތުން ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދިވެހި ބަހުން ނަން ލިޔެދިނުމާއި، ވަރޗުއަލް ރިއަލިޓީ ހެޑްސެޓެއް ބޭނުންކޮށްގެން ރާއްޖޭގެ ކަނޑުއަޑީގެ ރީތިކަން ބަލާލުމުގެ ފުރުސަތު ދިނުން ހިމެނެއެވެ. މީގެއިތުރުން ރާއްޖޭގެ އިޝްރިހާރާއެކު ތައްޔާރުކޮށްފައިވާ ޙާއްސަ ފްރޭމް ބޯޑާއި އެކު ފޮޓޯ ނެގުމަށްފަހު ސޯޝަލް މީޑިއާގައި ޝެއަރކޮށްގެން އިނާމެއް ހޯދުމުގެ ޙަރަކާތެއްވެސް އެމްއެމްޕީއާރުސީން ރާއްޖޭގެ ސްޓޭންޑުގައި ކުރިއަށް ގެންދާނެއެވެ.

މިދިޔަ އަހަރުގެ ކޮޓުމް ފެއަރއަށް ހަތަރު ހާސް ތިންސަތޭކައަށް ވުރެ ގިނަ ޗައިނާގެ ޓްރެވަލް އެޖެންޓުން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ 2016 ވަނަ އަހަރާއި އަޅާ ބަލާއިރު %18 އިތުރު އަދަދެކެެވެ. މިއަހަރުގެ ފެއަރއަށްވެސް ގިނަ އަދަދެއްގެ ބަޔަކު ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވެއެވެ.