ޚަބަރު

އެމްއެސީއެލް އިން އަޅާ ޓަވަރުގެ ފައުންޑޭޝަން މަސައްކަތް މިމަހު ފަށަނީ


ހިޔާ މަޝްރޫޢުގެ ދަށުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލް އިން އަޅާ ޓަވަރުގެ ފައުންޑޭޝަން މަސައްކަތް މިމަހު ފަށާނެކަމަށް އެމްއޭސީއެލް އިން ބުނެފިއެވެ.

ސަރުކާރުން ފަށާފައިވާ ހިޔާ މަޝްރޫޢުގެ ދަށުން މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޑެޓް، އެމްއޭސީއެލްއިން އަޅާ 2 ޓަވަރުގެ ޢަމަލީ މަސައްކަތް ފެށީ މިދިޔަ މަހުގައެވެ. އެމްއޭސީއެލްއިން ޢިމާރާތް ކުރާ 15 ބުރީގެ 2 ޓަވަރުގައި ހިމެނެނީ 1 ކޮޓަރިއާއި 3 ކޮޓަރީގެ އެޕާޓްމަންޓްތަކެވެ.

އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ ޢާދިލް މޫސާ ވިދާޅުވީ އެމްއޭސިއެލްގެ ޓަވަރުގެ މަސައްކަތް ކުރު މުއްދަތެއްގައި ނިންމާލެވޭނެ ކަމަށެވެ. އަދި މިމަސައްކަތުގެ ސަބަބުން މުވައްޒަފުންނަށް މަންފާކުރާނެ ކަމަށާއި މުވައްޒަފުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުވެގެންދާނެކަމަށެވެ. މީގެ އިތުރުން މިމަހުގެ ތެރޭގައި ފައުންޑޭޝަންގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާކަމަށާއި ފްލެޓަށް އެދި ހުށެހެޅުމުގެ ފުރުސަތުވެސް މިމަހު ހުޅުވާލާނެކަން ޢާދިލް ފާހަގަކުރެއްވިއެވެ.

"މި ޕްރޮޖެކްޓް ނިމިގެންދާއިރު މުވައްޒަފުންނަށް ވީހާވެސް ފަސޭހައިން ފައިސާ ދެއްކޭނެ އިންތިޒާމްތައް ހަމަޖެހިގެންދާނެ. ފައިސާ ދައްކަމުންދާނީ އެކި މަސްމަހަށް ބަހާލައިގެން. ފްލެޓް ލިބޭ މުވައްޒަފުންނަށް ބޭންކަށްގޮސް ތަކްލީފްތަކެއް އުފުލާކަށް ނުޖެހޭނެ. ފައުންޑޭޝަންގެ މަސައްކަތް މިމަހުގެ ތެރޭގައި ކުރުމަށް ހަމަޖެހިފައިވާއރު ފްލެޓަށް އެދި ފޯމް ހުށައެޅުމަށްވެސް ހުޅުވާލާން" އާދިލް ވިދާޅުވިއެވެ.

ކުންފުނިތަކުގެ މުވައްޒަފުންނަށް ޢަމާޒުކޮށްގެން ކުރިއަށްގެންދާ ހިޔާ މަޝާރޫޢު އަކީ ސަތޭކަ ހާސް މީހުންގެ އާބާދީއަކަށް ޢަމާޒުކޮށް ކުރިއަށްގެންދާ މަޝްރޫޢެކެވެ. އެމްއޭސީއެލްގެ 2 ޓަވަރު އެޅުމަށް ހަވާލު ކޮށްފައިވަނީ ޗައިނާގެ ކުންފުންޏެއްކަމަށްވާ ބެއިޖިންގ އާރބަން ކޮންސްޓްރަކްޝަން ގުރޫޕާއެވެ. އެމްއޭސީއެލްގައި 2800 މުވައްޒަފުން މަސައްކަތްކުރާއިރު މި ޓަވަރުތަކުގެ މަސައްކަތް ނުމުމުން ގިނަ އަދަދެއްގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ލިބިގެންދާނެކަމަށް އެމްއޭސީއެލް އިން ބުނެއެވެ.

ހިޔާ މަޝްރޫޢަކީ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުންފުނިތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މަޝްރޫޢު ރަސްމީކޮށް އިފްތިތާޙްކޮށް ދެއްވީ މިދިއަހަރުގެ ނޮވެމްބަރމަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނެވެ. ހިޔާ މަޝްރޫޢުގެދަށުން ކުންފުނިތަކުން 36 ޓަވަރު ޢިމާރާތްކުރުމަށް ހަމަޖެހިފަވެއެވެ.