ލައިފް ސްޓައިލް

އެންމެ ބޮޑު ކުރޫޒްލައިނަރގެ ދަތުރުތައް ފަށައިފި


ސިމްފަނީ އޮފް ދަ ސީޒް ނުވަތަ ދުނިޔޭގައި މިހާތަނަށް ބިނާކުރި އެންމެ ބޮޑު ކުރޫޒްލައިނަރ ބަނުމުގެ މަސައްކަތް ފެށީ 2015 ވަނަ އަހަރުއެވެ. 3 އަހަރު ދުވަހުގެ މަސައްކަތަށްފަހު ބަނތް އެންމެ ބޮޑު ކުރޫޒްލައިނަރގެ ދިގުމިނުގައި 362 މީޓަރު ނުވަތަ 4 ފުޓްބޯޅަ ދަނޑުގެ ދިނގުމިން ހުރެއެވެ. 4700 އަށްވުރެ ގިނަ މީހުން ބޯޓު ބިނާކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވިއެވެ. މިބޯޓު ބަނުމަށް 1 ބިލިއަނަށްވުރެ ގިނަ އެމެރިކާ ޑޮލަރު ޚަރަދުވިއެވެ.

ބޯޓުގެ ބަރުދަނުގައި 228،081 ޓަނު ހުރެއެވެ. މިއީ މިބޯޓާއި އެންމެ ކައިރިން ވާދަކުރާ ބޯޓަށްވުރެ 1000 ޓަނު ބަރު އަދަދެކެވެ. ބޯޓުގައި 7500 ހޯސް ޕަވަރުގެ 4 އިންޖީނު ހުރެއެވެ. މިކުރޫޒް ލައިނަރގައި 6680 އަށްވުރެ ގިނަ ޕަސިންޖަރުންނަށް ޖާގަ އޮތްއިރު، 2200 އަށްވުރެ ގިނަ ފަޅުވެރިން ކުރޫޒް ލައިނަރގައި މަސައްކަތްކުރާނެއެވެ. އެހެންކަމުން 9000 މީހުންގެ ޖާގައިގެ މިކުރޫޒް ލައިނަރއަކީ މިބޯޓާ އެންމެ ކައިރިން ވާދަކުރާ ބޯޓަށްވުރެ ޖާގައިގެ ގޮތުން 3 ގުނަ ބޮޑު ބޯޓެކެވެ.

ބޯޓުގައި ހިމެނޭ ބައިތަކަށް ބަލާލާއިރު، މިއީ 18 ބުރިއަށް ހަދާފައިވާ ކުރޫޒް ލައިނަރއެކެވެ. އެކި ބައިތަކަށް ދިއުމަށް 24 ލިފްޓު ހަރުކޮށްފައި ހުރެއެވެ. ބޯޓުގެ ކެބިންތަކާއި ރޫމްތައް 7 އަވަށަށް ނުވަތަ 7 ބަޔަކަށް ބަހާލާފައިވާއިރު، ކޮންމެ ބައެއް ހަދާފައިވަނީ ތަފާތުކޮށެވެ. އެހެންކަމުން އެމީހަކު ބޭނުންވާ ކަހަލަ މާހައުލެއްގައި އުޅެވޭނެއެވެ. ފަސިންޖަރުންނަށް ޚިދުމަތްދިނުމަށް 22 ރެސްޓޯރަންޓެއް ހުރެއެވެ. މިތަންތަނުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ކެއުންތައް ލިބެން ހުރެއެވެ.

މިކުރޫޒް ލައިނަރގައި 24 ސުވިމިންގ ޕޫލް ހުރެއެވެ. މީގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވެނީ 150 ފޫޓު އުސްމިނުގެ ވޯޓަރ ސްލައިޑެވެ. މިއީ ކުރޫޒް ލައިނަރއެއްގައި ހަރުކޮށްފައިވާ މިފަދަ އެންމެ އުސް ވޯޓަރ ސްލައިޑެވެ. ގާތްގަނޑަކަށް 10 ބުރި ޢިމާރާތެއްގެ އުސްމިނެވެ. ވޯޓަރ ސްލައިޑްގެ އިތުރުންވެސް މުނިފޫހިފިލުވުމަށް ގިނަ ކަންތައްތަކެއް މިކުރޫޒް ލައިނަރގައި ހުރެއެވެ. ރޮކް ކްލައިބިންގ، ރާޅާއެޅުން އަދި ތަފާތު އެކި މިއުޒިކް އަދި ލައިޓް ޝޯވތައް ހިމެނެއެވެ.

ކުރޫޒްލައިނަރގައި ހިމެނޭ ސެންޓްރަލް ޕާކަކީވެސް ހިތްގަޢިމު ތަނެކެވެ. މިޕާކުގައި 20000 އަށްވުރެ ގިނަ ގަސްގަހާގެހި ހުރެއެވެ. އަދި ޕާކަށް ޒިޔާރަތްކުރާ މީހުންނަށް ޚިދުމަތްދޭ ރެސްޓޯރަންޓެއް ހުރެއެވެ.
ފަސިންޖަރުންނަށް ޚާއްސަކޮށްފައިވާ ކޮޓަރިތަކަށް ބަލާލާއިރު، ތަފާތު އެކި ގިންތީގެ ކޮޓަރިތައް ހުރެއެވެ. ދެ މީހުންގެ ކޮޓަރިތަކުން ފެށިގެން މުޅި ޢާއިލާއަށް އުޅެވޭވަރުގެ ކޮޓަރިތައް މި ކުރޫޒް ލައިނަރގައި ހުރެއެވެ. މީގެ ތެރެއިން ބައެއް ކޮޓަރިތަކަކީ ދެފަންގިފިލައަށް ހަދާފައިވާ ހުންނަ ކޮޓަރިތަކަށްވާއިރު، 5 ތަރީގެ ހޮޓަލަކުން ނުލިބޭ ފަދަ ޚިދުމަތްތައްވެސް މިކޮޓަރިތަކުން ލިބެން ހުރެއެވެ. އެގޮތުން ކޮޓަރީގައި ފިލްމު ބަލަން ޚާއްސަ ސިނަމާއަކާއި ޓޭބަލް ޓެނިސް ކުޅެވޭނެ އިންތިޒާމް ހަމަޖެހިފައި ހުރެއެވެ.

ސިމްފަނީ އޮފް ދަ ސީސްގެ ފުރަތަމަ ދަތުރުގައި އެބޯޓު ސްޕެއިންގެ ބާސެލޯނާއިން މިމަހު ނައްޓާލާފައިވާއިރު، މިއަހަރު ބޯޓު ދަތުރުކުރާނީ މެޑިޓެރޭނިއަން ކަނޑުގެ މަންޒިލްތަކަށެވެ. އެގޮތުން ސްޕެއިންގެ ބައެއް ސަރަޙައްދުތަކަށާއި އިޓަލީގެ ބައެއް ސަރަޙައްދުތަކަށް ދަތުރުކުރާނެއެވެ. އަންނަ އަހަރު ބޯޓުގެ ގިނަ ދަތުރުތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މެޑިޓެރޭނިއަންގެ އިތުރުން ކެރީބިއަންގެ މަންޒިލްތަކަށްވެސް ބޯޓު ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެންމެ ބޮޑު ކުރޫޒް ލައިނަރގެ މަޤާމު ހޯދާފައިވާ ސިމްފަނީ އޮފް ދަ ސީސް ކުރޫޒް ލައިނަރއަކީ އިންޓަނޭޝަނަލް ކުރޫޒް ލައިން ބްރޭންޑެއްކަމަށްވާ، އެމެރިކާގެ ރޯޔަލް ކެރީބިއަން އިންޓަނޭޝަނަލް ކުންފުނީގެ ބޯޓެކެވެ. މިއީ 2009 ވަނަ އަހަރުން ފެށިގެން ކުރޫޒް ލައިނަރގެ ވިޔަފާރީގައި ހަރަކާތްތެރިވާ ކުންފުންޏެކެވެ. ދުނިޔޭގެ އެންމެ ބޮޑު ކުރޫޒްލައިނަރ ލިސްޓުގެ ގަދަ 10 އެއްގައި މިކުންފުނީގެ 7 ބޯޓު ހިމެނެއެވެ. މިކުންފުނީގެ ހުރިހާ ބޯޓުތަކަކީވެސް ޢާއްމު ގޮތެއްގައި ހަރަކާތްތެރިވާ ކުރޫޒް ލައިނަރތަކަށް ވުރެ ޖާގައިގެ ގޮތުން 30 އިންސައްތަ ބޮޑެތި ބޯޓުތަކެކެވެ. ސިމްފަނީ އޮފް ދަ ސީސްއާއެކު ރޯޔަލް ކެރީބިއަން އިންޓަނޭޝަނަލް ކުންފުނީގެ ކުރޫޒް ލައިނަރގެ އަދަދު 25 އަށް އަރާނެއެވެ.