ލައިފް ސްޓައިލް

މަސްޖިދް ކްރިސްޓަލް - މެލޭޝިޔާގެ ފުރަތަމަ ސްމާޓް މިސްކިތް


މަސްޖިދް ކްރިސްޓަލް ނުވަތަ ކްރިސްޓަލް މިސްކިތަކީ މުސްލިމުންގެ ބޮޑު އާބާދީއެއް އޮންނަ މެލޭޝިޔާގައި ބިނާކޮށްފައިވާ ހިތްގައިމު މިސްކިތްތަކުގެ ތެރެއިން އެއް މިސްކިތެވެ. 2006 ވަނަ އަހަރާއި2008 ވަނަ އަހަރާ ދެމެދު ބިނާކޮށްފައިވާ މިސްކިތް ރަސްމީގޮތުން ހުޅުވާފައިވަނީ 2008 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ 8 ވަނަ ދުވަހުއެވެ.

މެލޭޝިޔާގެ ޓެރެންގްގަނޫ ސްޓޭޓްގެ އިރުމަތީ އައްސޭރިފަށުގައި އޮންނަ ވަން މަން ކިޔާ ރަށެއްގައި ބިނާކޮށްފައިވާ ކްރިސްޓަލް މިސްކިތަކީ، އެރަށުގައި ތަރައްޤީކޮށްފައިވާ އިސްލާމީ ޙާޟާރަތް ދައްކުވައިދޭ އިސްލާމިކް ހެރިޓޭޖް ޕާކުގެ ބައެކެވެ. 1500 މީހުންގެ ޖާގައިގެ ކްރިސްޓަލް މިސްކިތަކީ، ދަނގަޑާއި ބިއްލޫރި އަދި ކްރިސްޓަލުން ހަދާފައިވާ ވަރަށް ފުރިހަމަ މިސްކިތެކެވެ.

މިސްކިތުގެ ފުރިހަމަކަމާއި ރީތިކަމުގެ ސަބަބުން ކޮންމެ އަހަރަކުވެސް އެތައްހާސް ފަތުރުވެރިންނެއް މިސްކިތް ބަލާލުމަށް ޒިޔާރަތްކުރެއެވެ.
އެތައް މިލިއަން ޑޮލަރެއް ޚަރަދުކޮށްގެން ބިނާކޮށްފައިވާ މިސްކިތް ރީތިވަނީ ހަމައެކަނި ފެންނަ ފެނުމަކަށް ނޫނެވެ. ޢިމާރާތްކުރުމުގައި ގެންގުޅެފައިވާ ހުނަރުތަކާއި މިސްކިތުގެ ފަރުމާވެސް އެހާމެ ފުރިހަމައެވެ.

މިސްކިތުގެ އެތެރެ އެއަރކޯންކޮށްފައިވާއިރު، ހިތްގައިމު ޗާންދެލިއާތަކުން މިސްކިތަށް އިތުރު ފުރިހަމަ ކަމެއް ގެނުވައިދޭއިރު، މިއީ މެލޭޝިޔާގައި ބިނާކޮށްފައިވާ ފުރަތަމަ "ސްމާޓް" މިސްކިތެވެ.
ޓެކްނޮލޮޖީގެ ވާޞީލަތްތަކާއެކު ބިނާކޮށްފައިވާ ކްރިސްޓަލް މިސްކިތް ވަނީ އެއްކޮށް ވައިފައިކޮށްފައެވެ. އެކަމުގެ ސަބަބުން އިންޓަރނެޓް މެދުވެރިކޮށް ޤުރުއާން ކިޔެވުން ފަދަ ކަންކަމަށް ފަސޭހަތައް ލިބެއެވެ.

ރޭގަނޑުގެ ވަގުތުތަކުގައި މިސްކިތުގެ ބޭރު ދިއްލުމަށް ބޭނުންކުރާ އަލިތަކުންވެސް މިސްކިތަށް އިތުރު ފުރިހަމަކަން ގެނެސްދެއެވެ. އަދި ގިނަ ބަޔަކު އެމަންޒަރުތައް ބަލާލުމަށް މިސްކިތް ކައިރިއަށް ޖަމާވެއެވެ.

ކްރިސްޓަލް މިސްކިތުގެ އިތުރުން އިސްލާމިކް ހެރިޓޭޖް ޕާކުގައި އިސްލާމީ ޙަޟާރަތު ދައްކައިދޭ އެތައް ބިނާތަކެއްގެ އަސްލާ އެއްގޮތް ނަކަލްތަކެއް މިތާނގައި ވަނީ ހަދާފައެވެ. މީގެތެރޭގައި އިންޑިއާގެ ތާޖް މަހަލް މިސްކިތާއި ޗައިނާގެ ޖިއާން މުންނާރާއި، ޤުދުސްގެ ޑޯމް އޮފް ދަ ރޮކް މިސްކިތް ހިމެނެއެވެ.