ޚަބަރު

މުދާ ކްލިއަރކުރާ ވަގުތަށް ގެނައިބަދަލާއެކު މަސައްކަތް އަވަސްވެއްޖެ - އެމްޕީއެލް


މުދާ ކްލިއަރކުރުމުގެ މަސައްކަތުގެ ވަގުތައް ގެނައިބަދަލާއެކު އެމްޕީއެލްގެ މަސައްކަތް މިހާރު ވަރަށް ބޮޑަށް އަވަސްވެ، އެފިޝެންޓުވެފައިވާކަމަށް އެމްޕީއެލްގެ އެސިސްޓެންޓް ސީއީއޯ ރާބިޙް މުޙައްމަދު ވިދާޅުވެއްޖެއެވެ. އެމްޕީއެލްއިން ބުނީ މިހާރު އެތަނުގައި މަސައްކަތްކުރާ ފަރާތްތަކުން ގަދަ އަވީގައި މަސައްކަތްނުކޮށް، ކުޑައިރުކޮޅެއްގެ ތެރޭގައި ކުރިން ހޯދި އާމްދަނީ ހޯދާކަމަށެވެ. އަދި ސަރުކާރުން މިގެނައި ބަދަލާއެކު ތަނުގެ މުޅި މަސައްކަތަށް ބޮޑު ލުޔެއް ލިބިފައިވަކަމަށް އެ ކުންފުނިން ބުނެއެވެ.

މާލޭގައި މުދާ އުފުލުމުގެ ވަގުތަށް ސަރުކާރުން ގެނައި ބަދަލާއެކު ޢަމަލުކުރަން ފަށާފައިވާ އާ އުޞޫލަށް އާދިއްތަ ދުވަހުން ފެށިގެން ވަނީ ޢަމަލުކުރަން ފަށާފައެވެ.
މިބަދަލާއެކު ވިޔަފާރި ބަނދަރުގައި މަސައްކަތްކުރާ ފަރާތްތަކުގެ މެދުގައި އުފެދުނު ނުތަނަވަސްކަން ހައްލުވެ މަސައްކަތް މާ ބޮޑަށް އެފިޝެންޓްކަމަށް އެމްޕީއެލްއިން ވަނީ ހާމަކޮށްފައެވެ. މިބަދަލާ ގުޅޭގޮތުން އެމްޕީއެލްގެ އެސިސްޓެންޓް ސީއީއޯ ރާބިޙް މުޙައްމަދު ވިދާޅުވީ މުދާ ކްލިއަރކޮށް ނެރޭ އުސޫލަށް ގެނައި މިބަދަލަކީ ހެޔޮ ބަދަލެއްކަމަށާއި މުޅި ތަނުގެ އޮޕަރޭޝަންސް ކުރިއަދާ ވަގުތު ވަރަށް ބޮޑަށް މަދުކޮށްފަ ކަމަށެވެ.

"އަޅުގަނޑުމެނަށް އެނގިގެން މިދިޔައީ މީގެކުރިން 18 ގަޑިއިރުން ކުރަމުން އައި މަސައްކަތް 4 ވަރަކަށް ގަޑިއިރުތެރޭގައި ނިންމާލެވޭ. އެހެންވެ ނޫސްތަކުގަޔާ، އެކިއެކި އޮންލައިން ވެބްސައިޓްތަކުގައި ލިޔަމުންދާ ވާހަކަ އަޅުގަނޑުމެނަށް އެބައިނގޭ ރައްޔިތުންނަށް އޮޅުވާލަން އެހެން ގެނައިކަމުގައިވިޔަސް، އެމް.ޕީ.އެލްގެ މަސައްކަތް އަވަހަށް ނިމޭކަން އަޅުގަނޑުމެނަށް ފެނޭ. ކުރިން 18 ގަޑިއިރުތެރޭގައިވެސް އޮންނަނީ ކޮންޓެއިނާތައް ނުނެރެވިފަ. އޭގެއިތުރުން އިޖުތިމާއީ ބައިވަރު މައްސަލަތައްވެސް އަޅުގަނޑުމެނަށް ފާހަގަކުރެވޭ، މުޅި މާލެ ތެރެ ތޮއްޖެހުމާ، މިކަންކަން ހުރިހާ ބޭފުޅުންނަށްވެސް ތަހައްމަލްކުރަންޖެހިފައިއޮތީ. އެކަމަކު މިހާރު އަޅުގަނޑުމެނަށް މިފެންނަނީ ރޭގަނޑު ހަޔަކުން ހެނދުނު ހަޔަކަށް ބަދަލުކޮށްލީމަ، ރޭގަނޑު ހަޔަކުން ނުވަޔަކާ ހަމަޔަކަށްދާއިރު ކޮންޓެއިނަރުގެ 90 އިންސައްތަ ކްލިއަރކޮށް އެކިދިމާދިމާލަށް ޑެލިވަރކުރެވި ނިންމާލެވިފައިވާކަން." ރާބިޚް ވިދާޅުވިއެވެ.

ރާބިޙް ވިދާޅުވީ މިބަދަލުގެނައި ފުރަތަމަ ދުވަހު ވިޔަފާރިވެރިންނާއި އެމްޕީއެލްގައި މަސައްކަތްކުރާ ބައެއް ފަރާތްތަކުން ކޮންމެވެސް ވަރަކަށް މައްސަލަ ޖެއްސިކަމަށްވިޔަސް މިހާރު މިކަމުންވާ ފައިދާ ހުރިހާ ފަރާތަކަށްވެސް އިހުސާސްކުރެވޭކަމަށެވެ. މީގެ އިތުރުން އާންމުންނަށް ދަތިވާނެތީ ފެނާ، ގޭހާ އަދި ބައެއްކަހަލަ އެސެންޝަލް ކާޑުގެ ބާވަތްތައް ގެންދިއުމުގެ ދަތިތައް ހުރީމަ، ނޯތް ހާބަރ ޖެޓީގައި މިބާވަތުގެ ތަކެތި ސްޓޯ ކޮށް ޑެލިވަރކުރުމުގެ ޚިދުމަތް ދޭންވަނީ ފަށާފައެވެ.
މިގެނައި ބަދަލާގުޅިގެން ކަންކަންކުރިޔަށްދާ ގޮތާބެހޭ ގޮތުން އެމް.ޕީ.އެލްގެ ހެޑް އޮފް ކާރގޯ އަޙްމަދު އިނާން ވިދާޅުވީ އޮޕަރޭޝަންސްތައް ހިނގާ ސަރަޙއްދުގައި މަސައްކަތްކުރާ ފަރާތްތަކަށްވެސް މިބަދަލަކީ ހިންހަމަޖެހޭ ބަދަލެއްގެ ގޮތުގައި ފަހަގަކުރެވޭކަމަށެވެ. އަދި މިގޮތަށް ދެ ގަޑިއަށް މަސައްކަތް ބަހާލީމަ ވަސީލަތްތައް އެންމެ އެކަށީގެންވާގޮތަށް ބޭނުންކުރެވޭނެ ކަމަށެވެ.

"އަޅުގަނޑު ބައެއް ކޮންސައިނިންއާ، މަޖޫރީން އަދި ލޮރީ ޑްރައިވަރުންނާވެސް ވާހަކަދައްކާލިން. އެބޭފުޅުން ވަރަށް ހިންހަމަޖެހޭ ބަދަލަކަށް މިކަން ވެގެންދިޔައީ. އަޅުގަނޑު ކައަރީގައި ވާހަކަދެއްކި ބައެއް މަޖޫރީން ބުނެފަ އެބަހުރި ކުރިން އެމީހުން ގަދަ އަވީގައި ކުރި މަސައްކަތް މިހާރު ފިނީގައިކަމަށް މިކުރަނީ. ފިނީގަ މަސައްކަތްކޮށްފަ، ބާރަ ޖަހާއިރު ގެއަށޭ ދަނީ. އެބޭފުޅުން ގެއަށްމިގެންދަނީ ކުރިންވެސް ގެންދިޔަ އަދަދު. ކުޑަވަގުތުކޮޅެއްގައި މަސައްކަތް ކޮށްގެން އެއްވަރެއްގެ އާމްދަނީއެއް އެބޭފުޅުންނަށް އެބަލިބޭ" އިނާން ވިދާޅުވިއެވެ.

މާލޭ ވިޔަފާރި ބަނދަރަކީ ދުވާލަކު ސަތޭކައަށްވުރެ ގިނަ ކޮންޓެއިނަރުގެ މުދާ ބޮޑެތި ކްލިއަރކުރާ ތަނެކެވެ. މިގޮތުން މިފަހަރުގެ މިބަދަލާއެކު ބޯޓު ފަހަރުން މުދާ ބާލާ، އެރުވުމަށް ކުރިޔަށް ގެންދާ އޮޕަރޭޝަނަށްވެސް ބޮޑެތި ލުއިތަކެއް ލިބި، މަސައްކަތް ފަސޭހަވެފައިވާކަމަށް އެމް.ޕީ.އެލްގެ ހާބަރމާސްޓަރ އަޙުމަދު ރަޝީދު ވިދާޅުވިއެވެ.

"ވޭތުވެޔަ ހަތަރު އަހަރުގެ ތެރޭގައި ރާއްޖޭގެ އިޤްތިސޯދަށް އައި ކުރިއެރުމާ ގުޅިގެން ރާއްޖެ އަންނަ، މުދަ ހިފައިގެން އަންނަ ބޯޓު ފަހަރުގެ ސައިޒް މިހާރު ވަނީ މީގެ ހަތަރު އަހަރު ކުރީގަ އައި ބޯޓު ފަހަރަށް ވުރެ ސައިޒް ބޮޑުވެފަ. އޭރު އަންނަ ބޯޓުފަހަރުގަ މިގެންނަނީ ގައިގަޑަކަށް 5-600 ކޮންޓެއިނަރ، މިހާރު އެބަގެނޭ 1000-1200 ކޮންޓެއިނަރ. އަޅުގަނޑުމެން އެބަޖެހޭ އެބޯޓުތައް ޓައިމް ލިމިޓެއް ހަދާފަ އެޓައިމް ލިމިޓުގަ އެއެއްޗެހި ފުރުވުމުގެ މަސައްކަތް ކުރަން. އެހެން ނޫންކަމަށްވަންޔާ އެ ޝިޕިންގް ލައިންތަކަށް ބޮޑެތި ގެއްލުން ވާނެ. އެގޮތުން އަޅުގަނޑުމެނަށް ފުދޭވަރެއްގެ ޗެލެންޖަސްތެކެއް އާދޭ، އިނގޭތޯ މިތަނުގައި މުދަ ކްލިއަރ ކުރުމުގެ މަސައްކަތް ކުރިން ރޭވިފަ އޮތް ގޮތުން. އެހެންނަމަވެސް މިހާރު މިއައި ބަދަލާ ގުޅިގެން އަޅުގަނޑުމެނަށް މިތަނަށް ވަންނަ ލޮރީ ފަހަރާ، މީހުންނާ، މިކަންކަމުން އެބަ ލުއެއް ލިބޭ. ލުއެއް ލިބުމުގެ ސަބަބުން އަޅުގަނޑުމެންގެ މިކޮންޓެއިނަރު ހިފައިގެން ދުއްވާ ހެވީ ވެހިކަލްތައް ދުއްވުމުގައިވެސް އިތުރު ފަސޭހަކަމެއް ލިބިގެން އައިސް އަޅުގަނޑުމެނަށް ބޯޓުފަހަރުގެ ޝިޕް ޓާން އަރައުންޑް އެބަ އަވަސްކުރެވޭ. އެއީ އަޅުގަނޑުމެނަށް މިއައި ބަދަލުގެ ތެރެއިން ލިބުނު ވަރަށް ހިންހަމަޖެހުމެއް" ރަޝީދު ވިދާޅުވިއެވެ.

ކްލިއަރަންސް ގަޑިތަކަށް ގެނެވުނު ބަދަލާއެކު ސެކިއުރިޓީއާއި ސަލާމަތީ ކަންކަންވެސް ވަރުގަދަވެފައިވާކަން ހެޑް އޮފް ސެކިއުރިޓީ ޢަލީ ޝަރީފު ވިދާޅުވިއެވެ.

"އެހެންވެ މިހާރު މިސަރުކާރުން އައި ބަދަލާއެކު މިހާރު މަސައްކަތްކުރާ ގަޑިތަކަށް މިއޮތީ ބޮޑެތި ބަދަލްތަކެއް ގެނެވިފަ. އެހެންވެ ދުވާލާ ރޭގަނޑު ވަކިގޮތަކަށް މަސައްކަތް ކުރަމުންދާއިރު، އަޅުގަނޑުމެން ތަން ބެލެހެއްޓުމަށްކުރާ މަސައްކަތްތައް ފަހަރެއްގަ އިތުރުވެސް ވެފާނެ. އެހެންނަމަވެސް ވަރަށް އޮގަނައިޒްކޮށް މަސައްކަތް މިހާރު މިދަނީ. ދެން މިބަދަލާ ގުޅިގެން އަޅުގަނޑު އެންމެ ފުރަތަމަ ބެލީ، ސެކިއުރިޓީ އިންޗާޖެއްގެ ހައިސިއްޔަތުން، ރޭގަނޑަށް މައިގަޑު އޮޕަރޭޝަންސް ބަދަލްވެގެންދާއިރުގަ ސަލާމަތާ ރައްކާތެރިކަމުގެ ގޮތުން ކޮންކަހަލަ ލޫޕް ހޯލްސްތަކެއްތޯ، ޗެލެންޖަސްތަކެއްތޯ ހުރީ. އެކަން ބެލުމަށްފަހު އެހުރިހާ ކަމެއް ހައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން މިހާރު ކުރިޔަށް މިގެންދަނީ. ނޯމަލީ ފަންކްޝަން ކުރަމުން މިހާރު މިދަނީ. އަޅުގަނޑަކަށް ފާހަގައެއް ނުކުރެވޭ ސެކިއުރިޓީ ގޮތުން ބަލަހައްތަންޖެހޭ އެއްވެސް ކަމަކަށް ޑިފިކަލްޓީޒްތަކެއް ކުރިމަތިވާކަމެއް. މީގެ ދިހަވަރަކަށް މަސްކުރި ޕޯޓުގަ ސަލާމަތީ ކަންކަން ބަލަނުހައްޓާ ވަރަށް މިހާރު މިވަނީ އެކަންކަން ހަރުދަނާކުރެވިފަ. މިބަދަލާއެކު އިތުރަށް ސަލާމަތާ ރައްކަތެރިކަން މިވަނީ ހަރުދަނާވެފަ" ޢަލީ ޝަރީފް ވިދާޅުވިއެވެ.

އެމްޕީއެލްއަކީ މަދު މެޝިނަރީއާއި ވެހިކަލްތަކަކާއެކު ގިނަ ޚިދުމަތްތަކެއް ދެމުންދާތަނެކެވެ. ނަމަވެސް މިގެނައި ބަދަލާގުޅިގެން ތަނުގައި ހުރި ވެހިކަލް އަދި މެޝިނަރީގެ ބޭނުން އެންމެ އެކަށީގެންވާ ގޮތަށް ޚިދުމަތަށް ބުރަ ނާރާނެހެން ބައްޓަން ކޮށްފައިވާކަމަށް އެމްޕީއެލްގެ ހެޑް އޮފް ލޮޖިސްޓިކްސް، އިބްރަހިމް އަފްޒަލް ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑުމެނަށް މިވީ ވަރަށް ބޮޑު ފަސޭހައެއް. ތިބޭފުޅުންނަށް އެގޭނެ ސްޓެޓިސްޓިކްސްއަށް ބެލިކަމުގައިވިޔަސް މިހާރު އަޅުގަނޑުމެންގެ މަސައްކަތް އެބަފަށާ 4 ޖަހާއިރު. 4 ޖަހާއިރު ވަދެ އެބޭފުޅުން ކޮންޓްއިނަރުތައް ކަނޑާ، ކަސްޓަމްސްއާ ސަރުކާރުގެ އެހެނިހެން މުވައްސަސާތައް ގުޅިގެން އިރުއޮއްސި 6 ޖެހުމާ ހަމަޔަށް ފުރަތަމަ ލޮރީ ނެރެވޭތޯ މަސައްކަތް ކުރަނީ. އެހެންވެ އެގަޑިއަށް އަޅުގަނޑުމެން ކުރާ ކަމަކީ، ހެދުނު ލިބޭ ލޯޑު މަދު ގަނޑީގަ ޝިފްޓިން މަސައްކަތްކުރަނީ. އެހެންވެ ވެހިކަލްތަކަށް ލިބޭ ރެސްޓު ގަޑި ބޮޑު. އަނެއްހެން ބުނާނަމަ އަޅުގަނޑުމެއް ޓަގް އޮޕަރޭޝަންސްއާ އެހެނިހެން އޮޕަރޭޝަންސްތައް ކުރިއެކޭ އެއްގޮތައް ކުރިޔަށްދާނެ. ދެން މިހާރު އެނގިވަޑައިންނަވާނެ، ސަރުކާރުގެ މިހާ ގިނަ ޕްރޮޖެކްޓްތަކެއް މިހާރު ވަރަށް ބާރަށް ކުރިޔަށް އެބަދޭ. މިކަމާ ގުޅިގެން ރިޒޯޓުތަކަށްވެސް، ހާޢްސަކޮށް ހުޅުމާލެއަށް އަޅުގަނޑުމެން މިހާރު ވަރަށް ގިނަ މުދާ އެބަ ގެންދަން. އެހެންވެ ތަގް ނުވަތަ ބާޖު އޮޕަރޭޝަންސްތައް ވަރަށް ބާރަށް ހަމަ ކުރިޔަށް ގެންދަންޖެހޭ. މިގެނައި ބަދަލާގުޅިގެން ޕޯޓްސްގެ ވެހިކަލްތައް އަދި އެހެނިހެން ވަސީލަތްތައް ބޭނުންކުރުމަށް ރޭވިގެން ފަސޭހަތަކެއް ލިބިފަމިވަނީ" އަފްޒަލް ވިދާޅުވިއެވެ.

އެމް.ޕީ.އެލްގެ ބެލުމުގެ ދަށުގައިވާ އިތުރު ބަނދަރުތަކަށް ބަލާއިރު، މިގެނެވުނު ބަދަލުން އެއްވެސް ތަނެއްގައި ދޭ ޚިދުމަތައް އެއްވެސް ދައްޗެއް ނުވާކަން ހެޑް އޮފް ލޯކަލް ހާބަރ ޑިޕާޓްމަންޓު ބަދީއުއްދީން ޢަލި ފާހަގަކުރެއްވިއެވެ.

އާ ބަދަލާއެކު ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ އާދިއްތަ ދުވަހުންފެށިގެން މާލޭގެ މަގުތަކުގައި މުދާ އުފުލޭނީ ހަވީރު 6:00 އިން ހެނދުނު 6:00 އަށް ކަން ހާމަކޮށްފައެވެ.
ދުވާލުގެ ވަގުތުތަކުގައި މުދާ އުފުލުން މަނާކުރިނަމަވެސް ކައްކަން ބޭނުންކުރާ ގޭސް ދުވާލުގެ ބައެއް ވަގުތަކުގައި ޑެލިވަރީކުރުމުގެ ހުއްދަވަނީ ދީފައެވެ.
އެގޮތުން ދުވާލު ގޭސް ޑެލިވަރީ ކުރެވޭނީ ހެދުނު 8:30 މެންދުރު 11:00 އާ ހަމައަށެވެ. އަދި ރޭގަޑުވެސް ގޭސް ޑެލިވަރީކުރެވޭނެކަމަށްވެސް ޓްރާންސްޕޯރޓް އޮތޯރިޓީން ބުނެއެވެ. އެގޮތުން ހަވީރު 6:00 ހެނދުނު 6:00 ކައްކަން ބޭނުންކުރާ ގޭސް ޑެލިވަރ ކުރެވޭނެއެވެ.