ލައިފް ސްޓައިލް

މަޝްހޫރު މޮޑެލް މަރިއާނޯ ޑި ވާއިއޯ އަނެއްކާވެސް ރާއްޖޭގައި


އިޓަލީގެ މަޝްހޫރު މޮޑެލް އަދި ފެޝަން ބްލޮގަރ މަރިއާނޯ ޑި ވާއިއޯ އަނެއްކާވެސް ރާއްޖެ އަތުވެއްޖެއެވެ.

މަރިއާނޯ މި ފަހަރު ޗުއްޓީ ހޭދަކުރަނީ ކުރެއްދޫ އައިލޭންޑް ރިސޯޓުގައެވެ. އަންހެނުންނާއި ދަރިފުޅާއެކު ކުރެއްދޫ ރިސޯޓުގައި ނަގާފައިވާ ހިތްގައިމު މަންޒަރުތައް އޭނާ ވަނީ އިންސްޓެގްރާމްގައި ހިއްސާކޮށްފައެވެ. ރާއްޖޭގެ ރީތި މަންޒަރުތަކާއި ޢާއިލީ ގުޅުން ދައްކުވައިދޭ ފޮޓޯތައް ހިއްސާކުރަމުން މަރިއާނޯ ބުނެފައިވަނީ ރާއްޖޭގައި ހޭދަކުރާ ވަގުތުތަކަކީ ހިތްގައިމު ހަދާންތަނެއް ކަމަށާއި އަބަދުވެސް އެހަދާންތައް ހިތުގެ އެންމެ ފުންމިނުގައި ފޮރުވާފަ ބަހައްޓާނެކަމަށެވެ.

28 އަހަރުގެ މަރިއާނޯ ޑި ވާއިއޯއަކީ ދުނިޔޭގެ މަޝްހޫރު ބޮޑެތި ފެޝަން ބްރޭޑްތަކަށް މޮޑެލް ކުރަމުންދާ ފަންނާނެކެވެ. އަދި އޭނާގެ ފެޝަން ބްލޮގް އެމްޑީވީ ސްޓައިލްއަކީ އެންމެ ގިނައިން މީހުން ވަންނަ ފެޝަން ބްލޮގްތަކުގެ ތެރޭގައި ހިމެނޭ ބޮލޮގެކެވެ. އިންސްޓެގްރާމްގައި އެކަނިވެސް 6.2 މިލިއަން މީހުން ފޮލޯކުރާ މާރިއާނޯ ވަނީ 2016 ވަނަ އަހަރު ފިލްމީ ދާރާގައިވެސް ހަރަކާތްތެރިވާން ފަށާފައެވެ.

މިއީ މަރިއާނޯ ރާއްޖެއައި ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހުވެސް އަންހެނުންނާއި ދަރިފުޅު ނޭތަން ލިއޯއާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރިއެވެ. އެފަހަރު ޗުއްޓީ ހޭދަކުރީ ފުރަވެރި އައިލޭންޑް ރިސޯޓުގައެވެ.