ލައިފް ސްޓައިލް

300 އަހަރުވީ ޖަވާހިރެއް ނީލަން ކިޔަނީ!


ދުނިޔޭގައިވާ އެންމެ ތާރީޚީ އެއް ޖަވާހިރު ނީލަން ކިޔަން ނިންމައިފިއެވެ.
"ފާނީސް ބުލޫ ޑައިމަންޑް" ނަމަކަށްކިޔާ މިޖަވާހިރަކީ މީގެ ތިންސަތޭކައެއްހާ އަހަރު ކުރިން އިންޑިއާގެ މައިނަކުން ނަގާފައިވާ ޖަވާހިރެކެވެ. 6.16 ކެރަޓްގެ މިޖަވާހިރުގައި ހުންނަނީ އަޅި ނޫކުލައެވެ. މިޖަވާހިރު އެންމެ ފުރަތަމަ ހަދިޔާ ކުރެވުނީ 1715 ވަނަ އަހަރު ސްޕެއިންގެ ރާނީ އެލިސަބެތު ފާނީސްއަށެވެ. އެއަށްފަހު މިވީ 300 އެއްހާ އަހަރުވަންދެން މިޖަވާހިރު ގެންގުޅެފައިވަނީ އެލިސަބެތުގެ ޢާއިލާއަށް ނިސްބަތްވާ ޝާހީ ބޭފުޅުންނެވެ.

އަންނަ މޭމަހު މި ޖަވާހިރު ސުވިޓްޒަލެންޑުގެ ޖެނީވާގައި ނީލަން ކިއުމަށް ހަމަޖެހިފައިވާއިރު، ޖަވާހިރުގެ އަގު 5 މިލިއަން ޑޮލަރަށް އަރައިގެންދާނެކަމަށް ލަފާކުރެއެވެ. ނަމަވެސް ޖަވާހިރުގެ ވިޔަފާރިކުރާ ފަރާތްތަކުން ބުނަނީ 5 މިލިއަން ޑޮލަރަށްވުރެވެސް މީގެ އަގުބޮޑުވުން އެކަށީގެންވާކަމަށެވެ.
ނީލަން ކިއުމުގެ ކުރިން ޖަވާހިރު ދައްކާލުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބަހައްޓާނެއެވެ. މިގޮތުން ސިންގަޕޫރު، ހޮންގްކޮންގް، ޓައިވާން، ލަންޑަން އަދި ނިއުޔޯކުގައި މި ޖަވާހިރު ދައްކާލުމަށް ބަހައްޓާނެއެވެ.