ޚަބަރު

ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ ބޯޑު އެކުލަވާލައިފި


ތިލަފުށި ކޯޕަރޭޝަން ލިމިޓެޑާއި ގުޅިފަޅު އިންވެސްޓްމެންޓްސް ކުންފުނި އެއްކޮށްލައި، ރައީސުލްޖުމްޙޫރިއްޔާ އުފެއްދެވި "ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް" ކުންފުނީގެ ބޯޑު އެކުލަވާލައިފި އެވެ.

ރައީސުލްޖުމްޙޫރިއްޔާގެ ޤަރާރަކުން މި ކުންފުނި އުފެއްދެވީ މި މަހުގެ 20 ވަނަ ދުވަހުއެވެ. ޕްރަވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސް މުޙައްމަދު ނިޒާރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލެ ސަރަޙައްދުގެ އިޤްތިޞާދީ މަސައްކަތްތައް ކުރުމަށް ރައީސުލްޖުމްޙޫރިއްޔާ އުފެއްދެވި "ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް"ގެ ބޯޑު އެކުލަވާލާފައިވާކަމަށެވެ.

ކުންފުނި އެކުލަވާލެވިފައިވާ ގޮތް:

* ޗެއާމަން: މުޙައްމަދު ރަޝީދު

* މެނޭޖިންގް ޑިރެކްޓަރ: އަޙްމަދު ނާޞިފް

* ޑިރެކްޓަރު: ޢަދީލް ޖަލީލް

* ޑިރެކްޓަރު: އައިމިނަތު ޝާނާ

* ޑިރެކްޓަރު: އަޙްމަދު ނަޝީދު

* ޑިރެކްޓަރު: ޢަބްދުލްމުންނިމް މުޙައްމަދު މަނިކު

* ޑިރެކްޓަރު: އައިމިނަތު ޙަމީދު

ރައީސުލްޖުމްޙޫރިއްޔާގެ ޤަރާރުގައި ވަނީ މާލެއަތޮޅު ގުޅީފަޅާއި މާލެ އަތޮޅު ތިލަފުށީގެ ބިމުގެ ގޮތުގައި ކަނޑައަޅާފައިވާ ބިމުގެ ފަޅު ހިއްކައިގެން އުފެއްދޭ ބިން ސިނާޢީ ނުވަތަ އިންޑަސްޓްރިއަލް ޒޯނެއްގެ ގޮތުގައި ތަރައްޤީ ކުރުމަށާއި އަދި އިޤްތިޞާދީ ގޮތުން ފައިދާ އެންމެ އިތުރުވާނޭ ގޮތަށް އެ ސަރަޙައްދުގައި ހިންގާ ސިނާޢީ މަސައްކަތްތައް ކަނޑައަޅާފައިވާ އުޞޫލެއްގެ ދަށުން ބަލަހައްޓާނީ އަލަށް އުފައްދާފައިވާ "ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑު"ން ކަމަށެވެ.

ތިލަފުށި ކޯޕަރޭޝަން ލިމިޓެޑާއި ގުޅީފަޅު އިންވެސްޓްމެންޓް ލިމިޓެޑްގެ ޤާނޫނީ ޙައްޤުތަކާއި އުފުލަން ޖެހޭ އިލްތިޒާމްތަކާއި ޒިންމާތަކާއި ދެ ކުންފުނީގެ އުފުލޭ މުދަލާއި ނުއުފުލޭ މުދަލާއި އަދި ދަރަނި ވެސް "ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް" އަށް ބަދަލުވީ ކަމަށްވެސް ރައީސްގެ ގަރާރުގައިވެއެވެ.