ތިމާވެށި

ވެލިނަގާ ފަރާތްތަކާއި މެދު ހަރުކަށި ފިޔަވަޅު އަޅާނަން - އީޕީއޭ


ޤަވައިދާ ޚިލާފަށް ގޮނޑުދޮށް ތަކުން ވެލިނަގާ ފަރާތްތަކާއި މެދު ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އަނެެއްކާވެސް ދީފިއެވެ.

އީޕީއޭއިން ނެރުނު ނޫސްބަޔާނުގައި ވަނީ ކުއްޔަށް ދޫކުރާ ރަށްތަކާއި ފަޅުރަށްްތަކާއި ފިނޮޅުތަކުގެ އިތުރުން އާންމުން ދިރިއުޅޭ ރަށްރަށުގެ ގޮނޑުދޮށްތަކުން ގިނަ އަދަދަކަށް ވެލި ނަގަމުންދާކަމުގެ ޝަކުވާތައް ލިބެމުންދާކަމަށެވެ. އަދި މި ގޮނޑުދޮށްތަކުން ގިނަ އަދަދަކަށް ވެލި ނެގުމުން ރަށް ގިރުން ފަދަ ބޮޑެތި ގެއްލުން ތިމާވެއްޓަށް ލިބެމުންދާކަމަށްވެސް އީޕީއޭގެ ބަޔާނުގައިވެއެވެ.

ގަވާއިދާ ހިލާފަށް ވެލި ނަގާ ފަރާތްތަކާ މެދު ދިވެހި ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާ ޖޫރިމާނާކުރާނެކަމަށްވެސް އީޕީއޭގެ ބަޔާނުގައިވެއެވެ.

ވެލި ނެގުމަށް ހުއްދަ ދެވިފައިވާ ރަށްރަށުގެ މައުލޫމާތު ރަށު ކައުންސިލްތަކުން ލިބެން ހުންނާނެކަމަށާއި އެކިއެކި ބޭނުންތަކަށް ވެލި ބޭނުންވާ ފަރާތްތަކުން އެ ރަށްރަށުން ވެލި ނަގަމުން ގެންދިޔުމަށްވެސް އީޕީއޭގެ ބަޔާނުގައިވެއެވެ.