ޚަބަރު

ޖަލުތަކުގެ ޙާލަތާ ގުޅޭގޮތުން އިދިކޮޅު މީހުން ދައްކަނީ "ހުސް ވާހަކަ" - ޝިފާޤު


ރާއްޖޭގެ ޖަލުތަކުގެ ޙާލަތާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް އޮތް ވާހަކަތަކެއް ނޫންކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރްސީއެމްގެ ކުރީގެ ނާއިބު ރައީސް ޝިފާޤު މުފީދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ އެންމެ ފުރަތަމަ ޤައުމު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ޝިފާޤު ވިދާޅުވީ އެޗްއާރްސީއެމްގެ މުވައްޒަފުންނަކީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރާ ބައެއް ކަމަށާ އެމަސައްކަތުގެ އަގުވަޒަން ނުކޮށް އިދިކޮޅު ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތައް ކުށްވެރި ކުރާކަމަށެވެ.

ޝިފާޤު ވިދާޅުވީ ރާއްޖޭގެ ޖަލުތަކަށް އެޗްއާރުސީއެމުންކުރާ ޒިޔާރަތަކީ ދުރާލައި ރޭވިގެން އެއްވެސް ފަރާތަކަށް އަންގައިގެން ކުރާ ޒިޔާރަތްތަކެއް ނޫން ކަމަށެވެ. އެ ޒިޔާރަތްތަކުގައި ޖަލުތަކުގެ ޙާލަތު ބެލުމުގެ އިތުރުން ވަކިވަކި ޤައިދީންނާއި ސުވާލުކޮށް ޖަލުތަކުގެ އިދާރީ ކަންކަންވެސް އެޗްއާރްސީއެމުން ބަލާ ކަމަށް ޝިފާޤު ވިދާޅުވިއެވެ. އަދި ރަނގަޅު ކުރަންޖެހޭ ކަންކަން އެވަގުތަކު ޖަލު ބެލެހެއްޓުމާއި ޙަވާލުވެ ހުންނެވި އިސްވެރިއަކަށް ނުވަތަ އިންޗާޖަކަށް އަންގާނެ ކަމަށްވެސް ޝިފާޤު ވިދާޅުވިއެވެ.

ހޯމް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ކަމުގެ މަޤާމުގައި މިވަގުތު ހުންނެވި ޝިފާޤު ވިދާޅުވީ އެޗްއާރްސީއެމްގެ ބޭފުޅުން ޖަލުތަކަށް ކުރާ ޒިޔާރަތްތަކާގުޅޭ ރިޕޯޓުތައް ކަމާ ގުޅުންހުރި މުއައްސަސާތަކަށް ފޮނުވާނެ ކަމަށާ އޭގެތެރޭގައި ރައްޔިތުންގެ މަޖިލިސްވެސް ހިމެނޭނެ ކަމަށެވެ.

"ޖަލުތަކުގެ ޙާލަތާ ބެހޭގޮތުން އެންމެ އަޑު ހަރުކޮށް ވާހަކަދައްކަވާ އެއްބަޔަކީ ރައްޔިތުން މަޖިލީހުގެ މެމްބަރުން ކަމަށްވާއިރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، އަޅުގަނޑު ހަމަ ހައިރާންވޭ އެ ވާހަކަތައް ދައްކަވާ ބޭފުޅުން އެބޭފުޅުންނަށް ހިއުމަން ރައިޓްސް ކޮމިޝަނުން ފޮނުއްވާ ރިޕޯޓުތައް އެއްވެސް ޙާލެއްގައި ވިދާޅުނުވެ، އޭގައި އޮތީ ކޮން ކަންތައްތަކެއްތޯ ބަލާނުލާ އެޗްއާރްސީއެމްއަށް އެ އިނގިލި ދިއްކުރައްވާ ދިއްކުރުމަކީ ވަރަށް ޤައިރު ޒިންމާދާރު ކަމެއް،" ޝިފާޤު ވިދާޅުވިއެވެ.

އެޗްއާރްސީއެމްގެ ނާއިބު ރައީސްގެ މަޤާމުގައި ހުންނެވިއިރު ޖަލުތަކަށް ވަޑައިގެން އެތަންތަނުގެ ޙާލަތު ގާތުން ބެއްލެވި ބޭފުޅެއްގެ ޙައިސިއްޔަތުން ޝިފާޤު ވަނީ އިދިކޮޅު ފަރާތްތަކުން ޖަލުތަކާގުޅޭގޮތުން ދައްކާ ވާހަކަތަކުގެ ހަޤީގަތް ހާމަކުރައްވާފައެވެ.

"ދުނިޔޭގެ ވަރަށް މަދު ޤައުމެއްގައި ކަންނޭނގެ ޤައިދީންނަށް އެކަހެރި ބައްދަލުވުމުގެ ފުރުޞަތު މި ދެވެނީ. އެފަދަ ބައްދަލުވުންތައް ބޭއްވުމުގެ ގޮތުން އެންމެ ފަހުން އޭގެ އިމާރާތެއް ހެދީ އައްސޭރި ޖަލުގައި. ދަންނަވަންތޯ ހަމަ ދިވެހި ކޮންމެ ރައްޔިިތަކުމެ އެތަނަށް ވަޑައިގެން ބައްލަވައިފި ނަމަ އެ އެޕާޓުމަންޓަކީ ދިވެހިރާއްޖޭގެ ފުރަ މާލޭގައި ހުރި އެޕާޓުމަންޓެއް ކަމަށްވަންޏާ އެ އެޕާޓުމަންޓު މަދުވެގެން 30،000 ރުފިޔާއަށް ހަމަސް ދުވަހުގެ އެޑްވާންސް ދީގެން ހިފާކަން މީހަކު ޖެހިލުން ނުވާ ފެންވަރަށް ހަދާފައިހުރި އެޕާޓުމަންޓެއްގެ ވާހަކަ މި ދެކެވެނީ،" ޝިފާޤު ވިދާޅުވިއެވެ.

ޝިފާޤު ވިދާޅުވީ ޖަލުތަކުގެ ޙާލަތާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން އެކި ވާހަކަތައް ފަތުރަމުންދާއިރު، އެތަނުގައި މައްސަލައެއް ދިމާވެ އެކަން ފާހަގަކުރެވޭ ހިސާބުން ވަގުތުން އެކަމެއް ހައްލުކުރަމުންދާކަމަށެވެ.

"ދޫނިދޫ ކަސްޓޯޑިއަލްގައި ފެނުގެ މައްސަލައެއް ދިމާވެގެން މި މައްސަލަ އަޅުގަނޑުމެންނާ ހަމައަށް އައި ހިސާބުން ފެށިގެން އެނހިނދުން އެހިނދަށް މޯލްޑިވްސް ޕޮލިސް ސާރވިސްއިން އެކަންކަން ރަނގަޅުކޮށް އެއާ ވިދިގެން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅާފައި އެހުރީ. ދެން މިކަހަލަ މައްސަލައެއް ދިމާވުމަކީ ހައިރާންވާޏްޖެހޭ ވަރުގެ ކަމެއް ނޫން،" ޝިފާގު މުފީދު ވިދާޅުވިއެވެ.

ޝިފާޤު ވިދާޅުވީ ޖަލުތަކުގައިވެސް ރަނގަޅު ކުރަންޖެހޭ ކަންކަން އެބަހުރި ކަމަށެވެ. ނަމަވެސް ބައެއް ކަންކަމަކީ ހަމަ ބުނެލާއިރަށް ރަނގަޅު ކުރަން ދަތިވެދާނެ ކަންކަމަށާ އެހެންނަމަވެސް މި ކަންކަން ވީ އެންމެ އަވަހަކަށް ކަމާ ގުޅުންހުރި ފަރާތްތަކާ ގުޅިގެން އިސްލާޙް ކުރެވެމުންދާކަން ޝިފާޤު ފާހަގަކުރެއްވިއެވެ.