ޓުއަރިޒަމް

ހިލްޓަން ކޫރިއޯ ކަލެކްޝަންގެ ރިސޯޓެއް ރާއްޖޭގައި ހުޅުވަނީ


ތައިލެންޑުގެ ސިންގްހަ އެސްޓޭޓުން މަޝްހޫރު ހޮޓެލް ޗެއިން ހިލްޓަންއާއެކު ޤައިމްކޮށްފައިވާ ފްރެންޗައިޒް އެގްރީމަންޓެއްގެ ދަށުން ރާއްޖޭގައި ބުޓިކް ރިސޯޓެއް ހުޅުވަން ނިންމައިފިއެވެ.
މިއީ ހިލްޓަންގެ މަޝްހޫރު ކޫރިއޯ ކަލެކްޝަންގެ ދަށުން ރާއްޖޭގައި ހުޅުވާ ފުރަތަމަ ރިސޯޓެވެ. މިރިޒޯޓު ހުޅުވާނީ އިންޓަރގްރޭޓަޑް ރިސޯޓް ޑިވެލޮޕްމަންޓް މަޝްރޫ، އެންބޫދޫ ލެގޫންގައެވެ.
ކޫރިއޯ ކަލެކްޝަނަކީ ހިލްޓަނުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާ މަތީ ފަންތީގެ ހޮޓާތަކާއި ރިސޯޓު ހިމެނޭ ބްރޭންޑެކެވެ.
މިއަހަރުގެ ފަހުކޮޅު ހުޅުވުމަށް ހަމަޖެހިފައިވާ މިރިސޯޓު ހިންގުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވާނީ ހިލްޓަން ގްރޫޕާއި ސިންގްހަ އެސްޓޭޓުގެ ސަބްސިޑަރީއެއްކަމަށްވާ އެސް ހޮޓެލްސް އެންޑް ރިސޯޓުންނެވެ.
އިންޓަރނޭޝަނަލް ޓްރެވަލް މީޑިއާއަށް ދިން އިންޓަރވިއުއެއްގައި ކޫރިއޯ ކަލެކްޝަންގެ ބްރޭންޑް ހެޑް މާކް ނޯގަލް ބުނީ ރާއްޖެފަދަ މަޝްހޫރު މަންޒިލެއްގައި އެކަލެކްޝަނުގެ ފުރަތަމަ ރިސޯޓު ހުޅުވުމަކީ ލިބޭ ބޮޑު ކުރިއެރުމެއްކަމަށެވެ.
މިއަޕްސްކޭލް ރިސޯޓުގައި 198 ގެސްޓް ރޫމް ހުންނައިރު، އޭގެތެރޭގައި އޯވަރ ވޯޓަރ ވިލާތަކާއި ބީޗް ވިލާތައްވެސް ހިމެނޭނެއެވެ. އަދި ޑިއުޓީ ފްރީ ޝޮޕްތަކާއި ބީޗް ކްލަބް، ވޯޓަރ ސްޕޯޓްސް، ޑައިވް ސެންޓަރ، ކަލްޗަރަލް ކްލަބް އަދި ކިޑްސް ކްލަބްވެސް ހިމެނޭހެނެވެ.
މަލްޓިނޭޝަނަލް ހޮސްޕިޓާލިޓީ ކުންފުނި ހިލްޓަންގެ ޓްރެޑިޝަނަލް ބްރޭންޑުކަމަށްވާ "ވޯލްޑޯފް އެސްޓޯރިއާ"ގެ ރިޒޯޓެއްވެސް ރާއްޖޭގައި މިހާރު ދަނީ ތަރައްޤީކުރަމުންނެވެ. ކާފުއަތޮޅުގައި ތަރައްޤީކުރާ ވޯލްޑޯފް އިތާފުށި ހުޅުވުމަށް ހަމަޖެހިފައިވަނީ މިއަންނަ އަހަރުއެވެ.