ތަރައްްޤީ

އިމާރާތްތަކުގައި ބޭނުންކުރާ ހަކަތަ އާއި ފެން އިޤުތިޞާދު ކުރަނީ


އިމާރާތްތަކުގައި ބޭނުންކުރާ ހަކަތައާއި ފެން އިޤްތިޞާދު ކުރެވޭނެ ގޮތުގެ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް އެންވަޔަރަންމަންޓް މިނިސްޓްރީން ފަށައިފިއެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ވަނީ މި އުސޫލް ހެދުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައެވެ. އެގޮތުން އަންނަމަހުގެ އެއްވަނަ ދުވަހާ ހަމައަށް އެ ފުރުޞަތު ހުޅުވާލާފައިވާކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެއެވެ. މިއީ އެ މިނިސްޓްރީން މި ފުރުޞަތު ހުޅުވާލި ދެވަނަ ފަހަރެވެ. އެންވަޔަރަންމެންޓް މިނިސްޓްރީން ބުނީ އަލުން ފުރުޞަތު ހުޅުވާލީ، މިއަހަރުގެ ފެބްރުއަރީ މަހު ހުޅުވާލި ފުރުޞަތުގައި ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކުގެ އަގުބޮޑުވުމުގެ ސަބަބުންކަމަށެވެ.

"ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް" މަޝްރޫޢުއަކީ އެ މިނިސްޓްރީއާއި އ.ދ ގެ ތިމާވެއްޓާއިބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް "ޔޫ އެން އެންވަޔަރަންމަންޓް" ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ "ޖީ.އީ.އެފް" ގެ އެހީގެ ދަށުން، ކުރިއަށް ގެންދާ މަޝްރޫޢުއެއްކަމަށް އެންވަޔަރމަންޓް މިނިސްޓްރީން ބުނެއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މިމަޝްރޫޢުގެ މައިގަނޑު ބޭނުމަކީ، އިމާރާތްތަކުން ޖައްވަށް ބޭރުކުރެވޭ ވިހަގޭސް ނުވަތަ ގްރީންހައުސް ގޭސް މަދުކޮށް މިދާއިރާއިން ހަކަތަ އިސްރާފުކުރުން މަދުކުރުމާއި ތިމާވެއްޓާއި ރައްޓެހިގޮތުގައި ހަކަތަ ބޭނުންކުރުން އިތުރުކުރުންކަމަށެވެ. މިގޮތުން މިކަމާގުޅުންހުރި ސިޔާސަތުތަކާއި މިންގަނޑުތައް އެކުލަވާލުން ވެސް މިމަޝްރޫޢުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެއެވެ.