ދީން

މިޞްރުގައި އޮންނަ އިމާމުންގެ ކޯހުގައި ބައިވެރިވާން ހުޅުވާލައިފި


އިމާމުންގެ ޢިލްމީ ޤާބިލްކަން އިތުރުކުރުމުގެ ގޮތުން މިޞްރުގައި ހިންގުމަށް ހަމަޖެހިފައިވާ އިމާމުން ތަމްރީނު ކުރުމުގެ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ. 

މިއީ ރާއްޖޭގެ މިސްކިތްތަކުގެ އިމާމުން ތަމްރީނު ކުރުމަށް ރާއްޖެއަށް މިސްރުން ދީފައިވާ ފުރުޞަތެކެވެ. 

އިސްލާމިކް މިނިސްޓްރީން ބުނީ، އިމާމުން ތަމްރީނު ކުރާ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖޭގައި މިވަގުތު ތިބި އިމާމުންނާއި އިސްލާމީ ފަތުވާ ދޭ ބޭފުޅުންނަށް ހުޅުވާލާފައިވާ ކަމަށެވެ. ކޯހުގައި ބައިވެރިވެވޭނީ، ޝަހާދާ ޘާނަވީ ޙާޞިލްކޮށްފައި ވުން ނުވަތަ، ދީނީ ދާއިރާއަކުން ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސެޓްފިކެޓް ޙާސިލްކޮށްފައި ވުން ނުވަތަ ދީނީ ތަޤްރީރު ކުރުމާއި ވައުޟު ބުނުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށްކަމަށް އިސްލާމިކް މިނިސްޓްރީންބުނެއެވެ. މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ އިމާމުން މިމަހުގެ ބާވީސް ވަނަ ދުވަހު މެންދުރު ބާރައިގެ ކުރިން ފޯމު ހުށަހަޅަންޖެހޭކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މިޞްރުގެ ވެރިރަށް ޤާހިރާގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ތަމްރީނު ޕްރޮގްރާމަށް ބައިވެރިން ހޮވުމުގައި، ޢަރަބިބަސް ރަނގަޅަށް ލިޔަން ކިޔަން އެނގޭ މީހުންނަށް އިސްކަންދެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ. 

މި ތަމްރީން ޕްރޮގްރާމުގައި ކިޔަވައިދޭ ބައިތަކުގެ  ތެރޭގައި، ކީރިތި ޤުރްއާނާއި، ޢިޖުތިމާއީ އަދަބުތަކާއި، މިސްކިތްތައް ބަލަހައްޓާނެގޮތާއި، އިމާމުންގެ ނަފްސު ކުރިއަރުވަން ކުރެވިދާނެ ކަންތައްތަކާ ގުޅޭ ހުނަރުތައް ހިމެނެއެވެ. 

އިމާމުންނާއި ޚަޠީބުން ތަމްރީނުކުރުމަށް ހިންގާ ޕްރޮގްރާމްގެ ދަށުން، މިދިޔަ އަހަރުވެސް 200 އަށްވުރެ ގިނަ އިމާމުން ތަމްރީނުކޮށްފައިވެއެވެ. މީގެ އިތުރުން ސަޢުދީ ޢަރަބިއްޔާއިންވެސް މިދިޔަ އަހަރު 12 އިމާމަކު ތަމްރީނުކޮށްފައިވެއެވެ.