ތިމާވެށި

ތިލަފުއްޓަށް ދެން ކުނި ގެންދާނީ ބަންދުކޮށްގެން


ތިލަފުއްޓަށް މިހާރު ކުނި ގެންދިޔުމަށް ބޭނުންކުރާ ޓްރާންސްފަރ ސްޓޭޝަންތަކަކީ ވަގުތީ ތަނެއް ކަމަށާއި ފަހުގެ ޓެކްނޮލޮޖީއާއެކު ކުނި ބޭރުކުރުމަށް ހަދާ ޓްރާންސްފަރ ސްޓޭޝަންގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމެންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މާލޭއިން ކުނި ބޭރުކުރުމަށް މިހާރު ބޭނުންކުރަމުންދާ ސްޓޭޝަނަކީ ވަގުތީ ސްޓޭޝަނެއްކަމަށާއި ތިމާވެއްޓާއި ސިއްޙަތަށް ގެއްލުން ނުވާނޭފަދަ ގޮތަކަށް ފަރުމާ ކުރާ ޓްރާންސްފަރ ސްޓޭޝަނުގެ މަސައްކަތް ވަރަށް އަވަހަށް ނިންމާ ބޭނުންކުރަން ފަށާނެކަމަށް އެންވަޔަރަންމެންޓް މިނިސްޓްރީން ބުނެއެވެ. ޓްރާންސްފަރ ސްޓޭޝަންގެ ޑިޒައިން މަސައްކަތް ނިމިފައިވާކަމަށާއި މިމަހުގެތެރޭގައި ބަޔަކާ ޙަވާލުކުރާނެކަމަށް އެމިނިސްޓްރީން ބުނެއެވެ. އޭޝިއަން ޑެވެލޮޕްމެންޓް ބޭންކުގެ އެހީގެ ދަށުން ކުރިއަށް ގެންދާ މިމަޝްރޫޢުގެ މަސައްކަތް ނިމޭއިރު، މިހާރު ކުނި ގެންދާ ގޮތަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށް އެންވަޔަރަންމެންޓް މިނިސްޓްރީން ބުނެއެވެ. އެގޮތުން އާ ޓްރާންސްފަރ ސްޓޭޝަނާއެކު ކުނި ގެންދާނީ ބަންދުކޮށްގެން ކޮންޓެއިނަރުތަކުގައިކަމަށާއި ތިލަފުއްޓަށް ކުނި ގެންދިޔުމުގައި ކަނޑަށް ކުނި ނޭޅޭނެކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެއެވެ. މިނިސްޓަރ އޮފް އެންވަޔަރަމެންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމް ވިދާޅުވީ އާ ޓްރާންސްފަރ ސްޓޭޝަނާއެކު މާލޭގައި ކުނި މެނޭޖްކުރުމަށް ބޮޑެތި ފަސޭހަތަކެއް ވެގެންދާނެކަމަށެވެ. 

މާލެއެކޭ އެއްފަދައިން އާބާދީ އިތުރުވަމުން އަންނަ ހުޅުމާލޭގަވެސް އިތުރު ޓްރާންސްފަރ ސްޓޭޝަނެއް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެއެވެ. މި ސްޓޭޝަނާއެކު ހުޅުމާލޭގައި އުފެދޭ ކުނި ބޭރުކުރުމުގެ އިންތިޒާމް އިތުރަށް ފުޅާވެ ހަރުދަނާވެގެންދާނެއެވެ. ހުޅުމާލޭގެ ގޭބިސީތަކުގައި އުފެދޭ ކުނި ނެގުމުގެ މަސައްކަތް މިހާރުވެސް ވެމްކޯއިން އަންނަނީ ކުރަމުންނެވެ.