ލައިފް ސްޓައިލް

މިހާތަނަށް ނުފެންނަ ވައްތަރެއްގެ ޑައިނަސޯއެއް ފެނިއްޖެ


ދުނިޔެއިން މިހާތަނަށް ނުފެންނަ ވައްތަރެއްގެ ޑައިނަސޯއެއްގެ ބައިތަކެއް މިސްރުން ފެނިއްޖެއެވެ.

މިސްރުން މި ޑައިނަސޯގެ ބައިތައް ފުރަތަމަ ފެނުނީ 2013 ވަނަ އަހަރު، މިސްރުގެ މަންސޫރާ ޔުނިވަރސިޓީގެ ދިރާސާކުރާ ފަރާތްތަކަކަށެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން ތަޖުރިބާކާރުން އެއްވެގެން ހެދި ދިރާސާގެ މައްޗަށް ތައްޔާރުކުރި ރިޕޯޓް ނޭޗަރ އިކޮލޮޖީ އެންޑް އިވޮލިއުޝަން ޖާރނަލްގައި ޝާއިޢުކުރީ އިއްޔެއެވެ.

މިސްރުން ފެނުނު ޑައިނަސޯއަށް ނަން ދީފައިވަނީ، އެ ޑައިނަސޯގެ ބައިތައް ހޯދާ، ދިރާސާކުރުމުގެ މަސައްކަތްކުރި މިސްރުގެ މަންސޫރާ ޔުނިވަރސިޓީއާ ގުޅުވައިގެނެވެ. މިގޮތުން މިޑައިނަސޯއަށް ކިޔާފައިވަނީ "މަންސޫރަސޯރަސް ޝާހިނައެ"އެވެ.

img:http://s2.psmnews.mv/images/660x400/15173156618480.jpg|ޑައިނަސޯގެ ދަތްދޮޅީގެ ކަށިތައް

ޑައިނަސޯގެ ސައިޒަށް ބަލާއިރު، ސްކޫލް ބަހެއްގެ ބޮޑުމިން މީގައި ހުރެއެވެ. އަދި ބަރުމިނުގައި 5 ޓަނު ހުންނާނެކަމަށް ލަފާކުރެއެވެ. ދިގު ކަރެއްލާފައި ހުންނަ، ފަތްޕިލާވެލި ކާ މި ޑައިނަސޯއަކީ، ޑައިނަސޯގެ ވައްތަރެއްކަމަށްވާ ޓައިޓަނޮސޯރިއާގެ ވައްތަރެއްކަމަށް ވަނީ ނިންމާފައެވެ. މިހާތަނަށް ދުނިޔެއިން ފެނިފައިވާ އެންމެ ބިޔަ ޖަނަވާރުތައް ނިސްބަތްވަނީ ޓައިޓަނޮސޯރިއާއަށެވެ.

މިސްރުން ޑައިނަސޯގެ ބައިތައް ފެނުނުއިރު، މިއީ އެފްރިކާ ބައްރުން މިހާ ބޮޑު ޑައިނަސޯއެއްގެ ބައިތައް ފެނުނު ފުރަތަމަ ފަހަރެވެ. ވޭތުވެދިޔަ 250 އަހަރުގެތެރޭގައިވެސް ގިނައިން ޑައިނަސޯގެ ބައިތައް ފެނިފައިވަނީ ޔޫރަޕާއި އުތުރު އެމެރިކާ އާއި އޭޝިޔާއިންނެވެ. އެހެންކަމުން އެފްރިކާ ބައްރުގައި ޑައިނަސޯ އުޅުނު ގޮތާއިބެހޭ މަޢުލޫމާތުތައް އޮތީ ނޭގުމެއްގެ ތެރޭގައެވެ. އެހެންކަމުން އަލަށް ހޯދި ޑައިނަސޯގެ ބައިތަކުން ގިނަ މަޢުލޫމާތުތަކެއް ސައިންސްވެރިން ވަނީ އެއްކޮށްފައެވެ.

img:http://s2.psmnews.mv/images/660x400/15173156159179.jpg|ޑައިނަސޯގެ ބައިތައް ހޯދި ދަރިވަރުން މަސައްކަތުގައި

ޑައިނަސޯގެ ދިރާސާތައް ކުރާ މަޝްހޫރު ސައިންސްވެރިޔަކު ބުނީ، މިސްރުން ފެނުނު ޑައިނަސޯގެ ބައިތައް ފެނުމުން އޭނާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައިކަމަށެވެ. އަދި މިފަދަ ބައިތަކެއް އެފްރިކާ ބައްރުން ހޯދަން މަސައްކަތްކުރާތާ އެތައް ދުވަހެއްވެއްޖެކަން އޭނާވެސް ފާހަގަކުރިއެވެ.

މިސްރުން ފެނުނު ޑައިނަސޯގެ ބައިތަކުން ސައިންސްވެރިންނަށް އިތުރު ކަންތައްތަކެއް ދިރާސާކުރަންވެސް ފަސޭޙަވެގެންދިޔައެވެ. މިގޮތުން އެއް ފަސް ގަނޑަކަށް އޮތް ދުނިޔެ، މީގެ ސަތޭކަ ފަންސާސް މިލިއަނެއްހާ އަހަރުކުރިން މިހާރު ފެންނަ ގޮތަށް ބައްރުތަކަށް ބެހުނުއިރު އެފްރިކާ ބައްރުގައި ޖަނަވާރުން އުޅުނު ގޮތާ ބެހޭ މަޢުލޫމާތު ހޯދުމަށް ފަސޭހަވާނެކަމަށް ސައިންސްވެރިން ޤަބޫލުކުރެއެވެ. އެއީ އެފްރިކާއިން އަލަށް ފެނުނު ޑައިނަސޯއަކީ މިގޮތަށް ބައްރުތައް ބެހުނު ފަހުން އުޅުނު އެއްޗެއްކަން ސާބިތުވާތީއާ، އެޑައިނަސޯގެ ކިބައިން ޔޫރަޕާއި އޭޝިޔާއިން ފެނިފައިވާ ޑައިނަސޯތަކުގެ ސިފަތައް ހުރުމުންނެވެ. އެހެންކަމުން ދުނިޔެ ބައްރުތަކަށް ބެހުމަށްފަހުވެސް ޑައިނަސޯތައް އެއްތަނުން އަނެއްތަނަށް ގޮސްފައިވާކަން މިކަމުން އެނގޭކަމަށް ސައިންސްވެރިން ބުނެއެވެ. އަދި އެފްރިކާ ބައްރުގައި ޖަނަވާރުން އުޅުނު ގޮތާއި ޖަނަވާރުތަކަށް އައި ބަދަލުތައް ހޯދުމަށްވެސް އަލަށް ފެނުނު ޑައިނަސޯގެ ސަބަބުން ފަޞޭޙަވެގެންދާނޭކަމަށް ސައިންސްވެރިން ބުނެއެވެ.

img:http://s1.psmnews.mv/images/660x400/15173155556948.jpg|ޑައިނަސޯތަކެއްގެ ޚިޔާލީ ކުރެހުމެއް

މީގެ 200 މިލިއަނެއްހާ އަހަރުކުރިން ދުނިޔޭގައި އުޅުނު ޑައިނަސޯތަކުގެ ތެރޭގައި ކަނޑާއި އެއްގަމާއި ވައިގެ ތެރޭގައި އުދުހޭ ޑައިނަސޯތައް ހިމެނެއެވެ. މިއީ މިހާރު ދުނިޔޭގައިއުޅޭ އެންމެ ބޮޑެތި ޖަނަވާރުތަކަށްވުރެ ވެސް ބިޔަ ޖަނަވާރުތަކެކެވެ. ޑައިނަސޯގެ ނިމުން އައި ގޮތް ސީދާ ބުނަން ނޭގުނަސް، ސައިންސްވެރިން ލަފާކުރަނީ ޑައިނަސޯތައް ނިމިދިޔައީ ދުނިޔެއަށް ޖޯގްރަފިކަލް ގޮތުން އައި ބޮޑެތި ބަދަލުތަކެއްގެ ސަބަބުންކަމަށެވެ.