ޚަބަރު

ޑިމޮކްރަޓިކް މުއައްސަސާތަކާމެދު ގިނަ ބައެއްގެ އިތުބާރު ގެއްލިފައި





 


ޑިމޮކްރަޓިކް މުއައްސަސާތަކާމެދު ރައްޔިތުންގެ ގިނަ ބައެއްގެ އިތުބާރު ގެއްލިފައިވާ ކަމަށް، ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ކުރި ސަރވޭއަކުން ދައްކައިފިއެވެ.


 
ޑިމޮކްރަސީހަތަރު އަނގޮޅީގައި، މިނަމުގައި އިއްޔެ ޝާއިޢު ކޮށްފައިވާސާވޭގައި ބައިވެރިވި އެއްހާސް މީހުންގެ ތެރެއިން 30 އިންސައްތަ ރައްޔިތުން ޑިމޮކްރަސީއާ މެދު ހިތްހަމައެއް ނުޖެހެއެވެ. އަދި 20 އިންސައްތަ ރައްޔިތުން ތިބީ ރާއްޖޭގެ ޑިމޮކްރަސީ ހިނގާ ގޮތާ މެދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ.


 
ރާއްޖޭގެ ޑިމޮކްރަސީއާ މެދު ހިތްހަމަޖެހޭ ކަމަށް ބުނީ 14 އިންސައްތަ ރައްޔިތުން ބުނާއިރު މުޅިން ހިތްހަމަ ނުޖެހުނު ނަމަވެސް ކޮންމެވެސް ވަރަކަށް ހިތްހަމަ ޖެހޭ ކަމަށް 36 އިންސައްތަ ރައްޔިތުން ބުނެއެވެ.


 
މި ސާރވޭ ދައްކާ ގޮތުން ސިޔާސީ  ފަރާތްތަކުން އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ދޮގުހަދަން ޖެހިލުމެއް ނުވާނެކަމަށް 92 އިންސައްތަ ރައްޔިތުން ދެކޭ ކަމަށާއި އާންމު ފަރުދުންނާމެދު  ސަރުކާރުން އަޅާނުލާކަމަށް 86 އިންސައްތަ ރައްޔިތުން ދެކޭ ކަމަށް މި ސާރވޭއިން ދައްކައެވެ.


 
ޓްރާންސް ޕޭރެންސީން ބުނީ ގައުމީ ފެންވަރުގައި ހެދުނު މި ސާރވޭގެ މަގްސަދަކީ ޑިމޮކްރަޓިކް ކަންކަމާއި ހަމަތަކަށް އަދި ޑިމޮކްރަޓިކް މުއައްސަސާތަކުގެ ހިންގުމާއިހާލަތާއިމެދު ދިރާސާގެ އަލީގައި ބަހުސްކުރުމަށް ބާރުއެޅުންކަމަށެވެ.


 
ތަމްސީލީ މުއައްސަސާތަކާމެދު ގިނަ ރައްޔިތުންގެ އިތުބާރެއް ނެތްކަމަށް މި ރިޕޯޓުން ދައްކާއިރު، 62އިންސައްތަ ރައްޔިތުން، ރައްޔިތުންގެ މަޖިލީހަށް އިތުބާރު ނުކުރާއިރު58 އިންސައްތަ  ރައްޔިތުން ސިޔާސީ ޕާރޓީތަކަށް އިތުބާރު ނުކުރާކަމަށް މި ސާރވޭއިން ދައްކައެވެ. މި ސާރވޭގައި 50 އިންސައްތަ ރައްޔިތުން ލޯކަލް ކައުންސިލްތަކަށް އިތުބާރު ނުކުރާއިރު،ކޯޓުތަކަށް 45 އިންސައްތަ ރައްޔިތުން އިތުބާރު ނުކުރެއެވެ.


 
ފުލުހުންނަށް އިތުބާރު ނެތް ކަމަށް 32 އިންސައްތަ ރައްޔިތުން ބުނި އިރު، 29 އިންސައްތަ ރައްޔިތުން ސިފައިންނަށް އިތުބާރެއް ނުކުރެއެވެ.


 
 ރާއްޖޭގެ ދީނީ ފަރާތްތަކަށް 21 އިންސައްތަ ރައްޔިތުން އަދި މަދަނީ ޖަމިއްޔާތަކަށް 18 އިންސައްތަ ރައްޔިތުން އިތުބާރެއް ނުކުރޭ. މީގެ އިތުރުން 27 އިންސައްތަ ރައްޔިތުން އދ އަށް ތާއީދެއް ނުކުރާއިރު ކޮމަންވެލްތަށް 28 އިންސައްތަ ރައްޔިތުން އިތުބާރު ނުކުރާ ކަމަށް ބުނެފައިވެއެވެ.


 
ޓްރާންސްޕޭރެންސީން ބުނީ މިނަތީޖާތަކަކީ 2012 އަދި 2013ވަނަ އަހަރު އެޖަމިއްޔާއިން އާންމު ކޮށްފައިވާއާންމު ދިރިއުޅުމާއި ކޮރަޕްޝަން، ރައްޔިތުންގެ ތަޖުރިބާ ސާރވޭއާ އެއްގޮތް ހޯދުންތަކެއްކަމަށެވެ.


 
މި ސާރވޭގައި ހިމެނޭ އެހެން ކަންތައްތަކަށް ބަލާއިރު 77 އިންސައްތަ ރައްޔިތުންނަށް ގައުމުގެ އެންމެ ބޮޑު މައްސަލައަކީ“ ސިޔާސީ“ ކަންކަންކަމަށް ބުނެފައިވޭ. އޭގެ ތެރޭގައި ހަމަނުޖެހުމާއި، ކޮރަޕްޝަނާއި ޕާރޓީނިޒާމް ހިމެނޭ. ރާއްޖޭގައި ޑިމޮކްރަސީ ހިނގާ ގޮތާމެދު ދެބައިކުޅަ އެއްބައި ރައްޔިތުން ހިތްހަމަ ނުޖެހޭއިރު ރައްޔިތުންސިޔާސީ ލީޑަރުން މިނަނީ ވަރަށް ދަށްކޮށްކަމަށްވެސް މި ސާރވޭގައި ދައްކައެވެ.


 
ޑިމޮކްރަޓިކް ހަމަތައް އަދި އިޖްތިމާޢީ ތަރުތީބސޯޝަލް އޯޑަރ ނުވަތަ އިޖްތިމާޢީ ތަރުތީބު ރައްޔިތުންނަށް ކަމަކުނުދާކަމަށް މި ސަރވޭގައި ދައްކާ. މިގޮތުން 84 އިންސައްތަ ރައްޔިތުން ދެކޭގޮތުގައި، ބާރުތައް އެއްވެ ޖަމާވެފައިވަނީ މަދު ބައެއްގެ މުށުތެރޭގައެވެ. މައްސަލަތައް ހައްލުކުރަންވާނީ މަޝްވަރާ ކޮށްގެން ކަމަށް 90 އިންސައްތަ ރައްޔިތުން ގަބޫލުކުރިކަމުގައިވިޔަސް، ކޮންމެ ތިނަކުން އެކަކު ދެކެނީ އިޖްތިމާޢީ ބޭއިންސާފުގެ ރައްދަކަށް ބައެއް ފަހަރު ތަޅާފޮޅުމާއި ހަމަނުޖެހުން ކޮންމެހެންބޭނުންވާ ކަމަށެވެ.



ދެޖިންސުގެ ހަމަހަމަކަމަށް ގިނަ ދިވެހިން ތާޢީދެއް ނުކުރާކަމަށް މި ސަރވޭގައި ދައްކާއިރު ގިނަ ފަރާތްތަކުން ދެކެނީ ފިރިހެނުންނަކީ އަންހެނުންނަށްވުރެ ގާބިލު ލީޑަރުންކަމުގައި. މި ސާރވޭއިން ފާހަގަ ކޮށްލެވޭ އަނެއްކަމަކީ، މި ގޮތަށް ވިސްނާ އަންހެނުންގެ ނިސްބަތް ފިރިހެނުންނަށްވުރެ ބޮޑު ކަމެވެ.


 
 


މިދިރާސާއަކީ ޑިމޮކްރަސީ އާއި ބެހޭގޮތުން ދިވެހިރާއްޖޭގައި ކުރެވުނު އެންމެ ފުރަތަމަ ”ސިސްޓެމަޓިކް“ ދިރާސާއެވެ. ޖުމްލަކޮށް މުޅި ދިވެހިރާއްޖެއާމެދު ބަސްބުނާ މިދިރާސާ ކުރެވިފައިވަނީ 1000 ވަރަކަށް ރައްޔިތުންގެ ”ރެންޑަމް ސާމްޕަލް“ އެއް މެދުވެރިކޮށްކަމަށް ޓްރާންސްޕޭރެންސީން ބުނެއެވެ. މިދިރާސާގައި ކުރެވިފައިވާ ސުވާލުތަކަކީ ޑިމޮކްރަސީގެ ހާލަތު ދެނެގަތުމަށް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތަކުރާރުކޮށް ބޭނުންކޮށްފައިވާ ސުވާލުތަކެއްކަމަށް ޓްރާންސްޕޭރެންސީން ބުނެއެވެ.