ލައިފް ސްޓައިލް

ސެލްފީއެއް ނަގަން އުޅެނިކޮށް ރޭލެއްގައި ޖެހިއްޖެ


ބާރަށް ދުއްވާފައި ދިޔަ ރޭލަކާއެކު ސެލްފީ ވީޑިއޯއެއް ނަގަން އުޅުނު މީހަކު ރޭލުގައި ޖެހި، އަނިޔާވެއްޖެއެވެ.

އިންޑިއާގެ ހައިދަރްއާބާދުގައި ހިނގި މިހާދިސާގައި، ޒުވާން އުމުރުފުރައިގެ މީހާގެ ގައިގައި ރޭލުން ޖެހުނުއިރު، އޭނާ ހުރީ ރޭލު ދަނގަޑާއި ވަރަށް ކައިރީގައި ރޭލު އަރާ ގޮތަށް ވީޑިއޯ ސެލްފީއެއް ނަގާށެވެ. ވީޑިއޯއިން އިވޭ އަޑުތަކުން، އެތަނުގައި ހުރި މީހަކު ސެލްފީ ނަގަން އުޅުނު ޒުވާނާ އެތަނުން ދުރަށްދިއުމަށް ގޮވާ އަޑު އިވެއެވެ. ރޭލު އައިސް އޭނާގެ ގައިގައި ޖެހުނުއިރުވެސް އޭނާ ހުރީ އެކަމަށް އިޖާބަ ނުދީ ވީޑިއޯ ކުރާށެވެ. 

ރޭލުން ޖެހުމުގެ ސަބަބުން އޭނާގެ ބޮލަށާއި ހަށިގަނޑަށް ވަނީ އަނިޔާތަކެއް ލިބިފައެވެ. ނަމަވެސް މާ ސީރިއަސްއެއް ނޫނެވެ. އެކަމަކު ސައުތު ސެންޓްރަލް ރެއިލްވޭސްއިން ވަނީ އެޒުވާނާ 500 އިންޑިއާ ރުޕީސްއިން ޖޫރިމަނާކޮށްފައެވެ.

img:http://s4.psmnews.mv/images/660x400/15169724112732.jpg|ވީޑިއޯ ސެލްފީއެއް ނަގަން އުޅެނިކޮށް އަނިޔާވި ޒުވާނާ

ރޭލެއް ބާރަށް ދުއްވާފައި ދާއިރު ސެލްފީ ވީޑިއޯ ނެގުމަކީ އިންޑިއާގައި ވަރަށް ޢާއްމުކަމެކެވެ. މިދިޔަ އޮކްޓޯބަރުމަހު ކަރްނާޓަކާ ސްޓޭޓްގައި މިގޮތަށް ސެލްފީއެއް ނަގަން އުޅެނިކޮށް 3 ޒުވާނަކު ވަނީ ރޭލު ދަށުވެ މަރުވެފައެވެ. އަދި ދިއްލީގައި ހިނގި މިފަދަ ހާދިސާއެއްގައިވެސް 2 ޒުވާނަކު މަރުވިއެވެ.

ސެލްފީ ނެގެމުގައި ބައެއް މީހުން ހައްދު ފަހަނަ އަޅަމުންދާއިރު، ސެލްފީ ނެގުމުގެ ތެރޭގައި އެންމެ ގިނަ މީހުން މަރުވެފައިވަނީވެސް އިންޑިއާގައިކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މިގޮތުން މާޗު 2014 އިން ސެޕްޓެމްބަރު 2016 ގެ ދެމެދު ސެލްފީ ނަގަން އުޅުމުގެ ތެރޭގައި 127 މީހުން މަރުވިއިރު، އޭގެތެރެއިން 76 މީހުން މަރުވެފައިވަނީ އިންޑިއާގައެވެ.