ލައިފް ސްޓައިލް

ހަރުފައެއް، އޭގެ ވެރިމީހާ މަރާލައިފި


އިނގިރޭސިވިލާތުގައި ހިނގި ހާދިސާއެއްގައި ހަރުފައެއް އޭގެ ވެރިމީހާއަށް ޙަމަލާދީ މަރާލައިފިއެވެ.

އުމުރުން 31 އަހަރުގެ ޑެނިއަލް ބްރެންޑަންއަށް ޙަމަލާދީފައިވަނީ، އޭނާ ގެންގުޅުނު 8 ފޫޓުގެ ޕައިތަން ހަރުފައެއްކަމަށް ޙަބަރުތައް ބުނެއެވެ. 

ޕައިތަން އަކީ ވިހަ ލާ ހަރުފައަކަށް ނުވާތީ، އޭތި ޢާއްމު ގޮތެއްގައި ޙަމަލާދެނީ، ގައިގަ އޮޅާލައި، ބާރަށް ފިއްތާލައިގެނެވެ. މީގެ ސަބަބުން ނޭވާ ހާސްވެ، މީހާ މަރުވާ ގޮތްވެއެވެ.

ޑެނިއަލް މަރުވެފައި އޮތްވާ ފެނުނީ އޭނާގެ ގޭތެރެއިންނެވެ. އޭނާ ބެލި ޑޮކްޓަރު ބުނީ ޑެނިއަލް މަރުވެފައިވަނީ ނޭވާ ހާސްވެގެންކަަަމަށެވެ. މިހެން ދިމާވީ ހަރުފަ، އޭނާގެ ގައިގައި ބާރަށް އޮޅާލުމުގެ ސަބަބުން ކަމަށް ހަރުފަ ގެންގުޅޭ ތަޖުރިބާކާރުން ބުނެއެވެ. 

img:http://s3.psmnews.mv/images/660x400/15168778479522.jpg|ހަރުފަ ހަމަލާދީ މަރާލި ޑެނިއަލް / އޭނާއަކީ ކުޑައިރުންސުރެ ހަރުފަ ގެންގުޅޭ މީހެއް

ޑެނިއަލްގެ މަންމަ ބުނާގޮތުން އުމުރުން 16 އަހަރުން ފެށިގެން ޑެނިއަލް ހަރުފަ ގެންގުޅެއެވެ. އޭނާއަށް ހަމަލާދިން ހަރުފައަކީ އޭނާ ގެންގުޅުނު 10 ހަރުފައިގެ ތެރެއިން އެއްޗެކެވެ. ޑެނިއަލްގެ މަންމަ ބުނާގޮތުން ހަރުފަ ދެކެ އެއްވެސް ވަރަކަށް ޑެނިއަލް ބިރެއް ނުގަނެއެވެ. އަދި ޙަމަލާދިން ހަރުފަ ކުޑައިރުންސުރެ ގެންގުޅުނީ ޑެނިއަލްކަމަށްވެސް އޭނާގެ މަންމަ ބުންޏެވެ.  

ހަރުފަ ގެންގުޅޭ ބައެއް ތަޖުރިބާކާރުން ބުނާގޮތުން، އެހާދިސާ ހިނގީ ޑެނިއަލް ގައިގަ ހަރުފަ އޮޅާލައިގެންކަމަށް ބެލެވުނަސް، އެފަދަ ހާދިސާއަކުން ސަލާމަތްވާން ޑެނިއަލް ފަދަ ހަރުފަ ގެންގުޅޭ މީހަކަށް އެނގޭނެއެވެ. އަދި ހަރުފަ ޑެނިއަލް ގައިގަ އޮޅާލުމުން، އޭގެއިން ސަލާމަތްވާން އެއްވެސް މަސައްކަތެއް ކޮށްފައިވާކަން ހަރުފައިގެ ހަންގަނޑުން ފެންނަން ނެތްކަމަށްވެސް މިކަން ބެލި ތަޖުރިބާކާރު ބުންޏެވެ.