ތިމާވެށި

ފިލިޕީންސްގެ މައުންޓް މަޔޯން ފަރުބަދަ ގޮވުމުގެ ބިރު ބޮޑުވެއްޖެ


ފިލިޕީންްސްގެ މެދުތެރެއިން އޮންނަ އަލްބޭ ޕްރޮވިންސްގައި ހުންނަ މައުންޓް މަޔޯން އަލިފާން ފަރުބަދަ ގޮވުމުގެ ބިރު ހީވުމާއެކު، އެސަރަޙައްދުގައި ތިބި ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ. މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން އަލިފާން ފަރުބަދައިން ދިޔާ އަލިފާނާއި އަޅިތައް ބޭރުވަމުންދާއިރު، އަލްބޭ ޕްރޮވިންސްގައި ދިރިއުޅޭ އެތައް ހާސް ބަޔަކު ވަނީ ގެދޮރު ދޫކޮށް، އެހެން ސަރަޙައްދުތަކަށް ގޮސްފައެވެ.

އެސަރަޙައްދަށް ނެރެފައިވާ އެލާޓް، 3 އިން 4 އަށް މަތިކޮށްފައިވާއިރު، ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި މި އަލިފާން ގޮވާނެކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ. މިކަމާއި ގުޅިގެން ސްކޫލްތައް ބަންދުކޮށްފައިވާއިރު، ގެދޮރު ދޫކޮށްދާ ބައެއް މީހުން ވަގުތީ ހިޔާވަހިކަން ހޯދަމުންދަނީ ސްކޫލްތަކުގައެވެ. އަނެއްކޮޅުން ކުއްލި ޙާލަތުގައި ޚަރަދުކުރުމަށް ހުރި ފައިސާ އަލްބޭ ޕްރޮވިންސުން ހުސްވެފައިވާއިރު، އިތުރު މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރެވޭނީ ފިލިޕީންސްގެ ސަރުކާރުން އެހީ ފޯރުކޮށްދީގެން ކަމަށް އަލްބޭ ޕްރޮވިންސްގެ ގަވަރނަރ ވިދާޅުވިއެވެ.

އަލިފާން ފަރުބަދައިން ނިކުންނަ ބޯ ދުމުގެ ސަބަބުން، އެސަރަޙައްދުގެ ވައި ނުސާފުވެ، ދަތުރުފަތުރު ކުރުމަށްވެސް ވަނީ އުނދަގޫވެފައެވެ. އަދިި ބާރުގަދަ ވަޔާއެކު އެހެން ސަރަޙައްދުތަކަށްވެސް ފަރުބަދައިން ނިކުންނަ އަޅިތަކުގެ އަސަރުކުރާނެކަމަށްވެސް ތަޖުރިބާކާރުން ބުނެއެވެ،

އަލިފާން ފަރުބަދައިގެ ހަރަކާތްތައް ދިރާސާކުރާ ފިލިޕީންސްގެ އިންސްޓިއުޓް އޮފް ވޮލްކެނޮލޮޖީ އެންޑް ސެސްމޮލޮޖީން ބުނީ، ކުރިއަށް އޮތް މަދުދުވަސްކޮޅެއްގެ ތެރޭގައި އަލިފާން ފަރުބަދަ ގޮވާނެކަމަށާއި، އަދި އެގޮވުން ވަރަށް ނުރައްކާތެރިވެދާނެކަމަށެވެ. އެހެންކަމުން ފަރުބަދައިގެ ވަށައިގެން 8 ކިލޯމީޓަރުގެ ސަރަޙައްދެއް ވަނީ ރައްކާތެރި ނޫން ތަނެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އަދި އެސަރަޙައްދަށް ނުދިއުމަށް ސަރުކާރުން ވަނީ އަންގާފައެވެ.

ފިލިޕީންސްގެ ވެރިރަށް މެނީލާގެ އިރުދެކުނުން 330 ކިލޯމީޓަރު ދުރުގައި އޮންނަ މައުޓް މަޔޯން އަލިފާން ފަރުބަދައަކީ، އެންމެ އަވަހަށް ގޮވުންތައް ގޮވާ އެއް ފަރުބަދައެވެ. މީގެ ކުރިން ގޮވި ގޮވުންތަކުގެ ސަބަބުން އެތައް ބަޔަކު މަރުވެ ގެއްލުން ވެފައިވާއިރު، އެންމެ ނުރައްކާތެރި ގޮވުން ގޮވާފައިވަނީ 1814 ވަނަ އަހަރުއެވެ. އެހާދިސާގައި 1200 އެއްހާ މީހުން މަރުވިއެވެ. އެންމެ ފަހުން މިފަރުބަދަ ގޮވާފައިވަނީ 2014 ވަނަ އަހަރުއެވެ.