ލައިފް ސްޓައިލް

މީރު އެކަމަކު ނުރައްކާތެރި ކޭކެއް!


ޖަޕާނުގައި މިލާދީ އައު އަހަރު ފާހަގަކުރުމަށް އެމީހުންގެ ސަޤާފަތާ ގުޅިވައިގެން ޚާއްސަ ކަންތައްތަކެއް ކުރެއެވެ. މިގޮތުން އައު އަހަރާ ދިމާކޮށް ތައްޔާރުކުރާ "މޮޗީ" ނަމަކަށް ކިޔާ ކޭކަކީ ޖަޕާނުގެ އާއްމުންގެ މެދުގައި މަޤްބޫލު ކޭކެވެ.

ބަނަހެއްގެ ބައްޓަމަށް އޮންނަ މިކޭކަކީ ހަނޑުލުން ތައްޔާރުކުރާ ކޭކެވެ. ފުރަތަމަ ހަނޑޫތައް އާވިން ކެއްކުމަށްފަހު، ރަނގަޅަށް ފުނޑާލައެވެ. އެއަށްފަހު ތަތްކޮށް އޮންނަ ހަނޑޫ ފުށްގަނޑަށް ކޭކެއްގެ ބައްޓަން ގެނައުމަށްފަހު، ފިހަނީއެވެ. ބައެއް މީހުން ފެނުވެސް ކައްކައެވެ. މިއީ އައު އަހަރުގެ މުނާސަބަތާ ދިމާކޮށް ޖަޕާނުގައި ވަރަށް ކުރިން ފެށިގެން ތައްޔާރުކުރާ ކާނާއެކެވެ.

މޮޗީ ކޭކަކީ މީރު އެއްޗެއްނަމަވެސް، އޭގެ ނުރައްކާތެރިކަންވެސް އެހާމެ ބޮޑެވެ. ކޭކު ތައްޔާރުކުރާ ގޮތުން، މިކޭކު ހަރުވެފައި، ތަތްކަމެއް ހުރެއެވެ. އެހެންކަމުން ކޭކެ ކާންޖެހެނީ ވަރަށް ގަދައަށް ހެފުމަށްފަހުއެވެ. ކުޑަކުދިން އަދި އުމުރުން ދުވަސްވީ މީހުންނަށް މިކޭކު ހަފައިގެން ކެއުން ވަނީ ގިނަ ފަހަރު ދައްޗަކަށެވެ. ރަނގަޅަށް ނުހަފާ ކައިފިނަމަ، ކަރުތެރޭގައި ކޭކު ތާށިވެ، ނޭވާ ހާސްވާ ގޮތް މެދުވެރިވެއެވެ.

img:http://s4.psmnews.mv/images/660x400/15148834086288.jpg|މޮޗީ ކޭކު ހެދުމުގެ ތެރެއިން / މީރު ކޭކެއް ނަމަވެސް، މީގެ ނުރައްކާތެރިކަންވެސް އެހާމެ ބޮޑު

ތަފާސް ހިސާބުތައް ދައްކާގޮތުން 2014 އަދި 2015 ވަނަ އަހަރު 9 މީހަކު ކޭކު ކައިގެން މަރުވިއިރު، 2016 ވަނަ އަހަރު އެކަކު މަރުވެފައިވެއެވެ. އަދި ނިމުނު އަހަރު ދެ މީހަކު މަރުވެފައިވެއެވެ. މީގެ އިތުރުން ކޭކު ކަރުތެރޭގައި ތާށިވެގެން ޑޮކްޓަރަށް ދައްކާ މީހުންގެ 90 އިންސައްތައަކީ އުމުރުން ދުވަސްވީ މީހުންކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.

އެހެންކަމުން ކޮންމެ އަހަރަކުވެސް އައު އަހަރާ ދިމާކޮށް ސިއްޙީ މާހިރުން ދަނީ މޮޗީ ކޭކު ކެއުމުގެ ކުރިން، ރައްކާތެރި ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކުރަމުންނެވެ. އެގޮތުން ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ކޭކު ކޭކު ކާއިރު، ކުދިކުދި އެތިކޮޅުން ކެއުމަށް ލަފާދެއެވެ.