ރިޕޯޓް

އެއަރޕޯޓްގެ އާ އޭޕްރަންގެ ޢަމަލީ މަސައްކަތް މި މަހު ފަށަނީ


ޖުމުލަ 7.5 މިލިއަން މީހުންނަށް ޚިދުމަތްދޭ އެއަރޕޯޓަކަށް، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްހެދުމަށް އެމްއޭސީއެލްއިން ޢަމާޒު ހިފާފައިވާއިރު އެއަރޕޯޓަކީ ސައިޒުގެ ގޮތުން ތަނަވަސް އެއަރޕޯޓަކަށް ހެދުމަށްދަނީ އެއްބިލިއަން ޑޮލަރު ބޮޑު މަޝްރޫޢުއެއް ހިންގަމުންނެވެ. 

މިމަޝްރޫޢޫގެދަށުން އާ އިންޓަރނޭޝަނަލް ޓަރމިނަލަކާއި، ސީޕްލޭންޓް ޓަރމިންލާއި، ޕިއުލް ފަރމެއްގެ އިތުރަށް، އެއަރޕޯޓަށް ޖައްސާ އެއަރ ކްރާފްޓްތަކަށް ފަސޭހަކަމާއިއެކު ޕާކް ކުރެވޭނެ އޭޕްރަންއެއް ޤާއިމުކުރުމަކީވެސް މި މަޝްރޫޢުގެތެރޭގައި ހިމެނޭ މުހިންމު މަސައްކަތެކެވެ. 

އެއަރޕޯޓްއަށް ޖައްސާ ފްލައިޓްތަކާއި، ޕްރައިވެޓް ޖެޓްތައް ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު  އެ ޙިދުމަތައް ބޭނުންވާ ފްލައިޓް ޕާކިންއަށް ބޭނުންވާ އިތުރު އޭރިއާއެއް ހެދުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ. އެގޮތުން އެއަރޕޯޓްގެ ދެކުނުފަރާތުގައި ހަދާ ވެސްޓް އޭޕްރަންއަކީ 80000 އަކަ މީޓަރުގެ އޭޕްރަންއެއް ކަމަށް އެމްއޭސީއެލްއިން ބުނެއެވެ. އެއަރޕޯޓްގައި މިހާރު ބޭނުންކުރަމުންދާ އޭޕްރަންއަކީ 50000 އަކަ މީޓަރުގެ އޭޕްރަންއެކެވެ. 

މި އޭޕްރަންގައި ޕާކުކުރެވެނީ ކޯޑް އީގެ ހަތެއް ނުވަތަ އަށް ޕްލައިޓަށްކަމަށް އެމްއޭސީއެލްއިން ބުނެއެވެ. ކޯޑް އީގެ ފްލައިޓަކީ 78 މީޓަރު ދިގު 65މީޓަރު ފުޅާ މަތިންދާ ބޯޓުތަކެވެ.

ނަމަވެސް އަލަށް ތަރައްޤީކުރާ ވެސްޓް އޭޕްރަންއާއިއެކު ޕާކުކުރެވޭ އެއަރކްރާފްޓްތަކުގެ ޢަދަދު  ދެގުނައަށްވުރެ އިތުރުވެ، އިތުރު ފްލައިޓްތަކަށް ރާއްޖެއަށް ދަތުރުކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. އަލަށް ތަރައްޤީކުރާ ވެސްޓް އެޕްރަންއާއިއެކު އެއަރޕޯޓްގައި އެއަރކްރާފްޓް ޕާކުކުރުމުގެ ޖާގަ 130000 އަކަ  މީޓަރަށް އިތުރުވެގެންދާނެއެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ ޢާދިލް މުސާ ވިދާޅުވީ މިހާރު ކުރަމުންދަނީ އޭޕްރަންހަދާ ސަރަޙައްދުގެ ބިންގަނޑު އެއްވަރުކުރުމުގެ މަސައްކަތްކަމަށާއި، މިމަހުގެތެރޭގައި އެމަސައްކަތް ފަށާނެކަމަށެެވެ. 

ޢާދިލް މޫސާ ވިދާޅުވީ އެއަރޕޯޓްގެ ވެސްޓް އޭޕްރަންހެދުމަށް ބޭނުންވާ ބިން ހުސްކުރުމަށްޓަކައި، ކުރިން ސީޕްލޭން ޓަރމިނަލަށާއި، ހުޅުމާލެއަށް ދަތުރުކުރުމަށް ބޭނުންކުރި މަގުގެ ބަދަލުގައި އާ މަގެއް ތަރައްޤީކޮށް ބޭނުންކުރަން މިހާރު ހުޅުވާލާފައިވާކަމަށެވެ. 

ޢާދިލް މޫސާ ވިދާޅުވީ ވެސްޓް އޭޕްރަންގެ މަސައްކަތް އާ ރަންވޭއއިއެކު ނިންމާނެކަމަށެވެ. ވެސްޓް އޭޕްރަންގެ މަސައްކަތަކާއިއެކު މިހާރު ބޭނުންކުރަމުންދާ އޭޕްރަން އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތްތައްވެސް ކުރިއަށްގެންދާނެކަމަށް އެމްއޭސީއެލްއިން ބުނެއެވެ.