ޚަބަރު

"ސަރުކާރުން ޒުވާނުންނަށް ތަޢުލީމާއި ހުނަރާއި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދޭނެ"


  • ޤައުމުގެ ކުރިމަގު ބިނާކުރުމުގައި ޒުވާނުންގެ ދައުރު މުހިންމު ކަމަށް ވިދާޅުވި

  • ޒުވާނުންގެ އަޒުމާ ހިތްވަރުގެ ސަބަބުން މުޖުތަމަޢުއަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެކަން ފާހަގަކުރެއްވި

މި ސަރުކާރުން ޒުވާނުންނަށް މަތީ ތަޢުލީމާއި ހުނަރާއި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެސެޖުގައި ޒުވާނުންނަކީ ދިވެހިރާއްޖޭގެ އެންމެ ބޮޑު އެއް ބާރުކަން ފާހަގަކުރެއްވިއެވެ. އަދި ޒުވާނުންގެ އުފެއްދުންތެރިކަމާއި އަޒުމާއި ހިތްވަރަކީ މުޖުތަމަޢުއަށާއި މުޅި ޤައުމަށްވެސް އެތައް ގޮތަކުން ބަދަލުތަކެއް ގެނެސްދޭކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް %45 އަކީ ޒުވާނުންކަމަށްވާއިރު، އެމީހުންގެ ހުވަފެންތަކާއި ލަނޑުދަނޑިތަކަކީ ޤައުމުގެ މުސްތަޤުބަލު ބިނާކޮށްދޭނެ މުހިންމު އަސާސެއްކަމަށެވެ. އެހެންކަމުން ޒުވާނުންނަށް ބޭނުންވާ މަތީ ތަޢުލީމުގެ ފުރުޞަތުތަކާއި ހުނަރުތައް ތަރައްޤީކުރުމާއި ވަޒީފާގެ ފުރުޞަތުތައް މި ސަރުކާރުން ފަހިކޮށްދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

ނެޝެނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމާއި، ވަޠަނީ ޚިދުމަތުގެ ޤައުމީ ޕްރޮގްރާމަކީވެސް މިމަގުން ސަރުކާރުގެ އިސްނެގުމާއެކު ހިންގޭ މުހިންމު މަސައްކަތްތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.


ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ދިވެހި ޒުވާނުންގެ އަތްމަތީގައި، ރާއްޖޭގެ މިހާރުގެ އަދި މުސްތަޤްބަލަށް ފާގަތިކަމާއި، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުން ލިބިގެންދާނެކަމަށް ޔަޤީން ކުރައްވާކަމުގައިވެސް ވިދާޅުވެފައިވެއެވެ.

ޒުވާނުން ބާރުވެރިކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމެޓީއެއް ސަރުކާރުން އުފައްދަވާފައިވެއެވެ. ޒުވާނުންނަށް ފުރުޞަތުތައް ހޯދައިދީ، ރާއްޖޭގައި އުފެއްދުންތެރި ޒުވާނުން ބިނާކުރުމަށް ކްރީއޭޓިވް އިކޮނޮމީއެއް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.

ޒުވާނުންނަކީ މަސައްކަތުގެ މާހައުލަށް ތައްޔާރުވެފައިވާ ބައެއް ކަމަށް ހެދުމަށް، އަޕް ސްކިލިން ޕްރޮގްރާމުތަކާއި އެޕްރެންޓިސްޝިޕް ޕްރޮގްރާމުތައް އަމިއްލަ ފަރާތްތަކާއި ސަރުކާރުގެ އިދާރާތަކާއި މުޢައްސަސާތަކުގެ އެހީތެރިކަމާއެކު ދަނީ ކުރިއަށް ގެންދަމުންނެވެ.

ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަހެއް އެންމެ ފުރަތަމަ ފާހަގަކުރީ 1998 ވަނަ އަހަރުއެވެ. މިދުވަސް ފާހަގަކުރަން ފެށީ ދުނިޔޭގެ އެކި ޤައުމުތަކުގެ ޒުވާނުންނާބެހޭ ވަޒީރުން ބައިވެރިވި ބައްދަލުވުމެއްގައި، އޮގަސްޓު މަހުގެ 12 ވަނަ ދުވަހަކީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ޒުވާނުންގެ ދުވަސްކަމަށް ކަނޑައެޅުމަށް ނިންމުމާ ގުޅިގެންނެވެ. މި ބައްދަލުވުން އޮތީ 1998 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ.