ޚަބަރު

ކޮތަޅުން ނަގާ ފީއަށް ލުއި ލިބޭ އިސްލާހުގެ ބިލު މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި


  • ޤާނޫނަށް އިޞްލާޙު ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހީމް ޝިފާޒް

  • ބިލުގެ މަސައްކަތް ނިމޭއިރު ކުނި މެނޭޖްކުރުމުގެ ދާއިރާއަށް ވަށާޖެހޭ ހައްލެއް ހޯދަން މަގުފަހިވާނެ

ކުނި މެނޭޖުކުރުމުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތަށް، މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.

ކުނި މެނޭޖުކުރުމުގެ ޤާނޫނަށް އިޞްލާޙު ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހީމް ޝިފާޒްއެވެ. އެ ބިލް ދިރާސާކުރީ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީންނެވެ. އެ އިސްލާހު ފާސްކުރުމަށް މަޖިލީހުގެ މުޅި ކޮމިޓީގެ 65 މެމްބަރުން ވޯޓުދެއްވި އިރު ބިލު ފާސްކުރަން ނުފެންނަކަމަށް އެއްވެސް މެމްބަރަކު ވޯޓުދެއްވާފައެއް ނުވެއެވެ.

އެ ބިލުގައި ރާއްޖެއަށް ކުނި އެތެރެކުރުން އެއްކޮށް މަނާކުރުމަށާއި، ކުނިމެނޭޖްކުރުމުގެ އުސޫލުތަކާއި ގުޅުން ހުރި އުސޫލްތައް ހަރުދަނާކުރުމަށް ގިނަ ކަންތައްތަކެއް ވަނީ ހިމަނާފައެވެ. މި ބިލުގައި ވަނީ 50 ކޮތަޅަށްވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅުބޮނޑިން ދެ ރުފިޔާ ނެގުން ހުއްޓާލުމަށް ހިމަނާފައެވެ. އެކަމުގެ ސަބަބުން ޕްލާސްޓިކް ކޮތަޅުން ނަގާފީން ދައުލަތަށް ލިބޭ އާމްދަނީ ދަށްވާނެއެވެ.

ބިލުގައި ބުނެފައި ވަނީ މި ބިލަކީ ކުނި މެނޭޖްކުރުމުގެ ޤާނޫނު ތަންފީޒުކުރާ އިދާރާތަކުން އަދާކުރާ ދައުރު އިތުރަށް ސާފުކޮށް ބަޔާންކުރުމަށާއި، ކުނި މެނޭޖްކުރުމުގެ ކަންކަން ދެމެހެއްޓެނެވި ގޮތުގައި ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމަށް ހުށަހަޅާ ބިލެއް ކަމަށެވެ. އަދި ކުނި އެތެރެކުރުމަކީ މަަނާކަމެއްކަމަށް ކަނޑައެޅުމާއި، ކުނި މެނޭޖްކުރުމުގެ ކަންކަން ދެމެހެއްޓެނެވި ގޮތެއްގައި ރާވާ ހިންގުމާއި، ޤާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް އިސްލާހުކުރުމަކީ ވެސް ބިލުގެ މުހިންމު މަޤްސަދެކެވެ.

ބިލުގައި ހިމަނާފައިވާ އިތުރުކަންކަމަށް ބަލާއިރު، އިޤްތިޞާދީ އަދި ސިނާއީ މަސައްކަތްތައް ކުރާ ތަންތަނުގައި ކުނި މެނޭޖްކުރުމުގެ ސިޔާސަތު އެކުލަވާލުން ހިމެނެއެވެ. އަދި ކުނިމެނޭޖްކުރާ އިރު ޤައުމީ މާސްޓަރ ޕްލޭނާއި ސިޓީގެ ކުނި މެނޭޖްކުރުމުގެ ޕްލޭނާއި އެއްގޮތްކުރަންވާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، ކުނި މެނޭޖްކުރުމުގެ ނިޒާމް ފަރުމާކޮށް، ޤާއިމްކުރުމާއި، ކުނި މެނޭޖްކުރުމުގެ މިންގަނޑުތައް ކަނޑައެޅުން ހިމެނެއެވެ. ހަމައެހެންމެ ކުނި މެނޭޖްކުރާ މަރުކަޒުތަކާއި ގުޅުންހުރި ބައެއް އިސްލާހުތައް ބިލުގައި ހިމަނާފައިވެއެވެ. ކުނި މެނޭޖްކުރުމުގައި ބޭނުންކުރާ ވަސީލަތްތައް ހުންނަންޖެހޭ މިންގަނޑުތައް ކަނޑައެޅުމަށް ވެސް ބިލުގައި ހިމަނާފައިވެއެވެ.

އެހެންކަމުން ބިލުގެ މަސައްކަތް ނިމޭއިރު ކުނި މެނޭޖްކުރުމުގެ ދާއިރާއަށް ޖުމްލަ ވަށާޖެހޭ ހައްލެއް ހޯދަން މަގުފަހިވެގެންދާނެއެވެ.

ދިވެހިރާއްޖޭގެ ކުނި މެނޭޖުކުރުމުގެ ޤާނޫނަށް ޢަމަލުކުރަން ފެށީ 2022ޑިސެމްބަރު 18 ގައެވެ. މި ޤާނޫނުގެ މަޤްޞަދަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖުކޮށް، ތިމާވެށްޓާއި އާންމު ޞިއްޙަތު ރައްކާތެރިކުރުމެވެ.

މި ޤާނޫނުގައި ހިމެނޭ މައިގަނޑު ކަންކަމުގެ ތެރޭގައި، ކުނިން ވެށްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމާއި ނައްތާލުން ހިމެނެއެވެ. އަދި އުސޫލުތައް ކަނޑައެޅުމާއި، ކުނި ވަކިކުރުމާއި، ކުނި އުކާލުމާއި، ކުނި ނައްތާލުމުގައި ޢަމަލުކުރާނެ މިންގަނޑު ކަނޑައެޅުމަކީ މި ޤާނޫނުގެ މުހިންމު މަޤްސަދެކެވެ.