ޚަބަރު

ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ބޭސް ފޯރުކޮށްދިނުމަށް އެޗްޕީއެލްއާއެކު އެއްބަސްވުމެއް


  • މިއީ ބޭސް ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް

  • ރާއްޖޭގެ ބޭހުގެ ސަޕްލައި ޗެއިން މަރުހަލާތައް ހަރުދަނާވާނެކަމަށް ސްޓޭޓް ފާމާއިން ވިދާޅުވި

ފެންވަރު ރަނގަޅު ބޭސް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފޯރުކޮށްދިނުމަށްޓަކައި ކުރަމުން އަންނަ މަސައްކަތުގެ ދަށުން ބަންގްލަދޭޝްގެ ފާމަސޫޓިކަލް ކުންފުންޏެއް ކަމަށްވާ އެޗްޕީއެލްއާއެކު އެއްބަސްވުމެއް އެކުލަވާލައިފިއެވެ.

އެޗްޕީއެލްއާ ސްޓޭޓް ފާމަސޫޓިކަލްއާ ދެމެދު ވެފައިވާ މިއެއްބަސްވުމަކީ ދިވެހިރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކޮށް، ފެންވަރު ރަނގަޅު ބޭސް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށްޓަކައި އެކުލަވާލި އެއްބަސްވުމެކެވެ.

ސްޓޭޓް ފާމާއިން ވިދާޅުވީ މި އެއްބަސްވުމަކީ ރާއްޖެއަށް ބޭނުންވާ ފެންވަރު ރަނގަޅު ބޭސް މެދުކެނޑުމެއްނެތި ލިބޭނެ މަގު ފަހިކުރުމަށާއި، ބޭސް ފޯރުކޮށްދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށެވެ. މީގެ ސަބަބުން އެ ކުންފުނީގެ ބައިނަލްއަގުވާމީ ސަޕްލަޔަރުންގެ ވިއުގަ އިތުރަށް ވަރުގަދަވެ، ރާއްޖޭގެ ބޭހުގެ ސަޕްލައި ޗެއިން މަރުހަލާތައް ހަރުދަނާވާނެކަމަށްވެސް ސްޓޭޓް ފާމާއިން ވިދާޅުވިއެވެ. އަދި މިއީ އަސާސީ ބޭސް ރައްޔިތުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދީ، ފެންވަރު ރަނގަޅު ފާމަސޫޓިކަލް އުފެއްދުންތައް ރާއްޖޭގެ މާކެޓަށް ތައާރަފުކުރުމަށް ކުރަމުން އަންނަ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއްކަމަށް އެ ކުންފުނިން ފާހަގަކުރެއްވިއެވެ.

އެޗްޕީއެލް އަކީ ބައިނަލްއަގުވާމީ ބާޒާރުގައި ބޮޑު އިތުބާރެއް ހޯދާފައިވާ ކުންފުންޏެކެވެ. އެ ކުންފުނީގެ އުފެއްދުންތައް މިހާރުވެސް ޔޫރަޕް، އޭޝިއާ، އެފްރިކާ އަދި އެމެރިކާ ހިމެނޭހެން 32 އަށްވުރެ ގިނަ ގައުމަށް އެކްސްޕޯޓް ކުރަމުންދެއެވެ.

ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ މުހިންމު ބޭސްތަކާއި ޞިއްޙީ ޚިދުމަތްތައް ފަސޭހައިން ލިބޭނެ މަގު ފަހިކުރުމަށްޓަކައި، ސްޓޭޓް ފާމާއިން ޔޫރަޕްގެ މަޝްހޫރު ބޭސް އުފައްދާ ކުންފުނި، އެސްޓްރާޒެނެކާގެ މަންދޫބުންނާއެކު ދާދިފަހުން ވަނީ މަޝްވަރާކޮށްފައެވެ.

ސްޓޭޓް ފާމާއިން ހާމަކުރެއްވި ގޮތުގައި، ދިވެހި ރައްޔިތުންނަށް ފެންވަރު ރަނގަޅު ބޭސް ފޯރުކޮށްދިނުމަކީ އެ ކުންފުނީގެ އެންމެ މުހިންމު އެއް އަމާޒެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި ދުނިޔޭގެ ނަން މަޝްހޫރު ފާމަސޫޓިކަލް ކުންފުނިތަކާއެކު ގާތް ގުޅުމެއް ބާއްވައި، ރާއްޖޭގެ ޞިއްޙީ ދާއިރާ ހަރުދަނާކުރުމަށް އެ ކުންފުނިން އަންނަނީ މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންނެވެ.

ސްޓޭޓް ފާމާއިން އަންނަނީ ރާއްޖެއަށް ބޭނުންވާ ބޭސްތަކުގެ ސްޓޮކް ހިފެހެއްޓުމަށް، ބޭސް ބޭނުންވާ މިންވަރު އަންދާޒާކޮށް ދުރާލާ ބޭސް ސްޓޮކް ބެހެއްޓޭނެ ނިޒާމެއް ޤާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް ކުރަމުންނެވެ. އަދި މުޅި ރާއްޖެއިން ފަސޭހައިން ބޭސް ފޯރުކޮށްދިނުމަށް، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބޭސް ރައްކާކޮށްފައި ބެހެއްޓޭނެ ގުދަންތައް ހެދުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.