ރިޕޯޓް

ދިވެހިރާއްޖޭގެ އަޑު - ރައްޔިތުންގެ ޚިދުމަތުގައި 55 އަހަރު


މިއަދަކީ ދިވެހިރާއްޖޭގައި ރޭޑިއޯގެ ޚިދުމަތް ދޭން ފެށިތާ 55 އަހަރު ފުރުނު ދުވަހެވެ. 1962 ވަނަ އަހަރު އެންމެ 4 ވަރަކަށް މިނެޓަށް ބްރޯޑްކާސްޓްކުރަން ފެށި މި ޚިދުމަތަކީ މިއަދު 24 ގަޑިއިރު މެދުކެނޑުމެއްނެތި ފޯރުކޮށްދެމުންދާ ޚިދުމަތެކެވެ.

މީގެ 55 އަހަރު ކުރިއަށް ޖެހިލާނަމަ ބްރޯޑްކާސްޓްކުރުމުގެ ދާއިރާއަށް ރާއްޖޭގެ ރައްޔިތުންގެ ލޯތައް ހުޅުވިގެންދިޔަ އެންމެ ފުރަތަމަ ވަސީލަތަކީ ރޭޑިއޯއެވެ. ނަމަވެސް ރޭޑިއޯއަކުން ދިވެހި އަޑެއް މި ޖައްވުގެ ތެރެއިން އިވިދާނެކަމަށް އޭރު އެއްވެސް ދިވެއްސަކު ޤަބޫލެއް ނުކުރެއެވެ. ދިވެހިންގެ މި ޚިޔާލާއި ވިސްނުން ބަދަލުކޮށްލީ ޙަބަރާއި މަޢުލޫމާތު ފެތުރުމަށް އޭރުން ބޭނުންކުރި ހަމައެކަނި ވަސީލަތްކަމަށްވާ ދުވަހު ނޫސް ވިޔަފާރި މިއަދުން ކުރި އިޢުލާނެކެވެ. 1961 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 4 ވަނަ ދުވަހު އޭރުގެ ވުޒާރަތުލް ދާޚިލިއްޔާއިން ނެރުނު މި އިޢުލާން ހުރިހާ އެންމެންގެ ސަމާލުކަން ދަމައިގަތެވެ. އެއީ ދިވެހިރާއްޖޭގެ އަޑު ވުޖޫދަށް އައުމުގެ ފެށުމެވެ.

އޭގެ އެއްއަހަރު ފަހުން، 1962 ވަނަ އަހަރު ނިމެން ބާކީ 2 ދުވަހަށްވެފައިވަނިކޮށް އަނެއްކާވެސް ދިވެހިންނަށް ބޮޑު ހައިރާންކަމެއް ލިބިގެންދިޔައެވެ. އެ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުގެ އިރު އަރައިގެން އައީ އާދައިގެމަތިން މޫސުން ރީތި ދުވަހެއްގެ ގޮތުގައެވެ. މާލެއާއި ރާއްޖޭގެ އެކި ރަށްރަށުގައި އެދުވަސްވަރު އާއްމުކޮށް އަޑުއަހަމުން ދިޔައީ އޯލް އިންޑިއާ ރޭޑިއޯ އާއި ރޭޑިއޯ ސިލޯން، ނުވަތަ އޭރުގެ މަޝްހޫރު ނަމުންނަމަ ވިޔަފާރި ސިލޯންގެ ޕްރޮގްރާމްތަކެވެ. ރޭޑިއޯ މީޓަރުގެ ކަށި އެއް ސްޓޭޝަނުން އަނެއް ސްޓޭޝަނަށް ބަދަލުކުރުމުގައި ދިވެހިން އާދައިގެމަތިން ވަގުތުތައް ގުނަމުންދިޔައެވެ. މިހެންތިއްބާ އިވުނީ ދިވެއްސެއް، ދިވެހިބަހުން ރޭޑިއޯއިން ގޮވާލިއަޑެވެ. އެއީ އެދުވަހުގެ ގަޑިން ދެގަޑި ސުންމިނެޓެވެ. މިއީ ރާއްޖޭގެ ފުރަތަމަ ރޭޑިއޯ ސްޓޭޝަން މާލޭ ރޭޑިއޯގެ ފެށުމެވެ. މިއާއެކު ރާއްޖޭގެ ފުރަތަމަ ބްރޯޑްކާސްޓުގެ އަޑު ދިވެހިޖައްވަށް ފެތުރިގެންދިޔައެވެ.



މާލޭ ރޭޑިއޯއިން އެންމެ ފުރަތަމަ ގެނެސްދިން ޕްރޮގްރާމްގެ ދިގުމިނަކީ އެންމެ 4 މިނެޓާއި 2 ސިކުންތެވެ. ޕްރޮގްރާމުގައި ހިމަނާފައިވަނީ ރާއްޖޭގެ 3 ޙަބަރާއި ސަރުކާރުގެ 2 އިޢުލާނެވެ. ރޭޑިއޯ އޮޕަރޭޓްކޮށް ޓްރާންސްމީޓަރެއްގެ ގޮތުގައި ބޭނުންކޮށްފައިވަނީ އެދުވަސްވަރު ބ. ގޮއިދޫއާއި ހދ. ނޮޅިވަރަންފަރަށް ވުޒާރަތުލް ދާޚިލިއްޔާއިން ގުޅައިގެން ރޭޑިއޯ މެސެޖް ފޮނުވަމުންގެންދިޔަ "ޑޮލްފިން 3 " ގެ އާދައިގެ ކުޑަ ރޭޑިއޯ ޓެލެފޯން ސެޓަކުންނެވެ. ޙަބަރު ކިޔަމުން ގެންދިޔައީ އެންމެ ބާރަ ވޯޓުގެ ބެޓެރިއެއް ރޭޑިއޯއަށް ލައްވާ އޭގެ ރިސީވަރަށް އަތުން ފިއްތައި، ހިފަހައްޓައިގެންނެވެ.



މާލޭ ރޭޑިއޯގެ ޚިދުމަތުގެ ދުވަސްތައް ގުނަން ފެށުމާއެކު، ތަރައްޤީގެ ރޮނގުން ކޮންމެ ދުވަހަކުވެސް ދިޔައީ ފިޔަވަޅެއް ކުރިއަށް އަޅަމުންނެވެ. ފުރަތަމަ ގެނެސްދިން ޕްރޮގްރާމަށްވުރެ ދެވަނަ ޕްރޮގްރާމުގެ ފެންވަރު ދިޔައީ ރަނގަޅުވަމުންނެވެ. ދިވެހި ޚަބަރުގެ އިތުރުން އިނގިރޭސިބަހުންވެސް ޚަބަރުތައް ގެނެސްދޭން ފެށިއެވެ. ރޭޑިއޯގެ ހަޔާތުން 100 ވަނަ ޕްރޮގްރާމާއެކު ފުރަތަމަ ފަހަރަށް ރޭޑިއޯ ޑްރާމާއެއް އާއްމުންނާ ހަމައަށް ގެނެސްދިނެވެ. މާލޭ ރޭޑިއޯގެ އުމުރުން 1 އަހަރާއި ދެމަހާއި 14 ދުވަހަށްފަހު، ރޭޑިއޯގެ ހިންގުން ސިނަމާ ކޮމްޕެނީގެ ދަށަށް ބަދަލުވެ، ރޭޑިއޯގެ ނަން މާލޭ ސެނެކޯ ރޭޑިއޯއަށް ބަދަލުކުރިއެވެ. އެއީ 1964 ވަނަ އަހަރުގެ މާރޗްމަހުގެ 12 ވަނަ ދުވަހުއެވެ.ސެނެކޯ ރޭޑިއޯ އުފަންވުމާއެކު ރޭޑިއޯގެ ހިންގުން ހަރުދަނާކޮށް އެކަމަށް ބޭނުންވާ ޤަވާއިދުތަކާއި އުސޫލްތައް އެކުލަވާލާ އަމަލުކުރަން ފެށިއެވެ. ރޭޑިއޯ ޕްރޮގްރާމް ގައިޑް އެކުލަވާލާ ޕްރޮގްރާމްތަކާއި ޚަބަރުތައް ގެނެސްދޭނެ ގަޑިތައް ކަނޑައެޅިއެވެ. 1965 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު ސެނެކޯ ރޭޑިއޯއިން ފުރަތަމަ ފަހަރަށް މެދުކެނޑުމެއްނެތި 16 ގަޑިއިރަށް ޚިދުމަތްދޭން ފެށިއެވެ. މިކަން ކޮށްފައިވަނީ ސްރީލަންކާގެ އިންޖިނިއަރެއްގެ ކުރެހުންތަކާއި އެއްގޮތަށް ދިވެހިންގެ އަމިއްލަ މަސައްކަތުން ފަރުމާކޮށްފައިވާ 3 ޓްރާންސްމީޓަރު މެދުވެރިކޮށެވެ. 1966 ވަނަ އަހަރުގެ ސެޕްޓެމްބަރ 11 ވަނަ ދުވަހު ސަރުކާރުގެ ރޭޑިއޯ ސްޓޭޝަނަކަށް ސެނެކޯ ރޭޑިއޯ ބަދަލުކުރެވުނެވެ. ޖެހިގެން އައި އަހަރުގެ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހު ސެނެކޯ ރޭޑިއޯގެ ނަން، މޯލްޑިވްސް އައިލެންޑް ބްރޯޑްކާސްޓިންގ ސަރވިސްއަށް ބަދަލުވިއެވެ. މިއާއެކު ތަރައްޤީގެ އައު ހަރުފަތްތައް ގިރާކުރަމުންގޮސް 16 ފެބްރުއަރީ 1969 ގައި އެ ނަން ރޭޑިއޯ މޯލްޑިވްސްއަށް ބަދަލުކުރިއެވެ.ރޭޑިއޯ ބްރޯޑްކާސްޓިންގެ ދާއިރާއަށް ފަންނުވެރި ދަރިންތަކެއް އުފަންކުރަމުންދިޔަ ރޭޑިއޯ މޯލްޑިވްސްގެ ނަން މިހާރު އިވެމުންދާ "ދިވެހިރާއްޖޭގެ އަޑު"ގެ ނަމަށް ބަދަލުކުރީ 1980 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުއެވެ. ރޭޑިއޯގެ ޙިދުމަތް ރާއްޖޭގައި ދޭން ފެށިތާ 19 އަހަރަށްފަހު އައު ވަސީލަތްތަކާއި ޓްރާސްމީޓަރުތަކުގެ އެހީގައި ރޭޑިއޯގެ ސިގްނަލް މުޅި ރާއްޖެއަށް ސާފުކަމާއެކު ފެތުރުނެވެ. 1990 ގެ އަހަރުތަކުން ފެށިގެން ތަފާތު އެކި ބަދަލުތަކާއެކު އިތުރު ރޭޑިއޯ ޗެނަލްތައް އުފަން ވެގެންދިޔައެވެ. ތަފާތު ނަންނަމުގައި މަޢުލޫމާތާއި މުނިފޫހިފިލުވުމުގެ ޕްރޮގްރާމްތައް ފުޅާކޮށް، އަޑުގެ ޓްރާންސްމިޝަން 24 ގަޑިއިރު ގެނެސްދޭން ފަށާފައިވަނީ 2005 ވަނަ އަހަރުގެ ތެރޭގައެވެ.

2009ވަނަ އަހަރު މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން، އެމް.އެން.ބީ.ސީ އިން ދިވެހިރާއްޖޭގެ އަޑުގެ ނަން "ރާއްޖެ ރޭޑިއޯ"ގެ ނަމަށް ބަދަލުކުރިއެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ ނަމުގައި އުފެއްދެވި، ކޯޕަރޭޝަންގެ ދަށަށް 2012ވަނަ އަހަރު ރޭޑިއޯ ބަދަލުވުމާއިއެކު، އެ ކުންފުނިންވަނީ ރާއްޖެ ރޭޑިއޯގެ ނަން އަލުން "ދިވެހިރާއްޖޭގެ އަޑު"ގެ ނަމަށް ބަދަލުކޮށްފައެވެ. މިހާރު ދިވެހިރާއްޖޭގެ އަޑު ހިނގަމުންދަނީ ރައްޔިތުންގެ މަޖިލީހުން ދެހާސް ފަނަރަވަނަ އަހަރު އުފައްދަވާފައިވާ ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް އިންނެވެ.



މި ވޭތުވެދިޔަ 55 އަހަރުވީ ދިގު ތާރީޚުގައި ދިވެހިރާއްޖޭގެ އަޑުން ދީނީ މަޢުލޫމާތާއި ޚަބަރާއި ތަޢުލީމާއި ޢާންމުން ހޭލުންތެރިކުރުވުމާއި ކުޅިވަރާއި މުނިފޫހިފިލުވުން ފަދަ ރޮނގު ރޮނގުން ދިވެހި ރައްޔިތުންނަށް ގިނަ ޚިދުމަތްތަކެއް ފޯރުވައިދީފައިވެއެވެ. އަދި ޤައުމީ މުނާސަބަތުތަކާއި، އިޖްތިމާޢީ ކަންކަމުގެ މަޢުލޫމާތާއި ޚަބަރުތައް އާންމުންނާ ހަމައަށްވަނީ ގެނެސްދީފައެވެ. ޤައުމަށް ދިމާވާ އެކި ކަހަލަ ކާރިޘާތަކުގައިވެސް އާންމުންނަށް އެންމެ އެކަށޭނެ މަޢުލޫމާތުތަކާއި އިރުޝާދުތައް ވަގުތުން ވަގުތަށް އެންމެ ތާޒާ ކަމާއެކު ފޯރުކޮށްދޭ އެއް ވަސީލަތަކީ ދިވެހިރާއްޖޭގެ އަޑެވެ. 

ބާއްޖަވެރި ހެނދުނެއް، އެބައުޅޭ އެބައުޅޭ، ފަދަ ޕްރޮގްރާމް ތަކަކީ ދިވެހީން އަހައި ފޫހި ނުވާ ޕްރޮގްރާމްތަކެވެ. މީގެ ތެރެއިންވެސް ރޭޑިޔޯ ޑްރާމާތަކަކީ މިހާރުވެސް ވަރަށް މަޤުބޫލު، ގިނަ ބައެއްގެ ތަރުޙީބު ލިބެމުންދާ ޑްރާމާތަކެވެ. ފަތިސްނަމާދަށްފަހު އެއަންނަ ޕްރޮގްރާމްތަކާއި އެގަޑީގައި ފޮނުވާ ކީރިތި ޤުރުއާން ކިޔެވުމުގެ އަޑަކީ ދުވަހުގެ ފެށުންކަމުގައި ބަލައި، އެއަޑު އެހުމަށް އާދަވެ ޝައުގުވެރިވެފައިވާ ދިވެހީން މިހާރުވެސް މަދެއް ނޫނެވެ.

ރާއްޖޭގެ އުތުރާއި ދެކުނުގައި މީހުން ދިރިއުޅޭ ރަށްރަށާއި، ހަމައެހެންމެ ވެރިރަށް މާލެއަށް އަންނަމުން މިދާ ތަރައްޤީއާއެކުވެސް ދިވެހިރާއްޖޭގެ އަޑު އަހާލަން ބޭނުންވާ މީހުން އަދިވެސް އެބަތިއްބެއެވެ. ޤައުމީ ޚިދުމަތުގައި މެދުކެނޑުމެއްނެތި 24 ގަޑިއިރު އާއްމުންގެ ބައިވެރިއެއްގެ ގޮތުގައި ޚިދުމަތް ދެމުން އަންނަ ދިވެހިރާއްޖޭގެ އަޑު ހިންގުމާއި ޕަބްލިކް ސަރވިސް މީޑިއާއިން ހަވާލުވުމާއެކު، އަނެއްކާވެސް މިވަނީ ތަރައްޤީގެ އިތުރު މިސްރާބަކަށް ދަތުރުފަށާފައެވެ. އެއީ ދިވެހި ރާއްޖޭގެ އަޑުގެ ޚިދުމަތް ޑިޖިޓަލް ކުރުމުގެ ބިޔަ އަދި އުންމީދީ މަޝްރޫޢުއެވެ. ޑިޖިޓަލް ރޭޑިއޯގެ ޚިދުމަތާއެކު ރައްޔިތުންނަށް ބޭނުންވާ ޚާއްޞާ މެސެޖުތަކާއި މަޢޫލޫމާތުތައް ސްމާޓް ރޭޑިއޯތަކުގެ ޑިސްޕްލޭއަށް ފޮނުވޭނެއެވެ. އަދި ކާރިސާތަކާ ގުޅޭ އެލަރޓްތައް މޯބައިލް ފޯނުތަކަށް ޓެކްސްޓް މެސެޖުގެ ޒަރިއްޔާއިންވެސް ފޮނުވޭނެއެވެ.

ތަޢުލީމީ ޖީލެއް ބިނާކުރުމުގައި މުހިއްމު ދައުރެއް އަދާކުރަމުންދާ ދިވެހިރާއްޖޭގެ އަޑު ހަޤީގަތުގައިވެސް މިއަދުވެފައިވަނީ ރައްޔިތުންގެ ވިންދުތަކާއި އިޙްސާސްތައް ދަންނަ ރައްޔިތުންނާއި ރައްޓެހި ރައްޔިތުންގެ ރޭޑިއޯއަށެވެ.