ތަރައްްޤީ

ހުޅުމާލެ ފޭސް ދޭއްގެ ބައެއް މަގުތަކުގައި ތާރުއަޅަން ފަށަނީ


ހުޅުމާލެ ފޭސް ދޭއްގައި ތަރައްޤީކުރަމުން އަންނަ މަގުތަކުގެ ތެރެއިން ބައެއް މަގުތަކުގައި ތާރު އެޅުމަށް ތައްޔާރުވެފައިވާކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ބުނެފިއެވެ.

އެޗްޑީސީގެ ޑިރެކްޓަރ އޮފް ޕްރޮޖެކްޓްސް ނަވާޒް ޝައުޤީ ވިދާޅުވީ މަގުހެދުމުގެ މަސައްކަތް 3 ޒޯނަކަށް ބަހާލައިގެން ކުރިއަށްގެންދާއިރު، ޒޯން ތިނެއްގައި ތާރު އެޅުމުގެ ކުރިން އަޅާ އެގްރިގޭޓް ބޭސް ލޭޔަރގެ މަސައްކަތް މިހާރު މުޅިން ނިމިފައިވާކަމަށެވެ.

ސަތޭކަހާސް މީހުންގެ ޢާބާދީއަކަށް އަމާޒުކޮށްގެން ތަރައްޤީކުރާ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިހާރުވެސް ގިނަ މަސައްކަތްތަކެއް ފަށައިގެން ކުރިއަށް އެބަގެންދެއެވެ. ހައުސިންގ ޔުނިޓްތައް އެޅުމުގެ މަސައްކަތާއި، އޮފީސް އިމާރާތާއި، ބީޗް ރިވެޓްމެންޓް ޖެހުމާއި، ކަނެކްޓިވިޓީ ބްރިޖްގެ މަސައްކަތްތަކަކީ އެކުއެކީގައި ފެށިގެން ކުރިއަށްދާ މަސައްކަތްތަކެކެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިހާރު އެންމެ އިސްކަމެއް ދީގެން ކުރަމުންދާ އެއް މަސައްކަތަކީ މަގު ހެދުމުގެ މަސައްކަތެވެ. އެޗްޑީސީން މަޢުލޫމާތުދޭ ގޮތުގައި ހުލުމާލެ ފޭސް ދޭއްގެ މަގުތަކުގެ މަސައްކަތްތަ ކުރިއަށްދަނީ އެކަމަށް ވަރަށްބޮޑަށް ތައްޔާރުވެ ފޭސް އެކެއްގެ މަގުތަކަށްވުރެ ފެންވަރު ރަނގަޅު ޕްލޭންތަކަކާއި އެކުގައެވެ.

img:http://s4.psmnews.mv/images/660x400/15079889322848.jpg|ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަގު ހެދުމުގެ މަސައްކަތް ކުރަމުންދަނީ- ފޮޓޯ: އެޗްޑީސީ

ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަގު ހެދުމުގެ މަސައްކަތް ތިން ޒޯނަކަށް ބަހާލައިގެން ކުރިއަށްގެންދާއިރު، މިއީ ޖުމްލަ 12.8 ކިލޯމީޓަރުގެ މަގުހެދުމުގެ މަޝްރޫޢުއެކެވެ.

އެޗްޑީސީގެ ޑިރެކްޓަރ އޮފް ޕްރޮޖެކްޓްސް ނަވާޒް ޝައުޤީ ވިދާޅުވީ މަގުތައް ތަރައްޤީކުރަނީ ބޭރުގެ ކުރިއަރާފައިވާ ޤައުމުތަކުގައި މަގުތައް ތަރައްޤީކުރާ ފެންވަރަށްކަމަށެވެ. އެގޮތުން މަގު ބައްތިއާއި ސްޓްރީޓް ސައިންތަކާއެކު މަގު ތަރައްޤީކުރަމުން އަންނައިރު، ފެނާއި ނަރުދަމާގެ ލޭންތައް ފަސޭހައިން އެޅޭގޮތަށް މަގުތައް ހަދާފައިވާކަން ނަވާޒް ފާހަގަކުރިއެވެ.

ފޭސް ދޭއްގައި ތިންޒޯނަކަށް ބަހާލައިގެން މަގުތައް ހެދުމުގެ މަސައްކަތް ކުރާއިރު، މިހާރު ތަރައްޤީކުރަނީ މައި ބޮޑެތި މަގުތަކެވެ. ތިން ޒޯންގައިވެސް މަގު ތަރައްޤީކުރުމުގެ މަސައްކަތް އެކި މަރުޙަލާގައި ކުރިއަށްދާކަމަށް ނަވާޒް ވިދާޅުވިއެވެ.

"މަގުހެދުމުގެ ޒޯން ތިނެއްގައި މިހާރު ކުރިއަށްދަނީ އެގްރިގޭޓް ބޭސް ލެޔަރ އެޅުމުގެ މަސައްކަތް. މިހާރު މި ތައްޔާރުވަމުންދަނީ ތާރު އެޅުމުގެ މަސައްކަތް ފެށުމަށް. ޒޯން ދޭގައިވެސް ވަނީ ބޮޑު ބައެއްގެ މަސައްކަތް ނިމިފައި. އަދި މަގު އަރިމަތީގައިޖަހާ ކަރބް ސްޓޯން ޖެހުމުގެ މަސައްކަތްތައްވެސް އެބަ ކުރިއަށްދޭ. ޢަމާޒަކީ މިހާރު ފަށާފައިވާ މަގުގެެ މަސައްކަތްތައް ޑިސެމްބަރުމަހުގެ ނިޔަލަށް ނިންމާލުން." ނަވާޒް ވިދާޅުވިއެވެ.

ނަވާޒު ވިދާޅުވީ މަގު ތަރައްޤީކުރުމުގެ މަސައްކަތް ކުރަނީ ފުރަތަމަ އަޅާ ހައުސިންގ ޔުނިޓްތަކަށް އަންނަ ފަރާތްތަކަށްވެސް އެއްވެސް ދަތިކަމެއްނެތި މަގު ބޭނުން ކުރަން ފެށޭގޮތަށްކަމަށެވެ. އެގޮތުން އެތެރޭގެ މަގުތަކުގެ މަސައްކަތް ނުނިމުނުކަމުގައިވިއަސް ދަތުރު ކުރުމުގައި އެއްވެސް ދައްޗެއް ކުރިމަތި ނުވާނެކަމަށް ނަވާޒް ވިދާޅުވިއެވެ. އަދި މައި މަގުގެ މަސައްކަތް ނިމުމާއެކު އެތެރޭގެ މަގުތަކުގެ މަސައްކަތްވެސް ފަށާނެކަމަށް ނަވާޒް ވިދާޅުވިއެވެ.